ޖޭޕީގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިން ވަކި ކުރެވޭނީ ރައީސާއި މަޖިލީހަށް!

ޖުމްހޫރީ ޕާޓީ ހިމެނޭ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައި ތިބި ބަޔަކަށް ހެދުމުގެ ގޮތުން އެމީހުން ވަޒީފާއިން ވަކި ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާ އަށާއި މަޖިލީހުގެ ތިނ...

26 Jun 2018 | 10:39

ޖުމްހޫރީ ޕާޓީ ހިމެނޭ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައި ތިބި ބަޔަކަށް ހެދުމުގެ ގޮތުން އެމީހުން ވަޒީފާއިން ވަކި ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާ އަށާއި މަޖިލީހުގެ ތިން ބައިކުޅަ ދެބައި އެކަމަށް ތާއީދު ކޮށްގެން ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖޭޕީ ހިމެނޭ ވެރިކަމެއްގައި ފުލުހުންނާ ސިފައިންނަށް ވަޒީފާ ގެއްލި ޖަލު ގޮޅިއަށް ލުމުގެ ފުރުސަތު ފިލުވާލާނެ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ އަދަދު އިތުރު ކުރާނެ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ފުލުހުންނާއި ސިފައިންގެ އަދަދު އިތުރު ކުރަން ޖެހެނީ ގައުމަށް ދިމާވެފައިވާ ނާމާންކަމުން ސަލާމަތް ކުރުމަށް ކަމަށެވެ. އެގޮތުން އެއާޕޯޓުތަކާއި ބަނދަރުތަކާއި، ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ އިތުރުން ސަރަހައްދީ ހަލަބޮލިކަމަށްވެސް ވިސްނައިގެންނެވެ. މީގެ އިތުރުން ފުލުހުންނާއި ސިފައިންގެ ހިދުމަތަކީ ރައްޔިތުންނާއި ގައުމުގެ ސަލާމަތަށް ޓަކައި މުހިންމު ހިދުމަތެއް ކަމަށެވެ.

ސަލާމަތީ ހިދުމަތްތަކާއި ޖުޑީޝަރީގެ  މިނިވަންކަމުގެ ކަށަވަރު ކަމާއި ރައްޔިތުންގެ އިތުބާރު އޮންނަ ޖުމްހޫރީ ވެރިކަމެއް ގެނެސްދޭނެ ކަމަށް ވައުދުވާކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ހަރަދު ކުޑަކުރަން ކަމަށް ބުނެ އެމްއެންޑީއެފް އާއި ފުލުހުންގެ އިދާރާއިން މީހުން ވަކިކޮށް އެ ދެތަން ކުޑަކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އިސްރާފާއި ހަރަދު ކުޑަކުރެވޭނީ ކޮރަޕްޝަނާއި ފަސާދަ ނައްތާލައިގެން ކަމަށެވެ.

https://twitter.com/qasimibrahim/status/1011543839520251904

ގާސިމް ވިދާޅުވީ ކޮރަޕްޝަނާއި ދައުލަތުން ކުރާ ބޭކާރު ހަރަދުން ޖޭޕީގެ ވެރިކަމެއްގައި ދުވާލަކު 25 މިލިއަން ރުފިޔާ ސަލާމަތް ކޮށްދޭނެ ކަމަށެވެ. އޭރުން ދުވާލަކު ހަތް ބިލިއަން ރުފިޔާ ރައްޔިތުންނަށް ހިދުމަތް ކުރުމަށް އިތުރުވެގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް