މިނިވަންދުވަހާ ގުޅިގެން ޙުކުމް ތަންފީޛުކުރަމުންދާ ބައެއް މީހުންނަށް އަދަބު ލުއިކޮށްދެއްވުމަށް ނިންމަވައިފި

މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޙުކުމް ތަންފީޛުކުރަމުންދާ ބައެއް މީހުންނަށް އަދަބު ލުއިކޮށްދެއްވުމަށް ނިންމަވައިފިއެވެ. މިގޮތަށް އަދަބ...

26 Jul 2018 | 12:07

މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޙުކުމް ތަންފީޛުކުރަމުންދާ ބައެއް މީހުންނަށް އަދަބު ލުއިކޮށްދެއްވުމަށް ނިންމަވައިފިއެވެ. މިގޮތަށް އަދަބު ލުއިކޮށްދެއްވުމަށް ނިންމެވީ، މަޢާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތުހަމަވާ މީހުންނަށްކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދަބު ލުއިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން ޙުކުމް ތަންފީޛުކުރަމުންދާ މީހުންނާއި އެމީހުންގެ ބެލެނިވެރިންނާއި އިންޓަވިއު ކުރުމަށްފަހު ކަނޑައެޅިފައިވާ ޚާއްޞަ ޝަރުތުތަކަކާއިއެކުގައެވެ. މިގޮތުން އަދަބު ‏‏ލުއިކޮށްދެއްވާފައިވާ މީހަކު، ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އެމީހަކަށް ‏‏އަދަބު ލުއިކޮށްދިންދިނުން ބާޠިލުވުމާއެކު، ރައީސުލްޖުމްހޫރިއްޔާ، އެމީހަކަށް އަދަބު ލުއިކޮށްދެއްވުމުގެ ކުރިން އެމީހަކު ހުރި ޙާލަތަށް ރުޖޫޢަވެގެންދާނެ ކަމަށާއި، އަދި ‏‏އަދަބު ލުއިކޮށްދެއްވި ޙުކުމުގެ ތަންފީޛުނުވެ ބާކީ އޮތް މުއްދަތު ތަންފީޛު ކުރަންޖެހޭނެ ކަމަށް ‏‏ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވެއެވެ.

ޖިނާއީ ޙުކުމެއްގެ ދަށުން އަދަބު ‏‏ކަނޑައެޅިފައިވާ މީހުންގެ އަދަބު ލުއިކޮށްދެއްވި ކަމުގައިވީނަމަވެސް،

އެ މީހެއްގެ މައްޗަށް ‏‏ކުރެވުނު ޙުކުމުގައި ފައިސާ އަނބުރާ އަދާކުރުމަށް އިލްތިޒާމެއް އޮތް ކަމުގައިވާނަމަ، އެ ‏‏އިލްތިޒާމަކަށް ލުޔެއް ދެއްވާފައެއް ނުވެއެވެ. ‏

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އަދަބު ލުއިކޮށްދެއްވުމުގައި މީހަކު މެރުމުގެ ކުށާއި، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތަކާއި، ޓެރަރިޒަމްގެ ކުށާއި، ‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ‏ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ޙުކުމްތައް ތަންފީޛުކުރަމުންދާ ނުވަތަ ކުރަންޖެހިފައިވާ މީހުން ހިމެނިފައި ނުވާކަމަށް ރައީސް އޮފީހުން ބުނެއެވެ. .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް