ބޭރުން ހިމާޔަތް ހޯދާ މީހުންނަށް އިންތިހާބުގައި ވާދަ ކުރުމަށް ދަތި ކުރަނީ

ރާއްޖެއިން ބޭރުގެ ރަށްވެހިކަން ހޯދާފައިވާ މީހުންގެ އިތުރުން އެހެން ގައުމަކުން ހިމާޔަތް ހޯދާ މީހުންނަށްވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގައި ވަކި މުއްދަތެއް ކަނޑައަޅަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕީޖީ...

26 Jun 2018 | 08:14

ރާއްޖެއިން ބޭރުގެ ރަށްވެހިކަން ހޯދާފައިވާ މީހުންގެ އިތުރުން އެހެން ގައުމަކުން ހިމާޔަތް ހޯދާ މީހުންނަށްވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގައި ވަކި މުއްދަތެއް ކަނޑައަޅަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

ނިހާން ހުށަހެޅުއްވި އިސްލާހުގައި ހިމާޔަތް ހޯދައިގެން އުޅޭ މީހުންނަށް އިންތިހާބުގައި ވާދަ ކުރުމުގައި ހުރަސްތަކެއް އޮތް ކަމަށް ބަޔާންކޮށްފައި ނުވާތީ މިއަދުގެ ޖަލްސާގައި ނިހާން ވިދާޅުވީ ކޮމިޓީ މަރުހަލާގައި އެ އިސްލާހު ހިމަނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނިހާން ވިދާޅުވީ އެކި ގައުމުތަކުގެ ތަފާތު ދަފްތަރުތަކުގައި ރަޖިސްޓްރީވެ ރާއްޖޭގެ ކަންކަން ކަމު ނުގޮސް އެހެން ގައުމުތަކުގެ ޕާސްޕޯޓް ގެންގުޅޭ މީހުންނާ ގުޅޭ ގޮތުން ވެސް މިފަދަ އިސްލާހެއް ގެނައުމުން މުހިންމު ކަމަށެވެ.

ނިހާން ވިދާޅުވީ ވެރިކަމަށް ކުރިމަތިލާ މީހުންނަށް ރާއްޖެ އެނގޭ މިންވަރާއި، ގައުމަށް ލޯބި ޖެހިފައިވާ މިންވަރު އެނގެން ޖެހޭ ކަމަށެވެ.

ނިހާނުގެ މިއަދު ވާހަކަތަކުގައި އެ ވިދާޅުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ކުރީގެ ނައިބު ރައީސް ޑރ ޖަމީލް އަހުމަދުމެން ފަދަ ބޭފުޅުންގެ ވާހަކަ އެވެ. އެއީ އެ ބޭފުޅުން ބޭރު ގައުމުތަކުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ގައުމުން ބޭރުގައި އުޅުއްވާތީ އެވެ.

އިއްޔެ ނިހާނު މަޖިލީހަށް ވެއްދި އިސްލާހާއި ގުޅިގެން ޕްރޮފެސަރު ހަސަން އުގައިން މީޑިއާގައި ވިދާޅުވެފައިވަނީ ނިހާނުގެ އިސްލާހަކީ އޭނާއަށް އަމާޒުކުރައްވާ ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް