މަންމާފުޅުގެ އެދިލެއްވުމަށް ރައީސް މައުމޫނަށް މާފުކޮށްފިން: ޖާބިރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ދައްކަވާގޮތަށް ނެންނެގި ކަމަށްބުނާ 29 މިލިޔަން ރުފިޔާ މާފުކޮށްފިން ކަމަށާއި ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވުމަށްވެސް ނިންމަވާފައިވާކަ...

26 Oct 2019 | 06:13

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ދައްކަވާގޮތަށް ނެންނެގި ކަމަށްބުނާ 29 މިލިޔަން ރުފިޔާ މާފުކޮށްފިން ކަމަށާއި ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވުމަށްވެސް ނިންމަވާފައިވާކަމުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ޖާބިރު ވިދާޅުވީ އެގޮތަށް ނިންމެވީ އޭނާގެ މަންމާފުޅުގެ އެދިލެއްވުމުގެ މަތިން ކަމަށެވެ.

"އަޅުގަނޑުގެ މަންމާފުޅާ މައުމޫން އާ ވަރަށް ގާތްކަމަށް މައުލޫމާތު ލިބެނީ، އެހެންކަމުން މަންމާފުޅުގެ އެދިލެއްވުމުގެ މަތިން މާފުކުރަން ނިންމީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ މަންމާފުޅު، މަރިޔަމް މަނިކެއަކީ ގއ. ކޮލަމާފުށީ މީހެކެވެ. ރައީސް މައުމޫނަކީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެންކަމުން ރައީސް މައުމޫން އާއި ޖާބިރުގެ މަންމާފުޅަކީ ތިމާގެ ބައެއް ކަމުގައި ޖާބިރު ދެންނެވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް މައުމޫން އެ ފައިސާ ހޭދަކުރެއްވީ ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކަމުގައި ރައީސް މައުމޫން އޭނާ ގާތު ދަންނަވާފައިވާކަމަށެވެ. އެހެންކަމުން އެ ފައިސާ އެ ހަރަދުކުރީ ރައްޔިތުންނަށްޓަކައި ކަމުގައި ގަބޫލުކުރައްވާ ކަމުގައި ޖާބިރު ވިދާޅުވިއެވެ.

ފުލުސް އޮފީހަށް ޖާބިރު ހުށަހަޅާފައިވާ މައްސަލައިގާ ބުނެފައިވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި 29 މިލިޔަން ރުފިޔާ، ރައީސް މައުމޫން އޭނާ އަތުން ނެންގެވި ކަމަށެވެ. އަދި އެއީ އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ފައިސާ ކަމަށެވެ.

އެހެންނަމަވެސް ރައީސް މައުމޫނަށް ޖާބިރު ކުރަމުން އަންނަ މި ތުހުމަތު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަނީ ދޮގުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް