ދެ ވަނަ ހާފުގައި އޯސްމާން ޑެމްބެލޭ ކާމިޔާބު ކޮށްދިން ލަނޑާއެކު، ރިއަލް ވަޔަޑޮލިޑް އަތުން ބާސެލޯނާއަށް ހަނި މޮޅެއް ލިބިއްޖެއެވެ. މިއާއެކު އެންމެ ފަހުގެ ޗެމްޕިއަނުންނަށް ލީގުގެ އާ ސީޒަންގެ ފުރަތަމަ ދެ މެޗުން ވެސް މި ވަނީ މޮޅެއް ހޯދިފައެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް، މެޗުން މޮޅުވުމުން، މި ވަގުތު ތާވަލުގެ އެއް ވަނައަށް ވަނީ ޖެހިލާފައެވެ. އަނެއްކޮޅުން ފާއިތު ސީޒަންގައި ކިރިޔާ ރެލިގޭޓް ނުވެ ސަލާމަތްވި ވަޔަޑޮލިޑްއަށް އަދި މޮޅެއް ނުލިބެއެވެ.
ލީގުގެ ފުރަތަމަ މެޗުގައި ކުޓީނިއޯ ނުލާ ފެށި ނަމަވެސް، ރޭގެ މެޗު ބާސާއިން ފެށީ ކުޓީނިއޯ ހިމަނައިގެންނެވެ. އެހެނަސް، ފުރަތަމަ ހާފުގައި ކުޓީނިއޯއަށް ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވުނުއިރު، ކުރީކޮޅުގައި ލަނޑު ޖަހަން ޑެމްބެލޭއަށް ލިބުނު ރަނުގެ ފުރުސަތެއް އޭނާއަށް ބޭނުން ކުރެވޭގޮތެއް ނުވިއެވެ.
ފުރަތަމަ ފުރުސަތުގައި ލަނޑު ނުޖެހުނު ނަމަވެސް، ރޭގެ މެޗުގައި ބާސާގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ޑެމްބެލޭ ވަނީ ދެ ވަނަ ފަހަރަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން ހިފާފައެވެ. ސާޖީ ރޮބާޓޯ ދިން ބޯޅައަކުން ޑެމްބެލޭ ލަނޑު ޖެހީ މެޗުގެ 57 ވަނަ މިނިޓުގައެވެ.
ބާސެލޯނާގެ ހަމައެކަނި ލަނޑަށް ފަހު މެޗުގެ އެންމެ ފަހު މިނިޓުގައި ވަޔަޑޮލިޑް އިން ލަނޑެއް ޖެހިއެވެ. އެހެނަސް، ވީއޭއާރ ރިވިޔުއަށް ފަހު އެ ލަނޑު އޮފްސައިޑްކަމަށް ރެފްރީ ނިންމުމުން، ނަތީޖާ ހަމަހަމަ ކުރެވުނުކަމަށް ވަޔަޑޮލިޑް އިން ކުރި އުންމީދު ފެނަށްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް