ގަވާއިދާ ހިލާފަށް އުޅޭބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތާއި ދޭތެރޭ ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު އުފައްދަވައިފިއެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި، ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ފެށި މަސައްކަތަކީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ފިލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ފެށި މަސައްކަތެއްތޯ އާއި، ދެން ތިބި މީހުންނަށް ފައިސާ ހޯދަން މަގުފަހުކުރުވި ދޮރެއްތޯ ސުވާލުކުރައްވާފައި ވެއެވެ.
ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރަން ފަށާފައިވާ މަސައްކަތުގައި، ކިތައް ބިދޭސީން މަދުވާނެ ކަމާއި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދާނީތޯ ވެސް ޑރ. ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ. ބިދޭސީން އެތެރެކުރާ އެޖެންސީތަކުން ތިބީ އުފަލުން ފޮޅިފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
https://twitter.com/MJameelAhmed/status/1177088405756231680
ޑރ. ޖަމީލް މި ސުވާލުތައް ކުރެއްވިއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އަންދާޒާ ކުރެވޭގޮތުގައި 50،000 އަށް ވުރެން މައްޗަށް އަރާނެކަމަށް އިކޮނޮމިކް މިނިސްޓްރު ފައްޔާޒު އިސްމާއިލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ބިދޭސީންގެ މައްސަލަ ހައްލުނުވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ބިދޭސީން އެތެރެކުރަން ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި އޮޅުވާލައިގެން ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ފަރާތްތަކުގެ ނަންތައް އިއްޔެ އެމިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މިނިސްޓްރީން އިއުލާނުކުރި ލިސްޓުގައި ވަގު ލިޔުން ހުށަހެޅި 13 ފަރާތެއްގެ ނަން ހާމަކުރި ނަމަވެސް ލިސްޓަށް ބަދަލުތަކެއް ގެންނަން މިހާރު ވަނީ އެ އިއުލާނު ގެޒެޓުން ނަގާފައެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަނީ 'ރެގިއުލަރައިޖޭޝަން ޕްރޮގްރާމް' އެއް ފަށައިފައެވެ. މި ޕްރޮގްރާމް މިމަހުގެ 18 ވަނަ ދުވަހު ފަށާފައިވާއިރު، މި ޕްރޮގްރާމަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދަނެތި، ނުވަތަ ގަވާއިދާ ހިލާފަށް ރާއްޖެ އައިސް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް