ޕާޓީ ބަދަލުކުރި ކައްދޫ މުވައްޒަފަކު މަސައްކަތު ބަޔަށް ބަދަލުކޮށްފި

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގައި ހުރެފައި ދާދި ފަހުން ޖުމްހޫރީ ޕާޓީއާއި ގުޅުނު، ލ ކައްދޫ އިސްކަންދަރު އެއާބޭސްގައި މަސައްކަތްކުރާ މުވައްޒަފަކު މަސައްކަތު ބަޔަށް ބަދަލުކޮށްފި އެވެ. މިއަދުން ފެށިގެން މަ...

26 Aug 2018 | 13:43

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގައި ހުރެފައި ދާދި ފަހުން ޖުމްހޫރީ ޕާޓީއާއި ގުޅުނު، ލ ކައްދޫ އިސްކަންދަރު އެއާބޭސްގައި މަސައްކަތްކުރާ މުވައްޒަފަކު މަސައްކަތު ބަޔަށް ބަދަލުކޮށްފި އެވެ.

މިއަދުން ފެށިގެން މަސައްކަތު ބަޔަށް ބަދަލުކޮށްފައިވަނީ ޔޫސުފް އާދަމް ނަމަކަށް ކިޔާ މުވައްޒަފެކެވެ. ކުރިން މަސައްކަތް ކުރަމުންދިޔައީ ޓާމިނަލް އެތެރޭގައި ލަގެޖް ހޭންޑްލިންގައެވެ.

މިކަމުގައި އިސްކަންދަރު އެއާބޭސްގެ ރަސްމީ ބަހެއް ނުލިބުނު ނަމަވެސް ޓާމިނަލް ބައިން މަސައްކަތު ބަޔަށް ބަދަލުކުރުމުން ޔޫސުފް އާދަމްގެ މުސާރައިން 3000 ރުފިޔާ މަދުވާނެކަމަށް މައުލޫމާތު ލިބެއެވެ. އަދި މަސައްކަތު ބައިގާ ޑަސްބިން އުކުމާއި ކުނި ކެހުން ފަދަ މަސައްކަތް އޭނާ ކުރަންޖެހޭނެކަމަށް ބެލެވެއެވެ.

ޔޫސުފް އާދަމް ކައްދޫގައި ވަޒީފާ އަދާކުރަމުން އަންނަތާ 25 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު ޓާމިނަލް ބައިގާ ލަގެޖް ހޭންޑަލް ކުރުމުގައި އުޅޭތާވެސް 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

ޔޫސުފް އާދަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ އަކީ ކުރިން ލ ފޮނަދޫގައި ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ.

މި ހަބަރަށް ޔޫސުފް އާދަމް އެއްވެސް މައުލޫމާތެއް ހިއްސާކުރާކަށް ބޭނުމެއް ނުވިއެވެ. ގުޅާލުމުން ބުނީ މިކަމާއިމެދު އެއްވެސް މައުލޫމާތެއް ދޭން ބޭނުން ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް