އަދަބެއް އަޚުލާގެއް ނެތް، އެއްވެސް ކަމަކާއި ނުލާ  ބިދޭސީންގެ ގަޔަށް ފެން ޖަހަނީ...

ދާދި ފަހުން ހިނގާދިޔަ ހާދިސާ އެކެވެ. ފަތިހުގެ ވަގުތެވެ. މާލޭގެ މަގުމަތިން ދެ ޒުވާނަކު ސައިކަލުގަ ދަމުން ފެންނަ ހުރިހާ ބިދޭސީން ގަޔަށް ފެން ޖަހަނީއެވެ. އެ މީހުން ފެންޖެހުމުން ބިދޭސީން ވަރަށް ބިރުން ތެޅ...

26 Aug 2019 | 05:20

ދާދި ފަހުން ހިނގާދިޔަ ހާދިސާ އެކެވެ. ފަތިހުގެ ވަގުތެވެ. މާލޭގެ މަގުމަތިން ދެ ޒުވާނަކު ސައިކަލުގަ ދަމުން ފެންނަ ހުރިހާ ބިދޭސީން ގަޔަށް ފެން ޖަހަނީއެވެ. އެ މީހުން ފެންޖެހުމުން ބިދޭސީން ވަރަށް ބިރުން ތެޅިގަނައެވެ. ވާނީވެސް އެހެންތާއެވެ. އެޖެހީ ފެންކަން ވެސް އެނގޭނީ ރަނގަޅަށް ބަލާލީމަތާއެވެ. އެ ޒުވާނުންނަށް ވަނީ މީ ވަރަށް މަޖާކަމަކަށެވެ. އަވަހަށް ދުއްވާލަނީ އަނެއްކާވެސް ބޭރު މީހެއް ފެނޭތޯއެވެ.

ވިސްނާލާށެވެ. މީ ތަންކޮޅެއް ބޮޑު ވަރެކެވެ. އަދަބެއް އަޚުލާގެއް ނެތްތަނުގައި އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް ނެތެވެ. އެ ބިދޭސީން ގަޔަށް ފެން ޖެހުމުން ލިބެނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ. ބިދޭސީންނަށް އިހްތިރާމްނުކުރުމަކީ ރާއްޖޭގެ އާއްމު ކަމެކެވެ. މުޖްތަމައު ދަސްކޮށްދެނީ ވެސް އެގޮތަށެވެ. އެކަމާ ލަދުގަތަސް ދެރަވިޔަސް ހަގީގަތަކީ މިއީއެވެ. އެހެނަސް އެއްވެސް ކަމަކާނުލާ ބިދޭސީންނަށް މިފަދަ 'އަނިޔާ' ކުރުމަކީ މީ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. ފަހަރެއްގައި މިފަދަ އަމަލުތައް ކުރާ ޒުވާނުން އެކަންތައްތައް ކުރަނީ މާބޮޑު ވިސްނާލުމަކާއި ނުލާ ކަމަށްވެދާނެއެވެ. އެހެނަސް ވިސްނާލާށެވެ. ތިބާ އެހެންގައުމެއްގައި އުޅޭއިރު އެ ގައުމެއްގެ ބައެއް ކިބައިން މިފަދަ ކަމެއް ވާން އެދޭނެ ހެއްޔެވެ. ނޭދޭނެއެވެ. އެހެންވީމާ އެގޮތަށް ބިދޭސީން ވެސް ނޭދޭނެއެވެ.

ބިދޭސީން އެ މީހުންގެ މައިންބަފައިންނާއި އަނބިދަރިން ދޫކޮށް ރާއްޖެ އަށް އެ ކުރާ މަސައްކަތްތަކަކީ ވެސް ބަލައިގަންނަންޖެހޭ މުހިއްމު މަސައްކަތްތަކެވެ. އެ މީހުން އެ ވަނީ ހަމަ ގުރުބާނީއެކެވެ. ރަނގަޅެވެ. އެ މީހުންނަށް މުސާރަ ލިބިއެވެ. އެހެނަސް އެ މީހުން ކުރާ ހިދުމަތްތައް ހެޔޮ ހިތުން ބަލައިގަންނަން ޖެހެއެވެ.

ވަރަށް ގިނަ ފަހަރު ކުށްވެރީންގެ އަމާޒަކަށް ބިދޭސީން އޮންނަނީ ވެފައެވެ. ބިދޭސީން އަތުން ފޭރުމާއި އެ މީހުންދިރިއުޅޭ ތަންތަނުން ވައްކަންކުރުމަކީ އާއްމުކަމެކެވެ. ވަރަށް ހިތާމަހުރިކަމެކެވެ. ބިދޭސީންނަށް އަމިއްލަ ދިފާއުގައި ގާނޫނީ ނިޒާމުގެތެރެއިން ކުރެވޭނެ ކަންތައްތައް މަދުކަމަށް ބަލާފައި ކުށްވެރިން މީގެ އެޑްވާންޓޭޖް ނަގަނީއެވެ.

އެހެނަސް ފާހަގަކޮށްލަންޖެހޭ ކަމަކީ ބިދޭސީންނަށް ކަމޭހިތާ ބަޔަކުންވެސް މި މުޖްތަމައުގައި އުޅޭކަމެވެ. ޚާއްސަކޮށް ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކުރާ އެ ކަމަށް އަޑުއުފުލާ ބަޔަކުވެސް އުޅޭކަމެވެ. ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި ތިބާ ހުރިކަން ދެއްކުމަށް #respectexpatriates ހެޝްޓެގް ބޭނުންކުރައްވައިގެން ޓްވީޓް ކޮށްލާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް