ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނައުމަށް އެމްޑީޕީން މި ވޭތުވެދިޔަ 14 އަހަރުތެރޭ މަސައްކަތް ކުރި ނަމަވެސް އަދިވެސް ވަރަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 14ވަނަ އަހަރީ ދުވަހުގެ ތަހުނީޔާ އެ ޕާޓީގެ މެމްބަރުންނަށް އަރިސްކުރައްވާ ކުރެއްވި ޓުވީޓެއްގައި އެމަނިކުފާން ވިދާޅުވީ ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެންނަން ކުރަން ހުރި މަސައްކަތް ވަރަށް ގިނަ ކަމުގައެވެ.
"ހެޔޮ ބަދަލު ގެންނަން ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ." އެމްޑީޕީގެ އެންމެ އިސްވެރިޔާ އަދި ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ވަނީ މާލޭގައި ހުންނަ އެ ޕާޓީގެ މައި ހަރުގޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުންނާއި އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބައެއް އާންމު މެންބަރުން ވެސް ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް