ބްލޫ ޕޮރެސްޕެރެޓީ އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަށްވައިފި

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް، އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަށްވައިފިއެވެ. ބްލޫ ޕްރޮސްޕެ...

26 Sep 2019 | 05:02

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް، އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަށްވައިފިއެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ، ނޫ އިޤްތިޞާދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާދާއިރާއެއްގައި މަސަތްކަތް ކުރާ ކޯލިޝަނެކެވެ. އެގޮތުން ބްލޫ ޕްރޮސްޕެރިޓީ މަޤްޞަދަކީ އެ ޖަމާޢަތުގައި ބައިވެރިވެފައިވާ ޤައުމުތަކުން ގުޅިގެން ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ރައްކާތެރި ކުރުމެވެ.

ބްލޫ ޕޮރެސްޕެރެޓީ އާއި ރާއްޖެއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދެވެ. ބްލޫ ޕްރޮސްފެރިޓީ ކޯލިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ވައިޓް ފައުންޑޭޝަންގެ ޗެއަރމަން ޓެޑް ވައިޓްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، އިޤްތިޞާދީ ކުރިއެރުން ޙާޞިލު ކުރެވޭނީ އަދި ކުރަންވާނީ ވެސް ކަނޑުތަކާ ރައްޓެހި އާދަތަކެއްގެ ތެރެއިންކަމަށެވެ. އަދި ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ވަނީ ރައީސް ފާހަގަކުރަށްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން ހަ އަހަރުގެ ދުވަހަށް ޕްރޮގްރާމެއް އެކަށައެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖޭގެ ކަނޑުތަކުގެ 20 އިންސައްތައަކީ ރައްކާތެރިކުރެވިފައިވާ ކަނޑުގެ ސަރަޙައްދުތަކަށް ހެދުމަށެވެ.

މީގެ އިތުރުން ނޫ އިޤްތިޞާދު ކުރިއެރުވުމަށް ޕްރޮގްރާމެއް އެކުލަވާލައި ކަނޑުގެ ދިރުންތައް ދެމެހެއްޓުމުގައި ބަލަންޖެހޭ ކަންތައްތަކާއި އެއްގޮތައް ޢަމަލުކުރޭތޯ ބެލުންވެސް މިޕްރޮގްރާމުގައި ހިމެނެއެވެ.

މިބައްދަލު ކުރުމުގައި ރައީސް ވަނީ ކަނޑުތަކާ ގުޅޭގޮތުން ސައިންސްވެރިން ހޯދާ ހޯދުންތަކުގެ އަލީގައި ކަނޑުފަޅުގެ ދިރުންތައް ދަމަހައްޓައި، ކަނޑުތައް ބެލެހެއްޓުމުގައި ރާއްޖެއިން ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމުގައި ވިދާޅުވެފައެވެ. ކަނޑުތަކުގެ ރައްކާތެރިކަމަކީ ރާއްޖޭގެ ޤައުމީ މަސްލަހަތާއި ގުޅި ލާމެހިފައިވާ ކަމެއްކަމުގައި ވެސް ރައީސް ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް