މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ގައި ހަދާފައިވާ ސްޓާފް މިނީ މާރޓް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
އެމް.އޭ.ސީ.އެލް އިން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ހަދާއިވާ ސްޓާފް މިނީ މާރޓް އެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ވާ ގޮތުގައި، ސްޓާފް މިނީ މާރޓް ހިންގުމަށް ދޫކުރެވޭ ތަނަކީ ވީ.އައި.އޭ ގެ ހުޅަނގުފަރާތުގައި އެކުންފުނީގެ އިދާރީ ޑިޕާޓްމަންޓްތައްހުރި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ގާތްގަނޑަކަށް 40 އަކަ މީޓަރުގެ ޖާގައެވެ.
ބީލަން ހުށަހެޅުމަށް ފުރުސަތު ދެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ 100 އިންސައްތަ ދިވެހިން ހިއްސާވާ ލިމިޓެޑް ލަޔަބިލިޓީ ކުންފުނި, އެސް.އެމް.އީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށް ކަމަށްވެސް އެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.
ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެމް.އޭ.ސީ.އެލް ގެ ކޮމަރޝަލް ޑިޕާރޓްމަންޓް އަށް ކުންފުނީގެ ރަޖިސްޓްރީ ކޮޕީ އާއިއެކު އީމެއިލް އެއް ނުވަތަ ސިޓީ އެއް ފޮނުވުމަށް އެކުންފުނިން އެދެއެވެ. އެ އިއުލާނުގައި އިތުރަށް ބަޔާންކޮށްފައި ވާގޮތުގައި، މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެކުންފުނިން ސީރިއަލް ނަންބަރު ދީފައިވާ ބީލަން ފޮތެއް ހަވާލުކުރެވޭނެއެވެ. އަދި ބީލަންފޮތް ހަވާލުކުރެވޭނީ 26 މެއި 2019 ން 02 ޖޫން 2019 ގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 އިން 12:30 އާއި ދެމެދު ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
މިކަމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް 02 ޖޫން 2019 ވަނަ ދުވަހުގެ 11:00 ގައި ޕްރީބިޑް މީޓިންގ އެއް އެ ކުންފުނީގެ ކޮމާޝަލް ބިލްޑިންގްގެ ދެވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ 19 ޖޫން 2019 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 19 ޖޫން 2019 ވަނަ ދުވަހުގެ 11:15 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް