ބޮލީވުޑްގެ އެވަރގްރީން އެއް ބަތޮލު ކަމުގައިވާ ރިޝީ ކަޕޫރު އަންނަނީ ނިއުޔޯކްގައި ކެންސަރަށް ފަރުވާ ހޯދަމުންނެވެ. ދުވަސް ތަކަކަށް ރިޝީ ކަޕޫރު އެއްގޮތަކަށް ސޯޝަލް މީޑިއާއަށް ނުފެނި ހުރެފައި ފެނުނު ފޮޓޯތައް ވަރަށް ތަފާތެވެ. ވަނީ ވަރަށް ބޮޑަށް ހިކިފައެވެ. ވަރަށް ބަލިކަން ފޮޓޯތަކުންވެސް އެނގެއެވެ.
ދާދި ފަހުން ރިޝީ ސޯޝަލް މީޑިއާއަށް ދޫކޮށްފައިވާ ޕޯސްޓްތަކުގައި ބުނެފައިވާގޮތުގައި އޭނާއަށް ކެންސަރު ޖެހުނުކަން ގަބޫލުކުރަންވެސް ދަތިވިއެވެ. އެކަން ގަބޫލު ނުކުރަން އެތައް ދުވަހަކު އުޅުނެވެ. ނަމަވެސް އޭނާގެ ދަރި، ރަންބީރު ކަޕޫރު "ފޯސް" ކުރީތީ ފަރުވާ ހޯދުމަށް އެމެރިކާގެ ނިއުޔޯކަށް އައީ ކަމަށާއި މިހާރު ކެންސަރަކީ ކިހާ ވޭންދެނިވި އަސަރު ހުރި ކަމެއްކަން އެނގިފައިވާކަމަށް އޭނާ ބުނެފައިވެއެވެ.
ރިޝީ ކަޕޫރު ބުނެފައިވާގޮތުގައި އޭނާ އަކީ ވަރަށް ކެތްތެރިކަން ކުޑަ މީހެކެވެ. އެހެންކަމުން ކެންސަރު ޖެހުމަކީ ކެތްތެރިކަން އޭނާއަށް ދަސްކޮށްދިން އިމްތިހާނެއް ކަމުގައިވެސް ބުނެފައިވެއެއެވެ.
އޭނާ ބުނެފައިވާގޮތުގައި ކެންސަރަށް ފަރުވާ ދޭން ފެށުމާއެކު ރަނގަޅަށް ނުކެވޭ ކަމަށެވެ. އަދި ދެތިން މަހެއްގެ ތެރޭގައި ހަށިގަނޑުން 26 ކިލޯ ލުއިވި ކަމަށެވެ. ނަމަވެސް މިހާރު މަޑު މަޑުން ބަރުވަމުން އަންނަ ކަމަށެވެ. އޭނާ ބުނެފައިވަނީ އަދިވެސް ކެންސަރަށް ފަރުވާ ހޯދަމުން އަންނައިރު އޭނާގެ އަންހެނުން، ނީތޫ އާއި ދެ ދަރިން ކަމުގައިވާ ރަންބީރު ކަޕޫރާއި ރިދީމާ ކަޕޫރުގެ ފަރާތުންވެސް ވަރަށް ބޮޑަށް އެއްބާރުލުމާއި ހިތްވަރު ލިބެމުން އަންނަ ކަމަށެވެ.
ރިޝީ ކަޕޫރު ބުނެފައިވާގޮތުގައި މިއީ އޭނާގެ ދިރިއުޅުމުގައި ކުރިމަތިވި އިމްތިހާނެކެވެ. އަދި ކޮންމެ މީހަކަށްވެސް މިފަދަ އިމްތިހާނެއް ކުރިމަތިވެދާނެއެވެ. އޮންނާނެ ގޮތަކީ ކެތްތެރިކަން އިހްތިޔާރު ކުރުން ކަމުގައި ރިޝީ ކަޕޫރު ބުނެފައިވެއެވެ.
ރިޝީ ކަޕޫރަށް ކެންސަރު ޖެހި ފަރުވާ ހޯދަމުން އަންނަކަން ހާމަކުރުމާއެކު ބޮލީވުޑް އިންޑަސްޓްރިގެ ގިނަ ބަޔަކު އަންނަނީ ހެޔޮ ދުއާއި އާއި ހެޔޮ އެދުންތައް ރިޝީ ކަޕޫރާއި އޭނާގެ އާއިލާއަށް ރައްދު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް