ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ނިކުންނަ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) އަދި ރަނިންގް މޭޓް ފައިސަލް ނަސީމް ގެ ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އެ ދެ ބޭފުޅުންގެ ކެންޑިޑެންސީ ފޯމް ހުށަހެޅީ މިއަދު އިލެކްޝަން ކޮމިޝަނަށް ވަޑައިގެންނެވެ. މި ދެ ބޭފުޅުންގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ. އިބޫ އާއި ފައިސަލް ނަސީމް ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވަން ވަޑައިގެންނެވީ ހިންގަވާފަ، އެބޭފުޅުންނަށް ތާޢީދު ކުރައްވާ ސަޕޯޓަރުންނާއި، ގުޅިފައިވާ ކޯލިޝަންގެ ބޭފުޅުންނާއި، ލީގަލް ޓީމާއެކުއެވެ. ގުޅިފައިވާ ކޯލިޝަންގެ ބޭފުޅުންނާއެކު އިބޫ އާއި ފައިސަލް ނަސީމް ހިންގަވާފައި އިލެކްޝަން ކޮމިޝަނަށް ވަޑައިގެންނެވިއިރު ގުޅިފައިވާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ދިދަޔާއި ޤައުމީ ދިދަ ހިފައިގެން ސަޕޯޓަރުން ހަރަކާތްތެރިވަމުން ދިޔައެވެ. އެސަރަހައްދަށް އެއްވެފައި ތިބި މީހުން ކޮންޓްރޯލްކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ.
ކެންޑިޑެންސީ ފޯމް ހުށަހެޅުއްވުމަށްފަހު ނިކުމެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ އިބޫ ވިދާޅުވީ ކުރިޔަށް އޮތް 48 ގަޑީރުތެރޭގައި އިލެކްޝަން ކޮމިޝަނުން ޖަވާބެއް ދެއްވާނެކަމަށެވެ. އިލެކްޝަން ކޮމިޝަންގެ ރައީސާ ބައްދަލުވުމުން ހުރި ކަންބޮޑުވުންތައް ހުށަހެޅުއްވިކަމަށް އިބޫ ވިދާޅުވިއެވެ. އެގޮތުން ބައެއް އޮފީސްތަކުން މަޖުބޫރުކޮށް ރީރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށްގެންދާ ވާހަކަ ދެންނެވިކަމަށް އިބޫ ވިދާޅުވިއެވެ. " ޔަޤީންކަމާއެކު ވިދާޅުވި އެއިން އެއްވެސް ތަނެއްގައި ފޮށި ނުބަހައްޓާނެކަމަށް. ފުލުސް، އެމްއެންޑީއެފް އަދި އެއްވެސް އޮފީހެއްގައިވެސް ފޮށި ނުބަހައްޓާނެކަމަށް ވިދާޅުވި. މިހާރު ފޮށި ބަހައްޓާނެ ތަންތަން އެއޮތީ ކަނޑައަޅާ ނިންމާފަކަމަށް އީސީ ރައީސް ވިދާޅުވި." އިބޫ ވިދާޅުވިއެވެ.
އިބޫ އާއި ފައިސަލް ނަސީމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ކެންޑިޑެންސީ ފޯމް ހުށަހެޅުއްވި ފުރަތަމަ ކެންޑިޑޭޓެވެ. ކުރިޔަށް އޮތް އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ދެން އިއުލާންކޮށްފައި ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އަދި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާޢު ޙުސައިންއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައިވަނީ ޖުލައި 23 ން އޮގަސްޓް 10 އާ ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް