ކުޅުދުއްފުށި ސިޓީވެސް މިހާރު މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާކަން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިއުލާނުކޮށްފިއެވެ.
އެޗްޕީއޭއިން މިކަން އިއުލާނުކޮށްފައިވަނީ މިރޭ ހާމަކުރި "މޮނީޓަރިން އަށް ގެނެވިފައިވާ ތަންތަނުގެ ލިސްޓް" ގައެވެ.
އެ ލިސްޓްގައިވާގޮތުގައި އެ ރަށް މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އިއްޔެގެ ތާރީހް (25 އޭޕްރީލް) ގައެވެ. އެ ރަށާއެކު ނ. ވެލިދޫ، ހއ. ދިއްދޫ، ހއ. އުތީމު، ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ، ނ. މިލަދޫ، ނ. މާފަރު، ށ. މާއުނގޫދޫ، ށ. ފީވައް، ށ. މިލަންދޫ، ށ. ފުނަދޫ، ނ. ހޮޅުދޫ އަދި ށ. ނަރުދޫވެސް މޮނީޓަރިން ހާލަތަށް ގެންގޮސްފައިވެއެވެ.
ކުޅުދުއްފުށި ސިޓީ ހިމެނޭހެން މި ހުރިހާ ރަށެއްވެސް މޮނީޓަރިން ހާލަތަށް ގެންގޮސްފައިމިވަނީ ށ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން، ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެ ބޯޓުން 90 އަށްވުރެ ގިނަ ޕަސިންޖަރުން ހއ. ހދ. ށ އަދި ނ އަތޮޅުގެ ރަށް ރަށަށް ދަތުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ދެމީހަކުވެސް ހިމެނެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވެފައިވާ ކޭސްތަކުގެ ތެރެއިން ކޭސް 133 އަކީ އަމާޒު ބޯޓުގެ ކެޕްޓަން ކަމަށެވެ. އެ ބޯޓު ރަށްރަށަށް ގޮސްފައިވަނީ 98 މީހަކު ގޮވައިގެން ކަމަށެވެ. އުމުރުން 49 އަހަރުގެ އެ ކެޕްޓަނާ ޑައިރެކްޓް ކޮންޓެކްޓްވި 50 ފަރާތެއް މިހާރު ދެނެގަނެވިފައިވާކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީ މޮނީޓަރިން ހާލަތަށް ގެނެސްފައިވާއިރު އެ ސިޓީގެ ކައުންސިލުން ވަނީ އެ ރަށުގައި ލޮކްޑައުންގެ ހާލަތު އިއުލާނުކޮށް ކާފިއު އިއުލާނުކޮށްފައެވެ. އެ ކާފިއު އާ ހިލާފުވާ ފަރާތްތައް 500 އާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް އެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް