ވާދަވެރި ޑޯޓްމުންޑް ބަލިކޮށް، ބަޔާން އިން ތާވަލުގެ ކުރީގައި ބޮޑު ލީޑެއް ނަގައިފި

ޖަރުމަނު ލީގުގެ އެންމެ ވާދަވެރި، ވަރުގަދަ ދެ ކްލަބްގެ ކުރިމަތިލުމުން ކުރިހޯދާ، ބަޔާން މިޔުނިކުން ލީގު ތާވަލުގެ ކުރީގައި ބޮޑު ލީޑެއް ނަގައިފިއެވެ. ޑޯޓްމުންޑްގެ އަމިއްލަ ދަނޑުގައި، ސަޕޯޓަރުން ނުވައްދާ ކ...

26 May 2020 | 18:27

ޖަރުމަނު ލީގުގެ އެންމެ ވާދަވެރި، ވަރުގަދަ ދެ ކްލަބްގެ ކުރިމަތިލުމުން ކުރިހޯދާ، ބަޔާން މިޔުނިކުން ލީގު ތާވަލުގެ ކުރީގައި ބޮޑު ލީޑެއް ނަގައިފިއެވެ. ޑޯޓްމުންޑްގެ އަމިއްލަ ދަނޑުގައި، ސަޕޯޓަރުން ނުވައްދާ ކުޅުނު މެޗު ބަޔާންއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ.

މި މޮޅާއެކު، ކުޅުނު 28 މެޗުން ބަޔާންއަށް ވަނީ 64 ޕޮއިންޓް ލިބިފައެވެ. ދެ ވަނައިގައި އޮތް ބްރޫޝިއާ ޑޯޓްމުންޑަށް 28 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. އެހެންކަމުން، ލީގުގައި ބާކީ 10 މެޗު އޮތްއިރު ބަޔާންއަށް މިހާރު މި ވަނީ 7 ޕޮއިންޓްގެ ބޮޑު ލީޑެއް ލިބިފައެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބަޔާންއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ރަނގަޅު ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދީ ޑޯޓްމުންޑުންނެވެ. މެޗު ފެށިގެން ފުރަތަމަ މިނިޓުގައި ޑޯޓްމުންޑުން އުފެއްދި ހަމަލާއެއްގައި، އެ ޓީމުގެ ޒުވާން ފޯވާޑް ހާލާންޑް ފޮނުވާލި ބޯޅަ ގޯލަށް ވަންނަނިކޮށް، ރޮނގުމަތިން ސަލާމަތްކުރީ ބޯޓެންގް އެވެ.

މެޗުގެ ދިހަ ވަނަ މިނިޓުގައި ޑޯޓްމުންޑްގެ ހަކީމީ ބަޔާންގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، އެ ލަނޑު ޖެހުމުގެ ކުރިން، ހުރަސް ނަގައިދިން ހަޒާޑް އޮފްސައިޑްގައި ހުރުމުން އެ ލަނޑު ނުގުނިއެވެ. މީގެ އިތުރުން ފުރަތަމަ ހާފުގެ ފަހުކޮޅު، ހާލާންޑް ބަޔާންގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި ގޯލަށް ހަމަލާ އުފައްދަން އުޅުނު ނަމަވެސް އޭގެ ކުރިން ޑެވީސް ވަނީ ހާލާންޑް އަތުން ބޯޅަ ހޯދާފައެވެ.

އަނެއްކޮޅުން، ފުރަތަމަ ހާފު ނިމެން ދަނިކޮށް، ބަޔާންގެ ކިމިޗް ޖެހި ހިތްގައިމު ލަނޑާއެކު ޑޯޓްމުންޑް މާޔޫސް ކޮށްލިއެވެ. ޑެވީސް ދިން ބޯޅައެއް ހިފައިގެން ކުރިއަށް ޖެހިލާ، ޑޯޓްމުންޑްގެ ކީޕަރު ކުރިއަށް ޖެހި ހުރިކަން ފާހަގަކުރެވި، ކިމިޗް ދުރުން ހިތްގައިމު ޗިޕެއް ދުރު ކަނަށް ފޮނުވާލިއިރު، އެ ބޯޅަ ގޯލަށް ވަނީ ޑޯޓްމުންޑްގެ ގޯލްކީޕަރުގެ އަތުގައި ވެސް ޖެހިފައެވެ.

ޑޯޓްމުންޑުން ދެ ވަނަ ހާފު ފެށީ 2 ބަދަލާއެކުގައެވެ. ބްރެންޓްގެ ބަދަލުގައި ސަންޗޯ ކުޅެން ނުކުތްއިރު، ޑެލާނޭގެ ބަދަލުގައި ކުޅެން ނުކުތީ އެމްރީ ކޭން އެވެ.

ބަދަލުތައް ގެނައި ނަމަވެސް، ޑޯޓްމުންޑަށް މާކަބޮޑު ތަފާތެއް ނުދެއްކުނުއިރު، ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންގެ ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ވީ ބޭކާރެވެ. މެޗުގެ ފަހުކޮޅު ބަޔާންގެ ހުނަރުވެރި ފޯވާޑް ލެވަންޑޯސްކީ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލު އަރިމަތީ ދަނޑިއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް