ޗެމްޕިއަންސް ލީގުގައި 3-0 ގެ ބޮޑު ލީޑަކާއެކު 2 ވަނަ ލެގާ ކުރިމަތިލާ، ލިވަޕޫލްގެ މަޝްހޫރު އެންފީލްޑް ސްޓޭޑިއަމްގައި 4-0 ގެ ބައްޔަކާއެކު މުބާރާތާ އަލްވަދާއު ކިޔަން ޖެހުމުން ލިބުނު ހިތްދަތިކަން ނުފިލައިގެން އުޅެނިކޮށް، ސްޕެނިޝް ކަޕްގެ ފައިނަލްގައި ރޭ ވެލެންސިއާ އަތުން 2-1 އިން ބާސެލޯނާ ބަލިވެއްޖެއެވެ.
ވެލެންސިއާ އިން ބާސާ ބަލިކޮށް ސްޕެނިޝް ކަޕްގެ ތަށި އުފުލާލިއިރު، ޖެހިޖެހިގެން 4 އަހަރު މުބާރާތް ކާމިޔާބު ކުރުމަށްފަހު ބާސެލޯނާގެ ކާމިޔާބީއަށް މި ވަނީ ނިމުމެއް އަހިސްފައެވެ. އަނެއްކޮޅުން، އެންފީލްޑްގެ ހިތްދަތި ހަނދާންތައް ފުހެލަން ނުކުމެ އަނެއްކާ ވެސް ބައްޔަކާ ކުރިމަތިވުމުން ބާސެލޯނާ މި ސީޒަން ވެފައިވަނީ އުންމީދު ކުރިފަދަ ކާމިޔާބު ސީޒަނަކަށް ނޫނެވެ. 3 ތަށްޓަށް އަމާޒު ހިފައި، ހަމައެކަނި ލަލީގާ އާއެކު ނިންމާލަން ޖެހުމުން ބާސާގެ ޑިފެންޑަރ ޕީކޭ ބުނެފައިވަނީ މިއީ ބާސާއަށް "ފޮނިހިތި" ސީޒަނެއް ކަަމަށެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 2-0 ގެ ލީޑަކާއެކުގައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ކެވިން ގަމެއިރޯ އާއި ރޮޑްރިގޯ މޮރޭނޯއެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާއިން ކުޅުން ވަރުގަދަކޮށް، ރަނގަޅު އެޓޭކްތަކެއް އުފެއްދުނުއިރު، ވެލެންސިއާގެ ޑިފެންސް ލައިން ފެނުނީ ވަރުގަދަކޮށެވެ. އެހެނަސް، މެޗުގެ ފަހުކޮޅު ލިއޮނަލް މެސީ ޖަހައިދިން ލަނޑާއެކު ބާސާއަށް އުންމީދެއް ލިބުނެވެ. ނަމަވެސް، ވެލެންސިއާ އިން ވަނީ އިތުރު ލަނޑެއް ވަނަ ނުދީ ހިފަހައްޓާލާފައެވެ.
ރޭގެ މޮޅާއެކު ސްޕެނިޝް ކަޕްގެ ތަށި ވެލެންސިޔާއިން އުފުލާލިއިރު، މިއީ އެ ޓީމް މި މުބާރާތް 2008 ވަނަ އަހަރުގެ ފަހުން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
ޗެމްޕިއަންސް ލީގުން ކެޓުމަށްފަހު ވެސް ބާސެލޯނާގެ ކޯޗު ވަލްވާޑޭ ޓީމާއެކު ކުރިއަށް އޮތް ސީޒަނުގައި ވެސް މަޑުކުރަން ނިންމި ނަމަވެސް، ރޭގެ ބައްޔާއެކު، އޭނާ މަގާމުގައި ބަހައްޓާނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް