ހަނިމާދޫއާއި ހޯރަފުށީގައި އަލަށް ގާއިމްކުރި ފެން ޕްލާންޓްތަކުން ހިދުމަތްދޭން ފަށައިފިއެވެ.
މި ދެރަށުގެ ފެނުގެ ނިޒާމު ހިންގުމުގެ މަސައްކަތް ހަވާލުކޮއްފައިވަނީ ފެނަކަ ކޯޕަރޭޝަންއާއެވެ.
މި ދެރަށުގައި ފެނުގެ ނިޒާމުގެ ހިދުމަތް ފަށަން ތާވަލް ކޮށްފައިވާ ތާރީހަށްވުރެ ކުރިން ފަށާފައިވަނީ، ވާރޭ ނުވެހި ގިނަ ދުވަސްވުމާއި ގުޅިގެން އެ ދެރަށުގެ ގިނަ ގެތަކަކުން ބޯފެން ހުސްވެ، ދެރަށަށް ބޯފެން ލިބުމުގައި ދަތިކަން ދިމާވެފައިވުމުން އެކަން ހައްލުކޮއްދިނުމުގެ ގޮތުންނެވެ. އެގޮތުން މި ފެން ޕްލާންޓްތަކުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އަދި މި ދެރަށުގެ ފެނުގެ ނިޒާމް ޤާއިމުކޮށް ބޭނުން ކުރަން ނުފެށި ލަސްވީ ފެން ތަޙްލީލް ކުރުމަށް ބޭނުންވާ ވަސީލަތް ދެރަށުގައިވެސް ޤާއިމުވެފައި ނެތުމުން ކަމަށާއި، ނަމަވެސް މިހާރު ޚިދުމަތް ފަށާފައި މިވަނީ ފެން ތަޙްލީލްކުރާ ވަސީލަތްތައް އެމްޑަބްލިއެސްސީގެ އެހީގައި ހޯދާ، ފެން ޓެސްޓް ކުރެވޭނެ ގޮތް ދެރަށުގައިވެސް ހަމަޖެހުމުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
މީގެއިތުރުން މި ފެން ޕްލާންޓްތަކުން އުފައްދާ ފެން ކޮންމެ ދުވަހަކު ގެތަކަށް ދޫކުރަމުންދާނީ ރައްކާތެރިތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށްފަހުގައި ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ވަގުތީ ގޮތުން އެމްޑަބްލިއުއެސްސީގެ ތަކެތި ބޭނުންކުރި ނަމަވެސް، އެއް މަސްދުވަހުގެތެރޭގައި މި ދެރަށަށް ބޭނުންވާ ދާއިމީ ވަސީލަތްތައް ހަމަޖައްސާނެކަމަށް ފެނަކައިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް