އާސެނަލް އާއި ލިވަޕޫލަށް މޮޅެއް. އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި ލިވަޕޫލް މޮޅުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވޫލްސް އާ އެއްވަރު ވެއްޖެއެވެ. ފުރަތަމަ ދެ މެޗުން ބަލިވުމަށްފަހު، އާސެނަލް ...

26 Aug 2018 | 05:00

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި ލިވަޕޫލް މޮޅުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވޫލްސް އާ އެއްވަރު ވެއްޖެއެވެ.

ފުރަތަމަ ދެ މެޗުން ބަލިވުމަށްފަހު، އާސެނަލް ރޭގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސްޓް ހޭމް އިންނެވެ. މެޗުގެ 25 ވަނަ މިނިޓުގައި އެ ޓީމަށް ލަނޑު ޖަހައި ދިނީ މާކޯ އާނައުޓޯވިޗް އެވެ.

އާސެނަލްގެ އާ ކޯޗު އުނައި އެމެރީއަށް ތިން ވަނަ ބައްޔަކާ ކުރިމަތިވުމުގެ ބިރު ހީވި ނަމަވެސް ވެސްޓް ހޭމް އިން ލީޑް ނެގިތާ 5 މިނިޓުގެ ތެރޭގައި ނަޗޯ މޮންރިއާލް ކާމިޔާބު ކޮށްދިން ލަނޑާއެކު އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރިއެވެ.

ދެ ވަނަ ހާފުގައި، ވެސްޓް ހޭމްއަށް ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް އަނިޔާވެ އެ ޓީމު އެޓޭކް ބަލިކަށިވިއިރު، އާސެނަލްއަށް ލީޑު ލިބުނީ ވެސްޓް ހޭމްގެ ޑިއޮޕް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އާސެނަލްގެ ލަކަޒަޓޭ ޑޭންޖާ އޭރިޔާއިން ގޯލު ކުރިމައްޗަށް ބާރު ބޯޅައެއް ހުރަސްކޮށްލަން ޖެހުމުން، ޑިފެންސް ކުރަން ފަހަތަށް ފައިބަމުން ދިޔަ ޑިއޮޕްއަށް އެ ބޯޅައިން ސަލާމަތްނުވެވި ފައިގައި ޖެހިފައި އަމާޒުވީ ބައިކޮޅު ގޯލަށެވެ.

މެޗުގެ ފަހު ވަގުތު އާސެނަލްގެ 3 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލުގައި ކުޅެން ނުކުތް ވެލްބެކްއެވެ. މިއީ ބެލެރީން ދިން ބޯޅައަކުން އޭނާ ޖެހި ލަނޑެކެވެ. އާސެނަލް އަތުން ބަލިވުމާއެކު ވެސްޓް ހޭމް ކުޅުނު 3 މެޗުން ވެސް މި ވަނީ ބަލިވެފައެވެ.

ރޭ ބަރައިޓަން އެންޑް ހޯވް އަލްބިއޮން އާ ދެކޮޅަށް ކުޅުނު ލިވަޕޫލް މޮޅުވީ، މެޗުގެ ފުރަތަމަ ހާފުގައި މުޙައްމަދު ސަލާހް ކާމިޔާބު ކޮށްދިން ލަނޑާއެކު 1-0 އިންނެވެ.

ރޮބާޓޮ ފިރްމީނޯ ދިން ބޯޅައެއް އެއްބުރުން ގޯލުގެ ކަނާތް ފަރާތު ކަނަށް ފޮނުވާލައިގެން، ފާއިތުވި ސީޒަންގައި ޕްރިމިއާ ލީގުގެ ރަން ބޫޓް ހާސިލް ކުރި މުޙައްމަދު ސަލާހް ލަނޑު ޖެހިއިރު، އައު ސީޒަންގެ ފުރަތަމަ 3 މެޗުން ވެސް ލިވަޕޫލް މި ވަނީ މޮޅުވެފައެވެ.

މި ސީޒަންގައި ތަށްޓަށް ވާދަކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމު ކަމަށްވާ ލިވަޕޫލްގެ އެޓޭކް ލައިން ރޭގައި ވެސް ފެނުނީ ވަރަށް ވަރުގަދަ ކޮންނެވެ.

ލިވަޕޫލް އާއި އާސެނަލް މޮޅުވިއިރު، ފުރަތަމަ ދެ މެޗުގައި ގިނަ އަދަދެއްގެ ލަނޑު ޖެހި އެންމެ ފަހުގެ ޗެމްޕިއަން ސިޓީއަށް ރޭ ވަނީ ހާސްކަމާ ކުރިމަތިވެފައެވެ. އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.

އަނެއްކޮޅުން މެޗުގެ 57 ވަނަ މިނިޓުގައި ވޫލްސް އިން ވިލީ ބޮލީ ޖެހި ލަނޑާއެކު ލީޑު ނެގިއެވެ. އޭނާ މި ލަނޑު ޖެހީ އަތުން ކަމަށް ރިޕްލައި ތަކުން ވެސް ފެންނައިރު، ރެފްރީ އެއީ ގޯލެއްކަމަށް ނިންމުން ވެގެން ދިޔައީ ސިޓީގެ ނުތަނަވަސްކަން އިތުރުވި ކަމަކަށެވެ.

ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 65 ވަނަ މިނިޓުގައި ލަޕޯޓޭ އެވެ. މިއީ ގުންޑޮގާން ދިން ހިތްގައިމު ބޯޅައަކުން އޭނާ ޖެހި ލަނޑެކެވެ.

ފާއިތުވި ސީޒަން 100 ޕޮއިންޓަށްވުރެ ގިނައިން ހޯދައިގެން ކާމިޔާބުކުރި ސިޓީއަށް، ސީޒަންގެ ކުރީކޮޅު، އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން މޮޅު ނުވެވުމަކީ ލީގު ދިފާއު ކުރުމަށް ކުރާ މަސައްކަތަށް އެޅޭ ހިޔަންޏަކަށްވުން ގާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް