އަންހެނުން ފަނޑިޔާރުކަން ކުރަން ގިނަ ރައްޔިތުން ވެސް ދެކޮޅު!

ރާއްޖޭގެ ސިޔާސީ މަސްރަޙާއި ރައްޔިތުންގެ ޙިޔާލު ތަފާތުވުމަކީ އަބަދުވެސް ހިނގަމުން އަންނަ ކަމެކެވެ. އެގޮތުން މިދުވަސްކޮޅު ގިނަ ބަޔަކު ކުރާ އެއް ބަހުސަކީ، ރާއްޖޭގެ ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރުން...

26 Aug 2019 | 10:45

ރާއްޖޭގެ ސިޔާސީ މަސްރަޙާއި ރައްޔިތުންގެ ޙިޔާލު ތަފާތުވުމަކީ އަބަދުވެސް ހިނގަމުން އަންނަ ކަމެކެވެ. އެގޮތުން މިދުވަސްކޮޅު ގިނަ ބަޔަކު ކުރާ އެއް ބަހުސަކީ، ރާއްޖޭގެ ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަނު ކުރުމާމެދު ކުރެވޭ ބަހުސެވެ.

މިބަހުސް ފެށިފައިވަނީ. މިހިނގާ އޯގަސްޓް މަހުގެ 22 ވަނަ ދުވަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކުރެއްވި ޚާއްސަ އިއުލާނަކަށް ފަހުގައެވެ. ރައީސް ޞާލިޙު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ "ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 148ވަނަ މާއްދާގެ ހ ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މ.ސީނާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި މ.ކޮކާހަނދުވަރު އަލްއުސްތާޛާ.  އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާމެދު ޖުޑީޝަލް ސާރިވިސަސް ކޮމިޝަންގެ ލަފައަކަށް އެދި މިއަދު އަޅުގަނޑު ހުށަހަޅައިފިން" ކަމަށެވެ.

ރައީސްގެ މިޓްވީޓާއެކު މީސްމީޑިއާގައާއި އެހެންވެސް ގޮތްގޮތުން މިކަމާއިމެދު ގިނަ މީހުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ކަނޑައެޅިގެން އިސްލާމްދީނުގެ ޝަރީޢަތާއި ޚިލާފް ކަމެއް ކަމަށާއި، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށް ކުރެއްވި ވައުދާއި ޚިލާފު ނުވުމަށް ވެސް ބައެއް މީހުން ރައީސް ޞާލިޙަށް އަރިހުން އެދިވަޑައިގެންފައިވެއެވެ.

މިކަމާއިމެދު ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިންވެސް ވިދާޅުވެފައިވަނީ، އަންހެނުންނަށް ޝަރުޢީ ކޯޓެއްގެ ފަނޑިޔާރުކަން ނުކުރެއްވޭނެ ކަމަށާއި އެއީ އިސްލާމީ ޝަރީޢަތާއި ޚިލާފު ކަމެއް ކަމަށެވެ.

ގިނަ ޢިލްމުވެރިންނާއި ރައްޔިތުން މިކަމާއި ދެކޮޅު ހަދާފައިވީ ނަމަވެސް، މިކަމަށް ތާޢީދުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށް ދެ އަންހެން ކަނބަލެއްގެ ނަން ހުށަހެޅުއްވި ކަމަށްޓަކައި އެއްބަޔަކު އުފާކޮށްފައިވެއެވެ.

އޭގެތެރެއިން އެއްބަޔަކީ އަޅުގަނޑުމެންގެ ޤާނޫނުހަދާ މަޖިލިހުގެ ގިނަ މެމްބަރުންނެވެ. ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންތަކެއް ވަނީ މިކަމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، އަންހެނުން ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އަންހެނުން ފަނޑިޔާރުކަން ކުރަމުން އަންނަތާ އެތައް އަހަރެއްވެފައިވާ ކަމަށެވެ.

"މިވަގުތު އަޅުގަނޑު ވާހަކަ ދައްކަމުންދާ އިރު ވެސް ރާއްޖޭގެ ކޯޓެއްގައި އަންހެން ފަނޑިޔާރެއް ޝަރީއަތް ކުރަމުން ދާނެ. މިހާރު ވެސް ކުރަމުންދާ ކަމެއް. އިސްލާމީ ގިނަ ގައުމުތަކުގައި، ހާއްސަކޮށް ސައުދީ އަރަބިއްޔާގައި މުސްލިމް އަންހެން ފަނޑިޔާރުން އެބަތިބި،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވާ އިރު، އެމީހުން އެކަހެރިކޮށްފައި ގައުމު ތަރައްގީކުރެވޭނެ އެއްވެސް ގޮތެއް ނުވިސްނެ އެވެ. އަދި އެމްޑީޕީގެ ވިސްނުމަކީ އަންހެނުން ބާކީކޮށްފައި ކަންކަން ކުރުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަންހެނުންނާ ނުލައި އެއްވެސް ކަމެއް ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ރާއްޖޭގެ ރައީސްކަމަށް އަންހެން ބޭފުޅަކު ގެންނަން މާ ރަނގަޅުވާނެ ކަމަށާއި އަންހެނުންނާ މެދު ނިކަމެތިކޮށް ވިސްނާ ބަޔަކު އުޅޭތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

ރާއްޖެ އަކީ މުސްލިމް ގައުމަކަށް ވާއިރު، ވައްކަންކުރާ މީހުންގެ އަތް ބުރި ނުކުރާ ވާހަކަ ދީނީ އިލްމުވެރިން ދައްކަނީ ކީއްވެގެންތޯ ޖާބިރު ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި އިސްލާމް ދީނާ އެއްގޮތަށް އަމަލުކުރާ ނަމަ އަތްފައި ހުންނާނީ ވަރަށް މަދު މީހެއްގެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ޝަރީޢަތުގައި އިސްލާމީ ޝަރީޢަތް އިސްކުރުމަށް އަބަދުވެސް ޢިލްމުވެރިން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އެބޭފުޅުންގެ ބަހެއް ނުވިކޭތާ، ކަމެއްވުމުން އެންމެ ގިނައިން ހާމަވާ ސުވާލަކީ ވެސް "ދީނީ ޢިލްމުވެރިން ކޮބާތޯ" އާއި "ތިކަމާއިމެދު ދީނީ ޢިލްމުވެރިން ވިދާޅުވަނީ ކީކޭތޯ؟" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް