ދިވެހި ރާއްޖޭގައި ބާއްވާ ހަމައެކަނި އެނުއަލް ހެލްތް އެގްޒިބިޝަން ' މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019' ފަސްވެއްޖެ އެވެ.
ކުރިން މި އެގްޒިބިޝަން އަންނަ މަހުގެ ތިން ވަނަ ދުވަހުން ފަސް ވަނަ ދުވަހަށް ކުރިއަށް ގެންދަން ނިންމައިފައިވި ނަމަވެސް މިހާރު އެތާރީހު ވަނީ ބަދަލުވެފައެވެ. މިހާރު މި އެގްޒިބިޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުން 20 ވަނަ ދުވަހަށެވެ.
އެމްވީ މެޑިކަލްސް އިން ބުނިގޮތުގައި، މިއެގްޒިބިޝަން ބާއްވާ ދުވަސް ފަސްކުރަން ޖެހުނީ ރާއްޖެއާ ރާއްޖޭން ބޭރުގެ ގިނަފަރާތްތަކަކުން ދިއުމުން ކަމަށެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ އެގްޒިބިޝަންވެސް ބާއްވަނީ އެމްވީ މެޑިކަލްސް އާއި އިންޑިޔާގެ މެޑްލައިފް އޭޝިއާ ގުޅިގެންނެވެ.
މި އެކްޕޯގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި، އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމެވެ.
މި އެކްސްޕޯގައި ބައިވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ވިޔަފާރިތަކަށާއި ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށްކަން ވެގެންދާނެ ކަމަށް އެމްވީ މެޑިކަލްސް އިން ވިދާޅުވިއެވެ.
އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އެގްޒިބިޝަނަށް ހުރިހާ ފަރާތްތަކަށްވެސް ހިލޭ ވަދޭވޭނެ ކަމަށާއި، މި އެގްޒިބްޝަނަށް އަންނަ ފަރާތްތަކަށް ސިއްހީ ދާއިރާއާއި ގުޅޭ ވަރަށްގިނަ މަޢުލޫމާތު ލިބިގެންދާނެ ކަމަށް ވެސް އެމްވީ މެޑިކަލްސް އިން ފާހަގަކުރެއެވެ. އަދި އެމްވީ މެޑިކަލްސް ގެ ފަރާތުން މަޢުލޫމާތު ދެއްވާގޮތުގައި ސިއްހީ ދާއިރާއާ ގުޅުންހުރި ކޮންމެ ޚިދުމަތެއް ދޭ ފަރާތަކަށްވެސް މި އެކްސްޕޯގައި ބައިވެރި ވެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް