ފީވަކުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތް ލަސްވަނީ ރައްޔިތުންގެ ސަބަބުން - ފެނަކަ

ށ.ފީވަކުގެ ކަރަންޓުގެ މައްސަލަ ގޯސްވެ، އެެކަންކަން ހައްލުކުރުން ލަސްވަނީ އެ ރަށުގެ ބަޔަކު އެކަމަށް ހުރަސްއަޅާތީ ކަމަށް  ފެނަކަ ކޯޕަރޝަނުން ބުނެފިއެވެ. ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ...

26 May 2019 | 06:13

ށ.ފީވަކުގެ ކަރަންޓުގެ މައްސަލަ ގޯސްވެ، އެެކަންކަން ހައްލުކުރުން ލަސްވަނީ އެ ރަށުގެ ބަޔަކު އެކަމަށް ހުރަސްއަޅާތީ ކަމަށް  ފެނަކަ ކޯޕަރޝަނުން ބުނެފިއެވެ.

ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފީވަކަށް ބޭނުންވާ ވަރަށް ކަރަނޓު ފޯރުކޮށްދެވޭނެ ވަރުގެ ކެޕޭސިޓީ ހުރިކަމަށާއި، ދިމާވާ ބައެއް ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުން ދާކަމަށެވެ. އެހެންނަމަވެސް ބަޔަކު ރާވައިގެން މަސައްކަތަށް ހުރަސްއަޅަމުން ދާކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އެރަށުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމަށް މިމަހުގެ 16 ވަނަ ދުވަހު ވަކި ވަގުތެއްގައި ކަރަންޓް ކަނޑާލާނެކަން އެންގުމަށްފަހު އެމަސައްކަތް ކުރަމުންދަނިކޮށް ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ އަޑުގަދަކުރުމުގެ ސަބަބުން މަސައްކަތުގެ މާހައުލު ގެއްލި ކުރަމުންދިޔަ މަސައްކަތް ނިންމައި އަލުން ކަރަންޓް ފޯރުކޮށްދިނުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ އަލުން ކަރަންޓް ފޯރުކޮށް ދިނުމަށް ގިނަ ވަގުތުތަކެއް ނެގިކަމަށެވެ.

އަދި އޭގެ ފަހުން މިމަހުގެ 22 ވަނަ ދުވަހުވެސް ރައްޔިތުންގެ ތެރެއިން ބަޔަކު އެރަށުގެ އިންޖީނުގޭގެ އިންޖީން ރޫމަށާއި ކޮންޓްރޯލް ރޫމަށް ވަދެ، މުވައްޒަފުންނަށް ބިރުދައްކައި މުޅި ރަށުން ކަރަންޓުގެ ޚިދުމަތް ކަނަޑާލިކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި ހުކުރު ދުވަހުގެ ރޭ އެރަށު އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެގަޑީގައި ކަރަންޓް ކެނޑުނުތަނާހެން ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ އަޑު ގަދަކޮށް މަސައްކަތުގެ މާޙައުލް ގެއްލުވާލާ ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށް ދިނުމަށް ކުރަމުންދިޔަ މަސައްކަތަށް ހުރަސް އެޅުމުގެ ސަބަބުން، އަލުން ކަރަންޓު ފޯރުކޮށްދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށްވެސް ފެނަކަ އިން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަނީ ކަރަންޓްގެ މައްސަލަ ދިމާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް