ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި އޭގެން ޖެހި ޒަހަމްވި ހަތަރު މީހަކާއި ކުޑަ ކުއްޖަކަށް އޭޑީކޭގައި ފަރުވާ ދޭން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު އިރު އޮއްސެން ގާތްވެފައިވަނިކޮށް ހަވީރު 6:20 ހާއިރުގައެވެ.
"ހެންވޭރު ގެއެއްގެ ދެވަނަ ފަންގިފިލާގެ ބައެއް މަގުމައްޗަށް ވެއްޓި ހަތަރު މީހަކަށާއި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެމީހުން މިހާރު ވަނީ އޭޑީކޭއަށް ގެންދެވިފައެވެ. އަދި އެ މީހުންނަސް ފަރުވާ ދެމުން އަންނަކަމަށް ބުނެފައިވެއެވެ. އަނިޔާވި ދެމީހެއް ފޮޓޯއާއި ވެއްޓުނު ބެލްކަނީގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ފޮޓޯތަކުން ފެންނަގޮތުގައި ދެމީހުންގެ މޫނުމަތީގައި ބައިވަރު ލޭ އޮތެވެ.
އެކަކު ވާތަދަށް ކެތް ނުކުރެވި ރޮމުން ގެންދާ މަންޒަރު އެއް ފޮޓޯއިން ފެންނައިރު އަނެއް ފޮޓޯއިން ފެންނަނީ އަނެކަކު ހޭ ނެތިފައި ކަހަލަ ގޮތަކަށް އޮތް ތަނެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މަގުމަތީގައި ޕާކު ކޮށްފައިހުރި ސައިކަލުތަކަކަށްވެސް މި ހާދިސާގައި ގެއްލުން ލިބިފައިވެއެވެ.
އޭޑީކޭގެ ބަހެއް ހޯދާލެވޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވުމުން، މި ހާދިސާގައި އަނިޔާވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު ވަނީ އަދި ލިބޭގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް