ސުޝާންތު ސޮއި ކުރާ ފިލްމުތަކަށް މިވަނީ ކިހިނެތް!

ޓީވީ ސީރީޒްތަކުން މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލް ސުޝާންތު ސިންގް ރާޖް ޕޫޓް ސޮއި ކުރާ ފިލްމުތަކަށް މިފަހަކަށް އައިސް ވަރަށް ދެރަ ގޮތްތަކެއް ވާން ފަށައިފި އެވެ...

26 Jun 2018 | 02:33

ޓީވީ ސީރީޒްތަކުން މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލް ސުޝާންތު ސިންގް ރާޖް ޕޫޓް ސޮއި ކުރާ ފިލްމުތަކަށް މިފަހަކަށް އައިސް ވަރަށް ދެރަ ގޮތްތަކެއް ވާން ފަށައިފި އެވެ.

އޭނާ ލައްވާ ފިލްމު ކުޅުވަން ސޮއި ކުރާ ފަހުން ފިލްމުގެ މަސައްކަތް ހުއްޓާލަނީ އެވެ. ނުވަތަ އެ ފިލްމު ފަހަށް ޖައްސާލުމަށް ފަހު އެ ޑައިރެކްޓަރަކު އެހެން ތަރިން ލައްވާ އިތުރު ފިލްމެއްގެ މަސައްކަތް ފަށަނީ އެވެ. އެގޮތަށް ދިމާވެފައިވާ ފިލްމުތަކުގެ ތެރޭގައި ސުޝާންތު ސޮއި ކުރި ފިލްމު "ޕާނީ" އަދި "ޗަންދާ މާމާ ދޫރް ކޭ" ހިމެނެ އެވެ.

އެ ލިސްޓަށް އަނެއްކާވެސް މި ވަނީ ސުޝާންތުގެ ފިލްމެއް އިތުރުވެފައި އެވެ. އެކަމަކު ތަފާތު އެހެން ގޮތެކެވެ. ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމު "ޑްރައިވް" އަށް ސުޝާންތު ސޮއިކޮށް ފިލްމުގެ ޝޫޓިން ނިންމިތާ މިހާރު އަހަރެއްހާ ދުވަސް ވަނީ އެވެ. އެކަމަކު ފިލްމު ރިލީޒް ކުރެވޭ ވަރެއް އަދިވެސް ނުވެ އެވެ.

ކަރަން އެ ފިލްމު ޑައިރެކްޓު ކުރަން ހަވާލުކޮށްފައިވަނީ ތަރުން މަންސުހާނީ އާއި އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ފިލްމުގެ ޝޫޓިން ފުރަތަމަ ފަހަރަށް ނިންމި ފަހުން މިހާތަނަށް ކަރަން ހިތްހަމަ ނުޖެހިގެން ފިލްމުގެ ބައެއް މަންޒަރުތައް އަލުން ދެ ފަހަރު ވަނީ ޝޫޓު ކޮށްފައި އެވެ.

އެކަމަކު އަދިވެސް ކަރަން ފިލްމާއި މެދު ހިތްހަމަ ނުޖެހޭތީ ރިލީޒް ނުކުރެވިގެން އުޅޭއިރު އެ އޮތް ގޮތަށް އަދިވެސް ފިލްމު ރިލީޒް ނުކުރާނެ ކަމަށް ކަރަން ދަނީ ބުނަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ކަރަންގެ ފިލްމެއް ތަރުން އާއި ޑައިރެކްޓު ކުރަން ހަވާލު ކޮށްގެން މިގޮތަށް ވީ މިއީ ދެވަނަ ފަހަރެވެ. 2009 ވަނަ އަހަރު ރިލީޒް ކުރި "ދޯސްތާނާ 2" ވެސް ވަނީ އެތައް ފަހަރަކު އަލުން ޝޫޓު ކޮށްފައި އެވެ.

ސުޝާންތު ސޮއި ކުރާ ފިލްމުތަކަށް މި ވާގޮތާއި މެދު އޭނާ މިހާތަނަށް އެއްޗެއް ހާމައެއް ނުކުރެ އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން "ޑްރައިވް" ރިލީޒް ކުރާނީ މިއަހަރުގެ ސެޕްޓެމްބަރުގައި އެވެ. އެ ފިލްމު އެންމެ ފުރަތަމަ ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން މިއަހަރުގެ މާޗް މަހުވެސް ރިލީޒް ކުރަން ހަމަޖެއްސި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް