މަސްތު ހާލަތުގައި ހުރެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކުޑަކުއްޖަކު ހައްޔަރުކޮށްފި

މަސްތު ހާލަތުގައި ހުރެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކުޑަކުއްޖަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި 18 އަހަރުން ދަށުގެ އެ ކުއްޖާ ފުލުހުންގެ ބެލު...

26 Jun 2019 | 03:31

މަސްތު ހާލަތުގައި ހުރެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކުޑަކުއްޖަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި 18 އަހަރުން ދަށުގެ އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރޭ 09:15 ހާއިރު އިސްލާމިކް ޔުނިވާސިޓީގެ ކަންމަތިންނެވެ. ކުޑަ އެ ކުއްޖާ ފުލުހުންނަށް ހުރަސް އެޅީ ގްރޫޕް ހަދާފައި އެ ސަރަހައްދުގައި ތިއްބާ އެ ސަރަހައްދު ދޫކޮށް ދާން ބުނުމުން އެކަމަށް ދެކޮޅު ހެދުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ.

"ހަތަރު މީހުންގެ ގްރޫޕެއް ތިބުމުން، ފުލުހުން އެމީހުންނާ ވާހަކަ ދައްކާ އެ ސަރަހައްދުން ދިއުމަށް ނަސޭހަތްދިނުމުން، އެމީހުން އެ ސަރަހައްދުން ގޮސްފައިނުވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ކުޑަކުއްޖާ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އެތަނުން ފުލުހަކު ކޮއްޕާލީ އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުންނަށް ޝައްކު ކުރެވި، ޗެކު ކުރަން އުޅުމުންނެވެ. އެއަށް ފަހު އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ދެން ތިބި މީހުން ފުލުހުންނާއި ދިމާއަށް އަރައިގަތް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެއީ 18 އަހަރުން ދަށުގެ ކުއްޖެއްކަން އެނގުނޫ ފުލުހުންގެ މަރުކަޒަށް ގެންދިޔަ ފަހުންނެވެ. އެހެންކަމުން އެ ކުއްޖާ މިހާރު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓާ ހަވާލުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އާއްމު އުސޫލުން ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން، ފުލުހުން ބާރުގެ ބޭނުންކުރާ ހުރިހާ ހާލަތެއްގައި ބަލަންޖެހޭ ކަންކަން ބަލައި ދިރާސާކުރާނެ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް