އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. ޑީޑީ އައްޔަން ކުރަން ލަފާ ދީފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ. ޖޭއެސްސީން ނެރެފައިވ...

26 Jun 2018 | 12:29

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާޜު އައްޑޫ ސިޓީ ހިތަދޫ، ކޯޒީރައުންޑް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރަން ފެންނަ ކަމަށެވެ. އަދި ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުގެ މަގާމަށް މއ. ވޭސައިޑް 310 ފްލެޓު، އަލްއުސްތާޒު އަބްދުﷲ ދީދީ އާއި ހ. ހޯސްޓްސައިޑު، އަލްއުސްތާޒު އަބްދުލް ގަނީ މުހައްމަދު އައްޔަން ކުރަން ފެންނަ ކަމަށެވެ.

ޑރ. ޑީޑީ އަކީ 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު، އެ ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އަބްދުﷲ ދީދީ އާއި އަބްދުލް ގަނީ އަކީ މިހާރު ހައި ކޯޓުގައި ތިއްބެވި ދެ ފަނޑިޔާރުންނެވެ.

މިގޮތަށް ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ 32 ވަނަ ބައްދަލުވުމުގައި ކަމަށް ބުނެފައިވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުގެ މަގާމު ހުސްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ރާއްޖޭގެ ޝަރުއީ ހުރިހާ މަރުހަލާއަކުން ކަނޑައެޅުމުންނެވެ.

އުއްތަމަ ފަނޑިޔާރު ކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ވަކި ޚާއްސަ އަޣުލަބިއްޔަތެއް ގާނޫނުއަސާސީގައި ނޯވެ އެވެ. އެހެންވެ، މަދުވެގެން 21 މެމްބަރުން ބައިވެރިވާ ޖަލްސާއެއްގައި ވޯޓު ދޭ މެމްބަރުންގެ އަޣުލަބިއްޔަތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނެ އެވެ.

އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 72،000ރ. ލިބޭ އިރު، ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް 70،000ރ. ލިބެ އެވެ.

މިއީ 2010 ގައި އިންތިގާލީ މަރުހަލާ ނިމި، ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިލި ފަހުން އައްޔަން ކުރާ ތިން ވަނަ އުއްތަމަ ފަނޑިޔާރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް