ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސޫދާންގައި ފެންބޮޑުވެ، 62 މީހުން މަރުވެއްޖެއެވެ.
އެފްރިކާގެ އިރުއުތުރުގައި އޮންނަ ގައުމެއް ކަމަށްވާ ސޫދާން އަށް ވިއްސާރަކުރަމުން މިދަނީ ޖުލައި މަހުން ފެށިގެންނެވެ. ފެންބޮޑުވުމުގެ ސަބަބުން އެގައުމުގެ 15 އަވަށެއްގައި ދިރިއުޅޭ ދެލައްކައެއްހާ މީހުންނަށް އަސަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރެއިން ވެސް މި ވިއްސާރައިގެ އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ އެގައުމުގެ ދެކުނު ގައި އޮންނަ ނައިލް އަވަށަށެވެ.
ޔޫއެން އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، އެ ގައުމުގެ 37،000 ގެދޮރު ވަނީ މި ވިއްސާރައިގައި ހަލާކުވެ ދިރިނޫޅެވޭވަރު ވެފައެވެ.
ބޮޑުވެފައިވާ ފެންގަނޑު ތެރޭގައި އެގައުމުގެ ރައްޔިތުން، ދޯންޏާއި ކެނޯ ފަދަ ތަކެތީގައި މިހާރު ދަނީ ހިކިފަސް ތަންތަނަށް ބަދަލުވަމުންނެވެ.
އަދިވެސް އެގައުމަށް ބޯކޮށް ވިއްސާރަވާނެ ކަމަށް ލަފާކުރެވެއެވެ. މޫސުމީ މި ވިއްސާރަ ނިމޭނެކަމަށް ލަފާކުރެވެނީ އޮކްޓޯބަރުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް