ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓީކާ ޖެހައި، ކުރާ ޖޫރިމަނާތަކަށް ހައްލެއް ހޯދައިދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.
މިކަން ހާމަކުރެއްވީ ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ރޭ ކުރެއްވި ޓުވީޓެއްގައި އެވެ. ނިިހާން ވިދާޅުވީ މުޅި މާލޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާއިރު ސްޓިކާ ޖަހައި ޖޫރިމަނާ ކުރުމުން ޒުވާނުންނަށް ވަމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދެއްވުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.
ޖޫރިމަނާ މައާފުކޮށްދެއްވަން ނިންމަވާފައިވާ ގޮތުގެ ތަފްސީލް ނިހާން ހާމައެއް ނުކުރައްވައެވެ.
ނިހާން އިތުރަށް ވިދާޅުވީ ޕީޕީއެމްއިން މަޖިލީހަށް ހުށަހަޅައި ފާސް ކުރި ބިލަކާއި ގުޅިގެން މީގެ ކުރިންވެސް ގަވައިދާ ހިލާފަށް ޕާކު ކޮށްގެން ކޮށްފައިވާ ޖޫރިމަނާތައް ރައީސް ޔާމީން މައާފުކޮށްދެއްވާފައިވާ ކަމަށެވެ. އެއީ 2015 ވަނަ އަހަރު އެވެ.
https://twitter.com/ahmed_nihan/status/1011295355940454401
އެ އަހަރު މަޖިިލީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން، ކުރިން ކޮށްފައި ހުރި ޖޫރިމަނާތަކުގެ ތެރެއިން ދައުލަތަށް ނުދައްކާ ހުރި ހުރިހާ ޖޫރިމަނާތަކެއް މައާފް ކޮށްދިނެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން ކޮށްފައި ހުރި ޖޫރިމަނާތައް ވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް