އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ބުނާ حديث އަކީ حجّة އެއް ކަމުގައި ބަލާނަމަ، އަންހެނުންނަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެވޭނެ ކަމުގައި ކުރީގެ ރައީސް، އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވާ މި މައްސަލައިގާ ރައީސް މައުމޫންގެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ.
" ކޮންމެ ވަޒީފާއެއްގައި ހުންނަ މީހަކީވެސް ބަޔެއްގެ ކަމަކާ حوال ވެ ހުންނަ މީހަކަށްވާތީއެވެ. މި أصول އިން ބަލާނަމަ، އަންހެނަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވެސް ނުވެވޭނެއެވެ. ވަޒީރަކަށްވެސް ނުވެވޭނެއެވެ. މިކަމަކީ، ކިތަންމެ ކުޑަނަމަވެސް ވިސްނުމެއްހުރި އެއްވެސް މީހަކު قبول ކުރާނެ ކަމެއް ނޫނެވެ." ރައީސް މައުމޫންގެ އެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫންގެ ނޫސްބަޔާނުގައި ވިދާޅުވެފައިވާގޮތުގައި އަންހެނުން ފަނޑިޔާރުކަން ކުރުމަކީ، އިސްލާމްދީނުގައި ހުއްދަނޫން حرام ކަމެއް ކަމުގައި ވިދާޅުވާ ބޭފުޅުން ދައްކަވާ ދަލީލަކީ النّساء ސޫރަތުގެ 34 ވަނަ އާޔަތާއި، البقرة ސޫރަތުގެ 228 ވަނަ އާޔަތާއި، الإمام البخارى ގެ 4425 ވަނަ حديث އެވެ.
" މި ދެ އާޔަތާމެދު ނަޒަރު ހިންގާލައިފި ކޮންމެ މީހަކަށްވެސް ދޭހަވާނެ ފަދައިން، މި ދެ އާޔަތުގައި ބަޔާންކުރައްވާފައިވާ حكم ތަކަކީ، ދެމަފިރިންގެ މަސްއޫލިއްޔަތާއި، ވާޖިބުތަކާއި، ދެމަފިރިންގެ حق ތަކާއި، ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ގުޅުމާބެހޭ حكم ތަކެކެވެ." ރައީސް މައުމޫންގެ އެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވާގޮތުގައި އަންހެނުން ފަނޑިޔާރުކަން ކުރުމަކީ، އިސްލާމްދީނުގައި ހުއްދަ ނޫން ކަމެއް ކަމުގައި ވިދާޅުވާ ބޭފުޅުން އިތުރު ވާހަކައެއްވެސް ވިދާޅުވެއެވެ. އެއީ، ސަލާމާއި صلوات ލެއްވި ރަސޫލާއާއި، އެކަލޭގެފާނުގެ މާތް ހަތަރު خليفة އިންނާއި، بنو أميّة ގެ خليفة އިންވެސް އެއްވެސް އަންހެނަކު ފަނޑިޔާރުކަމަށް އިސްކުރައްވާފައި ނުވާކަމެވެ.
"حقيقة ގައި މިއީ قبول ކުރެވޭފަދަ حجّة އެއް ނޫނެވެ. އެހެނީ، މީހަކު ނުވަތަ ބަޔަކު ވަކި ޒަމާނެއްގައި ކޮށްފައި ނުވާ ކަމަކީ حرام ކަމެއް ކަމަށް ނުވަތަ ހުއްދަ ނޫން ކަމެއް ކަމަށް ބުނާނެ އެއްވެސް شرعى ދަލީލެއް ނުވަތަ ބުއްދީގެ ހަމައެއްވެސް ނެތެވެ." އެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ވިދާޅުވެފައިވާގޮތުގައި އިސްލާމްދީނުގެ މައިގަނޑު ދެ أصل ކަމުގައިވާ ކީރިތި قرآن އާއި މާތް ރަސޫލާގެ ސުންނަތަށް ބަލައިލާއިރު، އިސްލާމްދީނުގައި ފިރިހެނުންނާއި އަންހެނުން ތަފާތު ނުކުރައްވާކަން ވަރަށް ރަނގަޅަށް އެނގި ފެނިގެން ދެއެވެ. މާތް اللّه އަށް އީމާންވުމާއި، ކައުއިތުރު محمّد ގެފާނީ އެކަލާނގެ ރަސޫލާ ކަމަށް އީމާންވުމާއި، ނަމާދުކުރުމާއި، ރޯދަހިފުމާއި، حجّ عمرة ވުމާއި، ޒަކާތްދިނުމަކީ، އެއްވެސް ތަފާތެއް ނެތި އެއް ހަމައެއްގެމަތިން ފިރިހެނުންނާއި އަންހެނުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަންކަމެވެ. ހަމަ އެހެންމެ އިސްލާމްދީނުގައި حرام ކުރައްވާފައި ކޮންމެ ކަމަކީ، ހަމަ އެއް ހަމައެއްގެ މަތިން ފިރިހެނުންނާއި އަންހެނުންގެ މައްޗަށް حرام ކުރައްވާފައިވާ ކަންކަމެވެ. ހެޔޮ عمل ތަކަށް آخرة ދުވަހުން ثواب ދެއްވުމާއި ނުބައި عمل ތަކަށް ޖަޒާދެއްވުމުގައިވެސް، އަންހެނުންނާއި ފިރިހެނުންނާ ދެމެދު އެއްވެސް ތަފާތެއް ނެތެވެ.
އިތުރަށް ވިދާޅުވެފައިވަނީ އެ މިދެންނެވި شرعى ދަލީލުތައް މިހާ صريح ކޮށް ހުރުމާއެކު، މިމައްސަލައިގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ތަފާތެއް ގެންގުޅުމަކީ، ދީނީގޮތުން ބަލާއިރު ހުއްދަވާނެކަމެއް ކަމަކަށް ނުފެންނަ ކަމަށެވެ. އެކިއެކި މަގާމުތަކާއި ވަޒީފާތައް ދިނުމުގައި ބަލަންޖެހޭނީ، އެކަމަކަށް މީހާގެ ކުޅަދާނަކަމާއި قابل ކަން ހުރި މިންވަރެއްގެ މައްޗަށް ކަމަށެވެ. އެމީހަކަށް ލިބިފައިވާ تعليم އާއި، ތަޖުރިބާއާއި އަދި އެމީހާގެ تعليم އާއި، ސުލޫކާއި، أخلاق ގެ މައްޗަށެވެ. އެހެންކަމުން، ވަކި ޒަމާންތަކެއްގައި އަންހެނުންނަށް ވަކި ކަހަލަ މަގާމުތަކެއް حوال ކުރެވިފައި ނުވަނީ، އެޒަމާންތަކުގައި އަންހެނުންނާމެދު އަޅާނުލެވި تعليم حاصل ކުރުމުގެ فرصة އެއްވެސް ނުލިބި ދިޔުމުގެ ސަބަބުން މަގާމުތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެތީއެވެ. އެއްވެސް حال އެއްގައި طبيعى ގޮތުން އަންހެނުންގައި ناقابل ކަމެއް ނުވަތަ އުނި ސިފަތަކެއް ހުރެގެނެއް ނޫން ކަމަށެވެ.
މިސްރު، ޕާކިސްތާން، ބަންގްލަދޭޝް، އިންޑޮނީޝިޔާ، ސޫދާން ފަދަ ވަރަށް ގިނަ އިސްލާމީ قوم ތަކުގައި މިހާރުވެސް އަންހެން ބޭފުޅުން ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާކަމާއި، މިހާރު މެލޭޝިޔާގެ އުއްތަމަ ފަނޑިޔާރަކީވެސް އަންހެން ބޭފުޅެއްކަން މި فرصة ގައި ހަނދާންކޮށްލަން ޖެހޭ ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް