ސްޓްރައިކް އެމްވީ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މޫސުމާ ބެހޭ ހަޅުތާލުގައި ކުޑަކުދިން ވެސް ބައިވެރިވެއްޖެ އެވެ.
ތިމާވެއްޓަށް ދޭ ގެއްލުންތަކުން ދުނިޔެ ސަލާމަތް ކުރުމަށްޓަކައި ކުރާ މި ހަޅުތާލު "ގްލޯބަލް ކްލައިމެޓް ސްޓްރައިކް"ގެ ނަމުގައި މުޅި ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި ކުރިއަށް ދާއިރު ރާއްޖޭގައި މި ހަޅުތާލު ކުރިއަށް ގެންގޮސްފައި ވަނީ ވެލާނާގޭ ދޮރުމަތީ އެވެ.
އެންމެ ގިނަ އޮފީސް ހުންނަ ވެލާނާގެ ކުރިމަތީގައި މިއަދު ކުރި ހަޅުތާލު ފަށާފައި ވަނީ ހެނދުނު 8:00 އިން ފެށިގެންނެވެ.
ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ބައިވެރިވި މި ހަޅުތާލުގައި، ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ އެކިއެކި ލިޔުންތަކާއި ކުރެހުންތައް ވަނީ ބޭނުންކޮށްފައެވެ.
މި ހަޅުތާލުގައި، ރާއްޖޭއިން ބޭރުގައި ތިމާވެށި ހިމާޔަތް ކުރާނަމޭ ބުނުމުގެ ބަދަލުގައި އެކަން އަމަލީ ގޮތުން ދެއްކުމަށާއި، އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ވަގުތުން ވަގުތަށް މަނާކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ގްރީންޒޯން ވެލާނާގެ ހުންނައިރު އެ ސަރަހައްދުގައި އެއްވުމަކީ މަނާ ކަމެކެވެ. ނަމަވެސް އެ އެއްވުން ހުއްޓުވުމަށް ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެއެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ސްޓްރައިކް އެމްވީ އިން މިދިޔަ ހުކުރު ދުވަހުން ފެށިގެން ދަނީ ހަޅުތާލު ކުރަމުންނެވެ. މާލޭގެ އިތުރުން އައްޑޫ އާއި ކުޅުދުއްފުށީގައި ވެސް މިހަޅުތާލު ކުރަމުން އަންނައިރު، ފުވައްމުލަކުގައި ވެސް މިއަދު މި ހަޅުތާލު ފަށާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް