މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށްވުރެ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ކުށްކުރި ކުޑަކުދިންގެ އަދަދު މަދު ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށްވުރެ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅުނު މައްސަލަތައް މަދުވެއްޖެ ކަމަށެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޤާނޫނާ ޚިލާފްވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅިފައިވަނީ 155 ކުއްޖެއްގެ މައްސަލައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި %17.6 އަށް ކުޑަކުދިންގެ މައްސަލަތައް މަދުވެފައިވާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށްވުރެ މިއަހަރުގެ މި މުއްދަތުގައި 33 ކުދިން ވަނީ މަދުވެފައެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތައް މަދުވިނަމަވެސް ކުށްކުރާން ދިމާވާ ސަބަބުތައް ގިނަކަން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ވަނީ ފާހަގަކުރެވިފައި ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު އެންމެ ގިނައިން ހުށައެޅިފައިވަނީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. އެންމެ ގިނައިން ހުށަހެޅިފައި ވަނީ ފިރިހެން ކުދިންގެ މައްސަލައަށްވާއިރު، ހުށައެޅުނު މައްސަލަތަކުގެ %95 އަކީ ފިރިހެން ކުދިންގެ މައްސަލަތަކެވެ.
ކުދިން ސުކޫލަށް ނުދާ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި، ތަފާތު ސަބަބުތަކާހުރެ ސްކޫލުން ވަކިވެފައިވާ 65 ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވެއެވެ. ފުރަތަމަ ހަ މަހުގެ ތެރޭގައި ހުށަހެޅުނު ގިނަ މައްސަލަތަކަކީ ސުކޫލު ދަރިވަރުންނަށްވާއިރު، ސްކޫލްގައި ތައުލީމް ހާޞިލްކުރަމުންދިޔަ 29 ކުއްޖެއްގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ވަނީ ހުށައަޅާފައެވެ.
މަސްތުވާތަކެތީގެ މައްސަލަތައް މުޖުތަމައުގައި އެހާގިނަވެފައި ވީއިރު، ކުޑަކުދިންގެ ވެސް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތައްކަން ހޯމް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައިގައި 55 ކުއްޖެއް މައްސަލަ ވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް