ބުރުސޫރަ- ނަވާވީސް ވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ޒާހިދާ ލެއްޕި ދޮރާއި ދިމާލަށް ބަލަންހުރި ރާނީގެ ވަނީ ހިތް ކުދިކުދި ވެފައެވެ. ކަރުނައިން ފުރިފައިވާ ލޮލަކުން ރާނީ ބަލައިލީ ސިޑި ކައިރީގައި ހެވިފައި ހުރި މަންހާގެ މޫނަށެވެ. މަންހާ ...

26 May 2019 | 04:50

ކުރީގެ އަދަދާ ގުޅޭ...

ޒާހިދާ ލެއްޕި ދޮރާއި ދިމާލަށް ބަލަންހުރި ރާނީގެ ވަނީ ހިތް ކުދިކުދި ވެފައެވެ. ކަރުނައިން ފުރިފައިވާ ލޮލަކުން ރާނީ ބަލައިލީ ސިޑި ކައިރީގައި ހެވިފައި ހުރި މަންހާގެ މޫނަށެވެ. މަންހާ ކުރި ކަމެއް ރާނީގެ ބޮލުގައި އެޅެންވީ ކީއްވެގެން ހެއްޔެވެ. އެމީހާ އަނެއްކާ މަންހާގެ އަތައް އެދިނީ ކޯންޗެއް ހެއްޔެވެ.

"ރާނީ ޑްރަގް ނަގާ ވާހަކަ ދެން އިވޭނީ ބަލައްޗޭ" ރާނީގެ ކުރިމައްޗަށް ހުއްޓުމަށްފަހު މަންހާ ބުނެލިއެވެ. ސިޑިން ފައިބައިގެން އައި ޝިޔާ ވެސް ރާނީގެ ކައިރީގައި ހުއްޓުނެވެ. މަންހާ ބުނެލި ޖުމްލައިން ރާނީގެ ނޭވާ ނުހުއްޓުނީ ކިރިޔާއެވެ. މަންހާ ކިތަންމެ ވަރަކަށް އުޅުނަސް ރާނީ ނުކުރާ ކަމެއް ރާނީގެ ބޮލަކު ނޭޅުވޭނެއެވެ.

ވޭތުވެދިޔަ ދެ ދުވަހު ޒާހިދާގެ އިތުރުން ޝާހިދު ވެސް ރާނީ އަކާއި އަނގައިންނެއް ނުބުނެއެވެ. މަންހާގެ ވާހަކަ ކިޔައިދޭން ރާނީ ވަރަށް މަސައްކަތް ކޮށްފިއެވެ. ނަމަވެސް އެކަކުވެސް ރާނީ ދައްކާ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނޫނެވެ. ވާހަކަ ދައްކާނީ ޒިއަން އައުމުން ކަމަށް އެއްފަހަރު ޒާހިދާ ބުންޏެވެ. އެމީހުން މަންހާ ދެއްކި ހަގީގަތެއް ނެތް ވާހަކަތައް އެހާ ފަސޭހައިން އަޑު އެހީ ކީއްވެގެން ހެއްޔެވެ. ރާނީ އަކީ މިހާރު އެގޭ މީހެކެވެ. މަންހާ އަކީ އެގެއަށް މުޅިން ހިލޭ މީހެކެވެ. ގަބޫލުކުރަން ޖެހޭނީވެސް ރާނީ ދައްކާ ވާހަކަ ނޫންހެއްޔެވެ.

"ދައްތަ ގަބޫލުކޮށްބަލަ މަން ދެކުނީމޭ ރާނީ އަލުން އެމީހާ އާ ދަންވަރު ވާހަކަ ދައްކަން ހުއްޓަ" މަންހާ ވާހަކަ ދައްކާ އަޑު އިވުމުން ރާނީ މަޑުޖެހެލިއެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައީ ޒާހިދާގެ ކޮޓަރީގައެވެ. މިހާތަނަށް ރާނީ ވެސް ނުވަންނަ އެކޮޓަރިއަށް މަންހާ އަށް އެހާ ފަސޭހައިން ވަދެވެންވީ ކީއްވެގެން ހެއްޔެވެ.

"މަންހާ ދަންވަރު ހޭލާ ދެން ކީއްކުރަނީ؟" ޒާހިދާ ވަރަށް ހަރުކަށިކޮށް އަހައިލި އަޑު އިވުނެވެ. ރާނީ ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ.

"މަން ދިޔައީ ފެން ފުޅިއެއް ބަލައޭ... އެމީހާ އަލުން ރާނީ އަތައް އެއްޗެއް ދިނީ.. މަން އަށް ހީވަނީ ރާނީ ޑްރަގްސް ނަގަނީ ހެން... ރާނީ މިއަދު ރޮށި ފިހަން ހުރި އިރުވެސް ހުރީ ފާޑަކަށް ލޯ މެރިފަ ދައްތަ ވެސް ދެކުނީމެއްނު" މަންހާ ދައްކަމުން ދިޔަ ވާހަކަތައް އިވޭވަރަކަށް ރާނީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދިޔައީ އިތުރުވަމުންނެވެ.

"އާނ ދެކުނިން... ދައްތަ ހީކުރީ ނިދި ނުފިލާތީ ކަމަށް އެއީ... ޒިއަން ކައިރީ ބުނަންވީ އަވަހަށް އަންނާށޭ... އެ ހަންޑި ކުއްޖާ ޒިއަން ގެ ބޮލަށް އެރިގެން ކަމަށްވާނީ އެ އިނީ އަހަރެމެންނަށް ވަގަށް... އެހެން ނޫންނަމަ އެވަރުގެ ކަމެއް ޒިއަން ގޭ މީހުންނަށް ނޭންގި ކުރަންވީ ކީއްވެ؟ ޒިއަން އައީމަ ހުރިހާ އެއްޗެއް ކިޔާދީފަ ފައްސާލާނީ މިތަނުން" ޒާހިދާ ވާހަކަ ދެއްކި އަޑު ރާނީ އަށް އިވުނެވެ. އިތުރަށް އެވާހަކަތައް އަހަން ކެތްނުވުމުން އެތަނުން ރާނީ ދިޔައީއެވެ.

ކޮޓަރިއަށް ވަދެ ރާނީ އަޑުން އަޑުނަގައި ރޯން ފެށިއެވެ. މަންމަ އާއި މަންހާ މިހާރު އެ ވިސްނަނީ ރާނީ އެގެއިން ނެރޭނެ ގޮތެކެވެ. ޒިއަން އޭނަ އެކަނި ބަހައްޓާފައި ދިޔައީ ކީއްވެގެން ހެއްޔެވެ. އެންމެ ފުރަތަމަ ދުވަހު ޒިއަން އަށް ހުރިހާ ވާހަކައެއް ކިޔައިދެވުން ނަމަ މިހެންނެއް ނުވީހެވެ.

ހަވީރު ބަގީޗާގައި ހުރި ގަސްތަކަށް ފެން ދިނުމަށްފަހު ރާނީ އައީ ފެންވަރަން ދާން ހިތުލައިގެންނެވެ. ރާނީ ކޮޓަރީގެ ދޮރު ހުޅުވިއިރު މަންހާ އާއި ޒާހިދާ ކޮންމެވެސް އެއްޗެއް ހޯދަނީއެވެ. ރާނީ ހުރީ ވާނުވާ ނޭންގިފައެވެ.

"ކޮބާ މަގޭ ކެވެލިކޮޅު؟ އެ ރީތިވެގެން ރާނީ އޭ އުޅުނީ ދައްތަ އަށް އިނގޭތަ މަން ސޯފާގަ އިން އިރުވެސް އިންނަނީ އެޔަށް ބަލަހައްޓައިގެން" ރާނީ ފެނުމުން މަންހާ ހަރު އަޑުން ބުނެލިއެވެ. ޒާހިދާ ވެސް ހުރީ ރާނީ އަށް ބަލާށެވެ.

"ތެދެއް ރާނީ ނެގިންތަ އެބުނާ ކެވެލިކޮޅެއް؟" ޒާހިދާ އަހައިލިއެވެ. ރާނީ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ.

"މިއޮތީނު" ބާލީސް ދަށުން ކެވެލިކޮޅެއް ނަގަމުން މަންހާ ބުނެލިއެވެ. އެއީ ދުވަހަކުވެސް ރާނީ ދެކުނު ކެވެލިކޮޅެއް ނޫނެވެ.

"ރާނީ ވައްކަން ވެސް ކުރަން ފެށީތަ؟ މީ ދެން މީހަކު އެވަރަކުން ވަގަށް ނަގާ ވަރު އެއްޗެއްތަ؟ އަހަރެމެން ހީކުރީ މާ މަސައްކަތް ކޮށްފަ ގޭތެރޭގަ އުޅޭތީ ދެން ވަރަށް ރަގަޅު ކުއްޖެއް ކަމަށް... މިއަދު ތި ސާބިތުކޮށްދިނީ ތީ މަގޭ ދަރިޔަކާ އިނދެގެން އުޅެވޭ ފެންވަރުގެ މީހެއް ނޫންކަން..." ޒާހިދާގެ ދެ ލޯ ހުރީ ރަތްވެފައެވެ. ރާނީ ހުރީ އަމިއްލަ ދިފާއުގައި އެއްޗެއް ބުނަންވެސް ނުކެރިފައެވެ.

"ކޮން އަޑުގަދަޔެއް ތި ކުރަނީ؟" ކޮޓަރިއަށް ބޯ ދިއްކޮށްލަމުން ޝާހިދު ބުނެލިއެވެ. ރާނީ ބިރުގަތީ ދެނެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ.

"ރާނީ އަކީ އަހަރެމެން ހީކުރި ކަހަލަ ކުއްޖެއް ނޫން ޝާހިދު... މިހާރު ވައްކަން ވެސް ކުރަން ފެށީ... ޑްރަގްސް ވެސް ނަގަނީ... މީ ދެންމެ ބަލަނިކޮށް ފެނުން ކުޑަ ޕެކެޓް ކޮޅެއް" އަތުގައި އޮތް ކިއްލި އަޅާ ކަހަލަ ޕެކެޓެއް ދައްކައިލަމުން ޒާހިދާ ކިޔައިދިނެވެ. ޝާހިދު އެ ޕެކެޓު ޒާހިދާގެ އަތުން އަތުލުމަށްފަހު ވަސް ބަލައިލިއެވެ. އަދި ރާނީގެ މޫނަށް ބަލައިލިއެވެ.

"ރާނީ ޖެހޭނީ މިގެއިން ނިކުންނަން ދެން... ޒިއަން އައުމުގެ ކުރިން ދޭ... ވަރީގެ ކަންކަން ޒިއަން އައުމުން ހަމަޖައްސާނަށް" ޝާހިދުގެ ފަހު ބަސް އިއްވައިލުމަށްފަހު ނިކުމެގެން ދިޔައީއެވެ. ޒާހިދާ ވެސް ރާނީގެ މޫނަށް ބަލައިލުމަށްފަހު ނިކުމެގެން ދިޔައީއެވެ.

"ހީވޭ ކަމެއްހެން... އަހަރެން ބުނީމެއްނު" ރާނީގެ މޫނާއި މޫނު ކައިރިކޮށްލަމުން މަންހާ ބުނެލިއެވެ. އަދި ތުން އަނބުރައިލުމަށްފަހު ރާނީގެ އިސްތަށިގަނޑު އެއްފަރާތްކޮށްލިއެވެ.

"ފުރޭތަޔާ މިތަނުން ދުރައްދޭ... މަށާ ޒިއަންގެ ދިރިއުޅުމުން ދުރަށްދޭ... ހަންޑި" މަންހާގެ މޫނުމައްޗަށް ރުޅީގެ ކުލަވަރު ފެތުރިގެން ދިޔައެވެ. މިހެން ބުނުމަށްފަހު ވައި ރޯޅިއެއްހެން މަންހާ އެ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. މަންހާ ދިއުމުން ރާނީ ލޯގަނޑުން މޫނު ބަލައިލިއެވެ. ރާނީ ހުރީ މިވަގުތު ރޯން ވެސް ނޭންގިފައެވެ. ހުރިހާ ކަމެއް މިވީ ވަރަށް އަވަހަށެވެ. ވިސްނާލާނެ ވަގުތެއްވެސް ނުލިބުނެވެ. އެހީއަށް އެދޭނެ މީހެއްވެސް ނެތެވެ.

ވިސްނަން އެތައް އިރަކު އިނުމަށްފަހު ރާނީ ގޮތެއް ނިންމިއެވެ. ޒިއަން ކިތަންމެ ބޭނުން ނަމަވެސް ދެންތިބި މީހުންގެ ރުހުން ނުލިބެންޏާ އެގެ ރާނީ އަށް ވާނީ ނަރަކައަށެވެ. އެ ގުޅުމަށް ބަޔަކު ނަފްރަތު ކުރާހާ ހިނދަކު ރާނީ އަކަށް ނުވެސް ނިދޭނެއެވެ. ޒިއަންގެ ފަރާތުން ކިތަންމެ ލޯތްބެއް ލިބުން ނަމަވެސް އާއިލާގައި ދެން ތިބި މީހުންގެ ނުރުހުމުގައި އެގުޅުން ކުރިއަށް ގެންދާކަށް ރާނީ އަކަށް ލާހިކެއް ނޫނެވެ. ބަދުނަސީބަކީ އެންމެ ކުރީއްސުރެ ރާނީގެ ތަގްދީރުގައި ލިޔެ ނިމިފައިވާ ކަމެކެވެ. އުފާވެރިކަމަކީ ރާނީގެ ނަސީބަށް ކުރާ މަލާމާތެކެވެ. އުފާވެރިކަމެއް ލިބޭއިރަށް ނަސީބު އޭނާ އަށް މަލާމާތްކުރަން ފަށައެވެ. ކަރުނަތައް ފުހެލުމަށްފަހު ފޯނު ހިފައިގެން ދާން ހިނގައިގަތެވެ.

"ތި ދަނީތަ މިގެއިން؟ އޭރުން ދެން އެ ކޮޓަރީގަ އުޅޭނީ މަށާ ޒިއަން އާ..." ރާނީ ގެއިން ނިކުމެ ނިކުމެ ހުއްޓައި ފަހަތުން މަންހާ އައިސް ބުނެލިއެވެ. ރާނީ މަންހާގެ މޫނަށް ބަލައިލިއެވެ.

"މިދުވަސް އަދި މަންހާ އަށް ފެންނާނެ... ޒިއަން އެއް މަންހާ އަކަށް ނުލިބޭނެ އަހަރެން ކޮންމެ ތަނަކަށް ދިޔަޔަސް އަހަރެންގެ މި ބަސް ހަނދާނުގަ ބަހައްޓާތި" ވަރަށް ހިތްވަރު ކޮށްލާފައި ރާނީ ބުނެލިއެވެ. އޭރު ރާނީގެ ލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ.

"މަށާ ޗެލެންޖް ކުރަނީތަ؟ ބަލަން ހުންނައްޗޭ... އަދި މިގެއަށް އައިތާ ހަ މަސް ވެސް ނުވޭ މި ނެރެލީ ގެއިން... މަ ބުނީމެއްނު ޒިއަންގެ ހަޔާތުން ވެސް ނެރެލާނަމޭ... ވަރީގެ ފޯމު ވެސް އަދި އަތައް ލިބޭނެ..." މަންހާ ވަރަށް ޔަގީން ކަމާއި އެކީ ބުނެލިއެވެ. ރާނީ މަންހާ އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެވަގުތު މަންހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މަންހާ ހިން ދިރުވައިލިއެވެ.

"ބުޅާ ލޮލުން މަށަށް ބަލާނެ ކަމެއް ނެތް... މިތަނުން ފެއްސިގެން ދޭ" ރާނީގެ ލޮލުން ނަޒަރު ދުރުކޮށްލަމުން މަންހާ ބުނެލިއެވެ. އަދި ގޭ ދޮރު ބޮޑަށް ހުޅުވައިލަމުން މަންހާ ރާނީ އަށް ތަން ދައްކައިލިއެވެ. ބާރު ހިނގުމުގައި ރާނީ އެގެއިން ނިކުތެވެ. އެވަގުތު ބާރު ގުގުރި އަކާއި އެކީގައި ވާރެ އޮއްސައިލިއެވެ.

މަންހާ ދޮރު ޖަހަން އުޅުނު ވަގުތު ދުވަމުން ދުވަމުން އައިސް ގޭޓުން ވަނީ ޒިއަން އެވެ. ޒިއަން ފެނުމުން މަންހާގެ ހިތް ކުޑަ ވަގުތުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ޒިއަން ފެނުމުން ކުރެވުނު ކަންތަކާ ޖެހިލުންވެސް ވިއެވެ. ޒިއަން އައިސް ދޮރުން ވަންނަންދެން މަންހާ އަށް ހުރެވުނީ ހިޔާލެއްގައެވެ. ޒިއަން ވެދެގެން ދިޔައިރު މަންހާގެ މޫނަށް ބަލައިވެސް ނުލައެވެ. ތެމި ފޯވެގެން ބޮޑު ދަބަހެއް ކޮޑުގައި އަޅުވައިގެން އައި އިރު، މަންހާގެ ކައިރިން އަޅާފައި ދިޔަ އިރު ދުވި މީރު ވަހުން މަންހާގެ ހިތް ފުރިގެން ދިޔައެވެ.

"ރާނީ؟" ކޮޓަރިއަށް ވަތްގޮތައް ޒިއަން ފުރަތަމަ ވެސް ގޮވައިލީ ރާނީ އަށެވެ. ނަމަވެސް ކޮޓަރިއަކު ރާނީ އެއް ނެތެވެ. ފާހާނާއަކު ވެސް ނެތެވެ. މުޅި ގެ ބެލިއިރުވެސް ރާނީ އެއް ފެންނާކަށް ނެތެވެ. ޒިއަން ރާނީ ހޯދަމުން ދިޔައިރު މަންހާ ހުރީ ޒިއަންގެ ހަރަކާތްތަކަށް ބަލާށެވެ.

"ކޮންއިރަކު ޒިއަން އައީ؟" ކޮޓަރިން ނިކުތް ޒިއަން ފެނުމުން ޝާހިދު އަހައިލިއެވެ.

"ހަމަ ދެންމެ" ޒިއަން ބުނެލިއެވެ. އޭރު ވެސް ޒިއަން ދިޔައީ ކޮޅު ކޮޅު ހޯދަމުންނެވެ.

"ރާނީތަ ތި ހޯދަނީ؟" ޝާހިދު އަހައިލިއެވެ. މަންހާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޝާހިދު އާއި ޒާހިދާ ކިތަންމެ ފަސޭހައިން މަންހާގެ ވާހަކަ ގަބޫލުކުރި ނަމަވެސް، ޒިއަން ގަބޫލު ނުކުރާނެކަން އިނގެއެވެ. ޒިއަން އައުމުގެ ކުރިން ހުރިހާ ކަމެއް ކުރެވުމުން މަންހާ މިހާރު ހުރީ ޖެހިލުންވެފައެވެ. ޒިއަން އަށް ވެސް ރާނީގެ ފެންވަރު ދައްކައިލެވުންނަމަ ޒިއަން ވެސް ރާނީ މަތިން ފޫހިވާނެކަން ޔަގީނެވެ.

"ރާނީ ހިނގައްޖެ ނިކުމެގެން" ޖެހިލުންވެ ހުރެ މަންހާ ބުނެލިއެވެ.

"މި ރޭގަނޑު އެކަނިތަ ދިޔައީ؟" ޒިއަން އަހައިލިއެވެ. ޒިއަން އުޅުނީ ރާނީގެ ފޯނަށް ގުޅާށެވެ. ނަމަވެސް ޝާހިދު އެކަން މަނާ ކުރިއެވެ.

"ރާނީ މިގެއިން ދިޔައީ ބައްޕަ ބުނެގެން... ބައްޕަ ބޭނުމެއް ނޫން ރާނީ އާ ޒިއަންގެ އެއްވެސް ގުޅުމެއް އޮންނާކަށް... މާދަން ކޯޓަށް ފޯމުލާ ވަރިވާން" ޝާހިދު ދެއްކި ވާހަކައިން ޒިއަން ހުރީ އަނގަ ހުޅުވިފައެވެ. މި މީހުން ދައްކާ އެއްވެސް ވާހަކައެއް ޒިއަން އަކަށް ނަގައެއް ނުގަނެވުނެވެ.

"ބައްޕަ ތި ކިޔަނީ ކީކޭ؟" ޒިއަން އަހައިލިއެވެ. އެހިސާބުން ޒިއަން ދިޔަފަހުން ވި ހުރިހާ ކަމެއް ޝާހިދު ކިޔައިދިނެވެ.

"ތީ ހުސް ދޮގު... ކާކު ދެއްކި ވާހަކައެއް ތީ؟" ޒިއަން އަހައިލިއެވެ. ޒިއަން އަދިވެސް ހުރީ ގަބޫލުނުކުރެވިފައެވެ. ޒިއަން ގަބޫލެއް ނުވެސް ކުރާނެއެވެ. މިގޭތެރޭގައި ކޮންމެވެސް ނުބައެއް ހިނގައިފިއެވެ.

"މަންހާ އަށް ފެނުން" ޒާހިދާ ބުނެލިއެވެ. ޒިއަންގެ ދެ ކަންފަތުންނާއި ދެ ލޮލުން ކަނި ބުރައިގެން ދިޔަ ކަހަލައެވެ. މަންހާގެ މޫނަށް ޒިއަން ބަލައިލިގޮތުން މަންހާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް