ސްމާޓް ފޯނުން ގޭމް ކުޅެން ލޯބިކުރާ ފަރާތްތަކަށް ހާއްސަ ފޯނެއް ވާވޭ ކުންފުނީގެ ސަބް ބްރޭންޑް ހޮނަރ އިން ނެރެފި އެވެ.
މި ފޯނަށް ދީފައިވާ ނަމަކީ "ހޮނަރ ޕްލޭ" އެވެ. ދިގުމިނުގައި 6.3 އިންޗި ހުންނަ، 1080ޕީ ޑިސްޕްލޭއަކާއި 3750 އެމްއޭޗް ބެޓެރީއަކާއިއެކު ތައާރަފްކުރި މި ފޯނުގައި ހިމަނާފައިވަނީ ކިރިން 970 ޕްރޮސެސަރ އެކެވެ. ހަތަރު ޖީބީ ރެމް އަކާއެކު 64 ޖީބީ ސްޓޯރޭޖް ހިމަނާފައިވެއެވެ.
މި ސްޕެކްސް ތަކަކީ މިފަހުން ނިކުތް ފޯނުތަކަށް ބަލާއިރު މާ ވަރުގަދަ ސްޕެކްސް ތަކެއް ނޫނެވެ. ނަމަވެސް ހޮނާއިން ބުނާގޮތުގައި މި ފޯނުގެ އެންމެ ބޮޑު ތަފާތަކީ ޖީޕީޔޫ ޓާރބޯ ހާޑްވެއަރ ސޮފްޓްވެއަރއެއް ހިމަނާފައިވުމެވެ. މި ފަންކްޝަންގެ ސަބަބުން ޖީޕީޔޫ ޕާފޯމޭންސް 60 އިންސައްތަ އިތުރުކޮށްދީ ބެޓެރީ ބޭނުން ކުރާ މިންވަރު 30 އިންސައްތަ ދަށްކޮށްދޭނެކަމަށް ހޮނާއިން ބުނެއެވެ.
މި ފޯނުގައި ހިމަނާފައިވާ ޕްރޮސެސަރަކީ "4ޑީ ގޭމިން އެކްސްޕީރިއަންސް" އަކަށް އެންމެ އެކަށޭގެ ޕްރޮސެސަރެކެވެ. މި ފޯނުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްފައިވާނެކަމަށާއި ޕަބްޖީ ފަދަ ގޭމްތައް ކުޅެން މި ފޯނަކީ އެންމެ އެކަށޭނެ ފޯނެއް ކަމުގައި ހޮނާއިން ބުނެފައިވެއެވެ.
މި ފޯނުގައި ހިމަނާފައިވަނީ 16 މެގަޕިކްސެލްގެ ކެމެރާއެކެވެ. ޗައިނާ އާއި އޭސިއާގެ ބައެއް ގައުމުތަކުގައި މި ފޯނު މިހާރު ވަނީ ވިއްކަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް