ރިޔާސީ އިންތިހާބު އަލް ވަދިއްޔާގެ 100 މީޓަރުގެ ދުވުމުގެ ރޭހަށް

2012 ވަނަ އަހަރު ރިލީޒް ކުރި "ދަ ޑިކްޓޭޓަރ" ފިލްމަކީ ހެއްވާ މަޖާ އެހެން ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ސިޔާސީ މަސްރަހަށް ޖޯކު ޖަހައި، އިބުރަތްތެރި މަންޒަރުތަކެއް ދައްކުވައިދޭ ފިލްމެކެވެ. އެ ފިލ...

26 Jun 2018 | 05:33

2012 ވަނަ އަހަރު ރިލީޒް ކުރި "ދަ ޑިކްޓޭޓަރ" ފިލްމަކީ ހެއްވާ މަޖާ އެހެން ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ސިޔާސީ މަސްރަހަށް ޖޯކު ޖަހައި، އިބުރަތްތެރި މަންޒަރުތަކެއް ދައްކުވައިދޭ ފިލްމެކެވެ.

އެ ފިލްމުގެ އެންމެ ގިނަ ބަޔަކަށް ކަމުދާ އެއް މަންޒަރަކީ އެ ފިލްމުގެ 100 މީޓަރުގެ ދުވުމުގެ ރޭހުގެ މަންޒަރެވެ.

ގާތްގަނޑަކަށް 11 ސިކުންތުގެ އެ ރޭހަކީ ފިލްމުގައި ބުނާގޮތުން ނަމަ ވާދިޔަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ރޭހެވެ. އެ ރޭހުގައި އަލް ވަދިއްޔާގެ ލީޑަރު ޖެނެރަލް އަލާދީން ބައިވެރިވެއެވެ. ރޭހުގައި ޖެނެރަލް އަލާދީންނާއެކު އަށް ބައިވެރިއަކު ކުރިމަތިލައެވެ.

ރޭސް ފެށުމުގެ ކުރިންވެސް ޖެނެރަލް އަލާދީން މަޑުކޮށްލައިގެން ރޭހަށް ތައްޔާރުވެ ގުދަށް އޮންނަނީ ރޭހުގެ އެހެން ބައިވެރިންނަށްވުރެ ތަންކޮޅެއް ކުރީގައި އެވެ. ރޭސް ފެށުމުގެ ގޮތުން ޖަހާ ބަޑިވެސް އޮންނަނީ ޖެނެރަލް އަލާދީންގެ އަތުގައި އެވެ. އެ ބަޑި ޖަހަނީވެސް ޖެނެރަލް އަލާދީން އެވެ.

ބަޑި ޖެހުމުން ރޭސް ފެށި ރޭސް ކުރިއަށްދާއިރު ރޭހުގައި ޖެނެރަލް އަލާދީންއަށްވުރެ ކުރިއަށްދާން މަސައްކަތްކުރާ ކޮންމެ މީހެއްގެ ގަޔަށް ބަޑިޖަހަ އެވެ. ނުވިތާކަށް ރޭހުގެ ރެފްރީގެ ގަޔަށްވެސް ފިސްތޯލަ ޖަހަ އެވެ. ރޭސް ނިންމާ ލައިނާއި ހަމައަށް ޖެނެރަލް އަލާދީން ދިއުމުގެ ކުރިން ރޭސް ނިންމާ ލައިނުގެ ފޮތިގަނޑު ހިފައިގެން ދެ އޮފިޝަލަކު ދުވެފައި އައިސް ޖެނެރަލް އަލާދީން އާއި ހަމައަށް އެ ފޮތިކޮޅު ގެނެސް، ޖެނެރަލް އަލާދީން އަށް ރޭސް ކާމިޔާބު ކޮށްދެ އެވެ.

ރާއްޖޭގައި ރިޔާސީ އިންތިހާބު ބޯމަތީގައި އޮތް އިރު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރު ކުރަމުންނެވެ. މި ވީޑިއޯ ދައުރުކުރާ މީހުން ބުނާގޮތުގައި ރާއްޖޭގައިވެސް ރިޔާސީ އިންތިހާބާ ދިމާކޮށް މިފަދަ މަންޒަރުތަކެއް މިވަނީ ފެންނަން ފަށާފަ އެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުތައް ގެންނަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ފަސޭހަ މަގުތަކެއް ހޯދުމަށް ކަމުގައި ފާޑުކިޔާ ފަރާތްތަކުން ސިފަ ކުރެ އެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނާގޮތުގައި ގެންނަ ކޮންމެ ބަދަލަކީ އުސޫލުތައް ހަރުދަނާ ކުރުމުގެ ގޮތުން ގެނެވޭ ބަދަލެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް