ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓު ނެރެފި އެވެ.
ހުދު އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓު ނެރެފައިވާ މުއްދަތު މެޓް އޮފީހުން ދަނީ އިތުރު ކުރަމުންނެވެ. މިހާރު ލަފާ ކުރާގޮތުގައި މިރޭ މެންދަމު 3:30 ގެ ނިޔަލަށް މި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވައި ގަދަވާނެ އެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި އެލާޓު ނެރެފައިވާ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ އެވެ.
އާންމުކޮށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގު އުތުރުން، މެދު ރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އެވެ. ދެކުނު އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މެލާ ދެމެދުގެ ބާރުމިނުގައި އެވެ.
މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ހުރިހާ ސަރަހައްދެއްގެ ރަށްތަކަށްވެސް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ހުދު އެލާޓު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް