ކޯލިޝަން އެއްބަސްވުމުގައި 2015ގައި ނެރުނު ރިޕޯޓަށް އަމަލުކުރާކަށް ނޯންނާނެ: ނަޝީދު

ސަރުކާރު ކޯލިޝަންގެ އެއްބަސްވުމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން 2015ވަނަ އަހަރު ނެރެފައިވާ ރިޕޯޓަށް އަމަލުކުރާކަށް ނޯންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދ...

26 Oct 2019 | 13:47

ސަރުކާރު ކޯލިޝަންގެ އެއްބަސްވުމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން 2015ވަނަ އަހަރު ނެރެފައިވާ ރިޕޯޓަށް އަމަލުކުރާކަށް ނޯންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް އެމްޑީޕީން ނިކުތީ އިތުރު ތިން ބަޔަކާއި އެކު އެއްބައިވަންތަ ސަރުކާރެއް އުފެއްދުމަށް ކަމަށެވެ. އަދި އެ ސަރުކާރުގެ ދީނީ ކަންކަން ގެންދާނެ ގޮތަކީ، އަދާލަތު ޕާޓީގެ ހުށަހެޅުން ކަމަށް އެމްޑީޕީން ގަބޫލުކޮށްފައިވާނެ ކަމަށްވެސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވިއެވެ. އެމްޑީއެންގެ ނަން ބޭނުން ނުކޮށް ނުސީދާކޮށް އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ސިޔާސީ ޝިޔާރެއް ނުވަތަ 2015ވަނަ އަހަރު ނެރުނު ރިޕޯޓަކަށް އަމަލުކުރަން ޖެހޭ ކަމަކަށް ކޯލިޝަން އެއްބަސްވުމުގައި ނޯންނާނެ ކަމަށެވެ.

https://twitter.com/MohamedNasheed/status/1188078239547183105

އެމްޑީޕީން ބުނަމުން އަންނަނީ އެމްޑީއެން އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކީ 2015ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނެރުނު ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެކަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދޮގު ކުރެއެވެ. އަދި ބައެއް ދީނީ އިލްމުވެރިންވެސް އެކަން އަންނަނީ ދޮގު ކުރަމުންނެވެ. އިދިކޮޅު ކޯލިޝަނުން ބުނީ، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރެފައިވަނީ މިއަހަރުގެ ތެރޭގައި ކަމަށެވެ.

މި ރިޕޯޓާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެހެންނަމަވެސް މިކަމުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އަންނަނީ އެމްޑީއެން ރިޕޯޓު ދިފާއުކޮށް ވާހަކަދައްކަމުންނެވެ. އަދި އެމްޑީއެން އުވާލުމަށް ގިނަބަޔަކު ގޮވަމުން އަންނައިރު އެމްޑީޕީން ވަނީ ފާޅުގައި ޖަމިއްޔާތަށް އުވާލުމަކީ އެޕާޓީން ތާއީދު ކުރާ ކަމެއް ނޫން ކަމަށް ބުނެ ބަޔާންވެސް ނެރެފައެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ހުދު ރައީސް ނަޝީދުވެސް ވަނީ ތަފާތު އެކި ފަހަރު މަތިން ވިދާޅުވެފައެވެ. އެހެންނަމަވެސް މިފަހަކަށް އައިސް ފެންނަމުން ދަނީ އެމަނިކުފާނު މި ރިޕޯޓާއި އެ ޖަމިއްޔާވެސް ދިފާއުކޮށް ވާހަކަދައްކަމުން ގެންދަވާ މަންޒަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް