މައުލޫއަކީ، އާމްދަނީއާ ނުބައްދަލު މިލްކިއްޔާތުގެ އަހުލުވެރީންގެ ކާރާއި އަތުކުރީ ގަޑިއާއި ލަގްޒަރީ ފްލެޓްތަކާއި ޔޮޓްތަކާއި ކުއްލިއަކަށް އުފަންވާ ވިޔަފާރިތަކުގެ ވާހަކައެއްނޫނެވެ. އާންމު ދިވެހި މީހާގެ ދަރަނިވެރިހަޔާތުގެ ވާހަކައެވެ. އެމީހާއަށް ވަދެވިފައިވާ ދަރަނިވެރިކަމުގެ ވިހަ ބުރުގެ ވާހަކައެވެ.
ބޯހިޔާވަހިކަމާއި އަންނައުނާއި ކެއުންބުއިމަކީ ޒަރޫރީ ކަންކަމެވެ. އެހެންނަމަވެސް، ދައުލަތުގެ ސިޔާސަތުތައް މެދުވެރިކޮށް، މިރާއްޖޭގެ ވެރިރަށަކީ ކޮންސެންޓްރޭޝަން ކޭމްޕެއް ކަމުގައި ހަދައި، އެ ކޭމްޕަށް އެންމެހާ ދިވެހީން ޖަމާކޮށް، ޖަމާވުމަށް އިންކާރުކޮށްފި މީހަކީ ދައުލަތުގެ ބަލަދުވެރިކަމުގެ ފުށުން ލިބެންޖެހޭ ހިދުމަތްތަކުން މަހުރޫމްވެފައިވާ މީހަކަށް ހަދައި، ޖަމާވެއްޖެ މީހާގެ މަހުމުސާރައަށް ވުރެ ތިންހަތަރު ގުނަ ބޮޑު ކުއްޔަކުން މެނުވީ އެމީހާއަށް ބޯހިޔާވަހިކަން ލިބޭނެ ކޮޅެއް ނުދެއްކީމާ، ހަމަ ކޮންމެ ދިވެއްސަކު ދަރަނިވެރިކަމުގެ ވިހަ ބުރަށް ވަނީއެވެ.
ނުފުދުމުގެ ޒަމާން ފެށުނީއެވެ. އާމްދަނީން ދެކޮޅުނުޖެހިގެން ގަނަތެޅެން ފަށަންޖެހުނީއެވެ. އާއިލާއާއި ރައްޓެހީންނާއި ދީނީ އަޅުކަންވެސް ދޫކޮށް، ދުވާލަކު ވިހިބާވީސް ގަޑިއިރު ގުލާނުކުރަން ފަށަންޖެހުނީއެވެ. ރޫޅޭ ކައިވެނީގެ ނިސްބަތާއި، އުނިވި ދޭދޭގުޅުމާއި، ވެއްޓުނު ނަމާދުގެ އިތުރަށް، މާއްދިއްޔަތަށް ގޮސް ތިމާ ހުސްވެފައިވާ މިންވަރު ވަޒަންކޮށްލެވޭނީވެސް، ތޮއްޖެހިފައިވާ އަލިފާންފޮށީގައި ހުޅުރޯނުވާ ވަގުތަކު، ތިމާ ދިރިއުޅޭ ފްލެޓަށް ބޯދިއްކޮށްލެވިގެންތާއެވެ!
ދަރަނިވެރިކަމުގެ ވިހަ ބުރެވެ. އެއީ، ޒަރޫރީ ހިދުމަތްތައް އަދައިގެން، ދައުލަތުގެ ބައެއް ސިޔާސަތުތަކަށް އިޖާބަދީ ބޮޑުތަކުރުފާނުމަގުން އެތެރެވެ، އެތަނުގައި ބައިބޯކުރުމުގެ ނަތީޖާއިން އުފެދޭބުރެވެ. އެއީ، ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރަށް ހޭދަކުރަން މަޖުބޫރުކުރުވުމުގެ ސަބަބުން އުފަންވި ބުރެވެ. އެއީ ވިހަ ބުރެކެވެ. ކުޅެދޭ އިންސާނާ، ނުކުޅެދޭ މީހަކަށް ހަދާލާބުރެވެ. ބުއްދިހެޔޮ އިންސާނާގެ ބުއްދި ލުހެލާ ބުރެވެ. މިނިވަން އިންސާނާ، ފައިސާގެ އަޅަކަށް ބަދަލުވާ ބުރެވެ. ރައްޓެހިންނަށް ވަގުތު ދިން އެކުވެރިޔާ، ބީރައްޓެއްސަކަށް ބަދަލުކުރުވާ ބުރެވެ. އަނބިދަރީންނާއެކު ދިރިއުޅުނު ފިރިމީހާ، 24 ގަޑިއިރު ގުލާނުކުރަންޖެހޭ މަސައްކަތުމީހަކަށް ހަދައި، މަސައްކަތާއި އާއިލާއާ ދެމެދު ބެލެންސް ކަޓުވާލާ ބުރެވެ. ބައެއް މުއްސަނދީންނާއި، އިމާރާތުގެ ވިޔަފާރިކުރާ މަދުބައެއްގެ ޝިކާރައަކަށްވެ، މުޅި ގައުމު އަނދަވަޅަކަށް ވެއްޓެމުންދާ ބުރެވެ. އެންމެހާ ދިވެހީން އެއްބަސް ކިޔައި، އެ ބުރެއްގެ ވިހަ އަސަރުތަކުން ނަޖާވާން ޖެހިފައިވާ ހީލަތްތެރި ބުރެވެ.
ދަރަނިވެރިކަމުގެ ވިހަ ބުރުން ނިކުތުމަކީ ހިތްވަރާއި މިންނަތުން ކުރެވިދާނެ ކަމެކެވެ. ފުރަތަމަ އޮތީ ނުފޯރާފޮތިން ފޫނުގެޅުމެވެ. ތިމާގެ އާމްދަނީއާ ނުބައްދަލު ވައްޓަފާޅިއަކަށް އުޅުން ބައްޓަން ނުކުރުމެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭތޯ ޒިންމާދާރުކަމާއެކު ފަރުދީގޮތުން މަސައްކަތްކުރުމެވެ. ކޮންމެސް ވަރަކަށް ފަހަށް ރައްކާކުރަން ފެށުމެވެ. ކްރެޑިޓް ކާޑެއް ދިނުމުގެ ސިޔާސީ ވައުދެއް ބައެއް ފަރާތްތަކުން ގެންގުޅުނަސް، އެފަދަ ކެހިވެރިކަމެއްގައި ނުބެދުމާއި، ކްރެޑިޓް ކާޑަކީ އެހާ އާންމުކޮށް ބޭނުންކުރާ އެއްޗަކަށް ނުހެދުމެވެ.
ބުނެވިދިޔަ ކަންކަން ފަރުދީގޮތުން ހަމައަކަށް އެޅުވުމަށްފަހު ދެން އޮތީ ދަރަނިވެރިކަމުގެ ވިހަ ބުރު ނައްތާލުމަށް ކުރަންޖެހޭ ގައުމީ ޖިހާދެވެ. އެކަންކުރެވޭނީ، އަސްލަށް ވާސިލުވެވިގެންނެވެ. އިހު ބުނެވިދިޔަ ބަދައިން، ދަރަނިވެރިކަމުގެ އަސްލަކީ އާމްދަނީއިން ދެކޮޅު ނުޖެހުމެވެ.
އެކަމުގެ ފެށުމަކީ، ލިޔުމަކުން ފެންނަން ނޯންނަ، އެހެނަސް އަމަލީގޮތުން ފެންނަމުންދާ، ބޯހިޔާވަހިކަމާބެހޭ ގައުމީ ސިޔާސަތެވެ. އެ ސިޔާސަތަކީ އާންމު މީހާގެ އާމްދަނީއަށްވުރެ ތިން ހަތަރުގުނަ ބޮޑުކޮށް ނޫނީ ބޯހިޔާވަހިކަން ލިބުނަ ނުދިނުން ކަމުގައި ފެނެއެވެ. އެ ސިޔާސަތަކީ މިގައުމުގެ އެންމެން އެއްތަނަކަށް ޖަމާކޮށް، އެ އެންމެން ދަރަނިވެރީންނަށް ހަދައި، ދަރަނިވެރިކަމުގެ ވިހަ ބުރުގެ ޝިކާރައަކަށް ހެދުން ކަމުގައި ފެނެއެވެ.
މީގެ ފަސް އަހަރުކުރިން، ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް ކަމުގައި ވައުދުވެ، އިންތިހާބު ކާމިޔާބުވެ، ރިޔާސީ ދައުރު ނިމުމަކަށް އަންނައިރު، ފެނިގެން މިދަނީ ހުރިހާ އަތޮޅުތަކެއް ފަޅުކުރުމަށް ފާޅުގައި ގޮވާލާ މަންޒަރެވެ. ޖަޒީރާވަންތަ ދިވެހިރާއްޖޭގެ އަހުލުވެރީންނަށް އޮތީ ކޮތަރުކޮށިތަކެއް ކަމަށް ހެދުމަށް ޖަހަމުންދާ ދަންތުރައެވެ. މަދު އަދަދެއްގެ މުއްސަނދީން ފިޔަވައި، ދެންތިބީންނަށް އޮތީ ދަރަނިވެރިކަމުގެ ވިހަ ބުރުގެ އަޖަލުގައި ނިމިދިއުން ކަމަށް ހެދުމަށް ކުރާ މަސައްކަތެވެ. ގައުމީ ޖިހާދަކީ، ވިހަގަދަ މި ބުރުން ނިކުމެ، ފުދުންތެރި އާއިލާއެއް ބިނާކުރުމާއި، ފުދުންތެރި ގައުމެއް ގާއިމުކޮށް، އަންނަން އޮތް ޖީލަށް ވާރުތަކޮށްދިނުމެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. ނިޔާމަ ދަތުރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް