ސުލްހަވެރިކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އެއްވާ ފަރާތްތަކާއި މެދު ގާނޫނުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް ބައެއް ފަރާތްތަކުން މިފަހަކަށް އައިސް އެއްވުންތައް އިންތިޒާމު ކުރަމުން އަންނަކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ފުލުހުން ބުނީ އެއްވެ އުޅުމުގެ ގާނޫނުގެ އިމުން ބޭރުން ބައެއް ފަރާތްތަކުން އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އަޑުގަދަ ކުރާ ބޭނުން ކޮށްގެން އުޅަނދުބުރު ބޭއްވުން ފަދަ ކަންކަން ކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުގައި ބަޔާންކުރާ ކުއްލި އެއްވުމުގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެއްވުންތައް ގާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއް ނެތި ބާއްވަން މަސައްކަތް ކުރަމުންދާކަންވެސް އެ މުއައްސަސާއަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ ގާނޫނާއި އެއްގޮތަށް ބާއްވާ އެއްވުންތަކަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ. ފުލުހުން ވަނީ ސުލްހަވެރިކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ އިމުގެ ތެރެއިން އެއްވުންތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދައިން އަމަލު ނުކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މިފަދައިން ބުނެފައި މިވަނީ މި ދުވަސްކޮޅު އެމްޑީއެންއާ ދެކޮޅަށް ބައެއް ފަރާތްތަކުން އަޑު އުފުލާ އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ފުލުހުން ވަނީ އިއްޔެވެސް އެމްޑީއެންއާ ދެކޮޅަށް އޮތް އެއްވުމަކަށް ހުރަސް އަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް