މައްސަލައިގެ ބާވަތުން ލުތުފީ ރާއްޖެ ގެނައުމުގައި ދަތިތަކެއް އެބަހުރި: ފޮރިން މިނިސްޓްރީ

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް އަނބުރާ ރާއްޖެ ގެނައުމުގައި، މައްސަލައިގެ ގޮތުން ދަތިތަކެ...

26 Jun 2019 | 05:19

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް އަނބުރާ ރާއްޖެ ގެނައުމުގައި، މައްސަލައިގެ ގޮތުން ދަތިތަކެއް އެބަހުރި ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިކަން ހާމަކުރައްވާ އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ،  ގާނޫނީ އިމުގެ ތެރެއިން ލުތިފީ ރާއްޖެ ގެނައުމަށް އެބޭފުޅުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް ލުތުފީގެ މައްޗަށް އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައިވުމުން، ބައިނަލްއަޤްވާމީ ގޮތުން ފުރިހަމަ ކުރަންޖެހޭ ޢިޖުރާއަތްތަކެއް ވާތީއެކަން ކުރުމުގައި ދަތިތަކެއް ހުރިކަން އެ މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން ލުތުފީ ސްރީލަންކާގައި ދިރިއުޅެމުން ދިޔައީ ސައްހަ ވިސާއަކާ ނުލައި ފިލައިގެން ކަމަށާއި އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށް އެ ގައުމުގެ ހިމާޔަތް ހޯދަން މަސައްކަތް ކޮށްފައިވުމުން، ލަންކާގެ ގާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުހަލާތަކެއް ހުރި ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ގޮންޖެހުންތައް ހުރި ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ލުތުފީ އަނބުރާ ގެނައުމުގެ މަސައްކަތް ފެށި، އޭނާ ބެލެހެއްޓުމުގެ ކަންކަން ދިވެހި ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެކަށައެޅިފައިވާ ބައިނަލްއަގްވާމީ އިޖުރާއަތްތައް ފުރިހަމަކޮށް ލަންކާއާއި ދިވެހިރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ވީ އެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ފުރަތަމަ ދުވަހުން ފެށިގެން ޢަބްދުﷲ ލުޠުފީ އަނބުރާ ގެނައުމުގެ މަސައްކަތް ފެށި، އޭނާ ބެލެހެއްޓުމުގެ ކަންކަން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ. އަދި އެކަށައެޅިފައިވާ ބައިނަލްއަޤްވާމީ އިޖުރާޢަތްތައް ފުރިހަމަކޮށް، ސްރީލަންކާއާއި، ދިވެހިރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން، ވީއެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރެވެމުން" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް