ޓްރާންސްޕޯޓްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން އުޅޭކަމަށް ބުނެ ރައީސަށް ޕެޓިޝަނެއް

ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން އުޅޭ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަށް ޕެޓިޝަނަކާއި އެކު ސިޓީ އެއ...

26 Sep 2019 | 06:55

ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން އުޅޭ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަށް ޕެޓިޝަނަކާއި އެކު ސިޓީ އެއް ފޮނުވައިފިއެވެ.

މި ސިޓީގައި ބުނެފައިވާގޮތުގައި، ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން އުޅޭ ކަމަށާއި، ވަޒީފާއިން ވަކިކުރަން އުޅެނީ ހާޒިރީގެ މައްސަލަތަކެއް ފެންމަތި ކުރުވުމަށްފަހު ކަމަށެވެ. ނަމަވެސް މުވައްޒަފުން ގަޑިޖެހޭ މައްސަލަ ނުވަތަ ހާޒިރީ އެހެން މައްސަލައަކާ ގުޅިގެން ވެސް މީގެ ކުރިން ދުވަހަކު ވެސް ވާހަކަ ދައްކާފައި ނުވާ ކަމަށް އެ ސިޓީގައި ހާމަކޮށްފައި ވެއެވެ.

އެ އޮތޯރިޓީގެ މުވައްޒަފުންނަށް އިތުރު އިނާޔަތެއް ނުލިބޭ ކަމަށާއި، މުވައްޒަފުން މަދުވުމުގެ ސަބަބުން އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހުމާއި، ޗުއްޓީ އަދި ސަލާމުގައި ހުންނަ ދުވަސް ދުވަހުވެސް ވަޒީފާ އަށް ނިކުންނަން ޖެހޭ ކަމަށް އެ ސިޓީގައި ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، މުވައްޒަފުން ކޮށްދީފައިވާ މަސައްކަތްތަކާއި، އޮފީހުން މުވައްޒަފުންނާ މެދު އަމަލު ކުރި ގޮތަށް އެއްވެސް ބެލުމެއް ނެތް ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

އެ އޮތޯރިޓީގެ މުވައްޒަފުން މިހާތަނަށް ކުރި ބުރަ މަސައްކަތްތަށް އެ ސިޓީގައި ބަޔާންކޮށްފައިވާއިރު، ހާޒިރީގައި މައްސަލަ އުޅޭކަމަށް ބުނެ އިސްލާހު ކުރަން ފުރުސަތެއް ނުދީ، ވަޒީފާއިން ވަކިކުރުމަކީ ހިތާމަކުރާ ކަމެއްކަމަށް ވެސް ބުނެފައި ވެއެވެ. އެ އޮތޯރިޓީން ވަޒީފާއިން ކަނޑާލަން އުޅޭ މުވައްޒަފުންގެ ލިސްޓެއް އޮތްކަމުގެ މައުލޫމާތު ޖުލައި މަހު މުވައްޒަފުންނަށް ލިބިފައިވާކަމަށް ވެސް އެ ސިޓީގައި ހާމަކޮށްފައި ވެއެވެ.

މި ސިޓީއާއި އެކު ރައީސަށް ފޮނުވި ޕެޓިޝަނުގައި އެ އޮތޯރިޓީގެ 48 މުވައްޒަފުން ވަނީ ސޮއިކޮށްފައެވެ. އެ ސިޓީ ނިންމައިލަމުން ބުނެފައި ވަނީ ރައީސް ސޯލިހުގެ ސަރުކާރެއްގައި މުވައްޒަފުން ހައްގަކާއި ނުލައި ވަކި ނުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، މުވައްޒަފުން ހައްގަކާއި ނުލައި ވަޒީފާއިން ވަކިކުރުމުގެ ފުރުސަތު ނުދެއްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް