ޕާކިސްތާންގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ އަލީ ޒަފަރުގެ މައްޗަށް، އެ ގައުމުގެ އަންހެން ލަވަކިޔުންތެރިޔާ މީޝާ ޝާފީ ޖިންސީ ގޯނާގެ ތުހުމަތުކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް ބިލިއަން ޕާކިސްތާން ރުޕީސް ހޯދަން މީޝާ އާއި ދެކޮޅަށް ދައުވާ ކޮށްފި އެވެ.
މީޝާ މިދިޔަ އޭޕްރިލް މަހު ކުރި ޓްވީޓެއްގައި ބުނީ އަލީއަކީ ވަރަށް ކުރިއްސުރެ ދަންނަ އިތުބާރު ކުރެވުނު މީހެއް ކަމަށެވެ. އެކަމަކު ކައިވެންޏެއްކޮށް، ދަރިއަކު ވެސް ލިބިފައި ވަނިކޮށް އަލީގެ ފަރާތުން ޖިންސީ ފުރައްސާރައާ އެކި ފަހަރުމަތިން ކުރިމަތިލާން ޖެހުނު ކަމަށް މީޝާ ބުންޏެވެ. އެކަމަކު މި ތުހުމަތުތަކަށް އަލީ ވަނީ އިންކާރު ކޮށްފައި އެވެ.
މި ދައުވާ އޭނާ މައްޗަށް ކުރަން ނިންމާ އަލީ ޒަފަރުގެ ފަރާތުން ފޮނުވި ނޯޓިސްގައި ބުނެފައިވަނީ ބަދަލުގެ ގޮތުގައި މީޝާ އަތުން އެހާ ބޮޑު އަދަދެއް ހޯދަނީ އޭނާގެ އެ ތުހުމަތުތަކާއި ގުޅިގެން އަލީގެ އަބުރާއި، މީހުން އޭނާއަށް ކުރާ އިހުތިރާމާއި، ފިލްމާއި، ލަވަކިޔުމުގެ އިންޑަސްޓްރީގެ މަސައްކަތްތައް ލިބުމުގައި ދިމާވި ދަތިތަކުގެ އިތުރުން އޭނާގެ ސިކުނޑިއަށް އެކަމުން ކުރި އަސަރުން ކަމަށެވެ.
މި މައްސަލައިގަ އަލީ ފުރަތަމަ މީޝާއަށް މިދިޔަ އޭޕްރިލް މަހު ފޮނުވި ލީގަލް ނޯޓިސްގައި ބުނެފައިވަނީ ޓުވިޓާ މެދުވެރިކޮށް އަލީގެ ކިބައިން މައާފަށް ނޭދިއްޖެ ނަމަ މީޝާ އާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ. ބެލެވޭގޮތުގައި އަލީ މީޝާ އާއި ދެކޮޅަށް ދައުވާ ކުރަން ނިންމީ އޭނާ މައާފަށް ނޭދުމުންނެވެ.
އަލީގެ ގާނޫނީ ޓީމުން މީޝާއަށް ފޮނުވި ނޯޓިސް އާއި ގުޅިގެން އޭނާ ވަނީ ވަގުތުން ދެ ގާނޫނީ ވަކީލުން އައްޔަންކޮށް އިތުރަށް އެކަމާ ގުޅޭގޮތުން ޖަވާބުދޭނީ ވަކީލުން ކަމަށް ބުނެފަ އެވެ.
އަލީ ޒަފަރަކީ ޕާކިސްތާނު ފިލްމުތަކުގެ އިތުރުން ބޮލީވުޑްގައިވެސް މަސައްކަތް ކޮށްފައިވާ ތަރި އެކެވެ. އަލީ ޒަފަރުގެ އަންބަކާއި ދެ ދަރިން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް