އަވަށްޓެރި ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު އަށް ބޮމެއް ގޮއްވާލައި 253 މީހަކު މަރާލާފައިވާއިރު ޖާނުން ފިދާވެ މި އަށް ބޮން ގޮއްވާލި ބައެއް މީހުންގެ މައުލޫމާތުތައް މިހާރު މިވަނީ ހާމަކުރަން ފަށާފައެވެ.
މިއީ އެ އަށް މީހުންގެ ތެރެއިން ދެހިވަލައިގެ ކުޑަ ގެސްޓްހައުސްއެއްގެ ތެރޭގައި ބޮން ގޮއްވާލައި ޖާނުން ފިދާވި އަބްދުއްލަތީފް ޖަމީލް މުހައްމަދުގެ އެދުވަހުގެ ހަރަކާތްތަކުގެ ވާހަކައެވެ.
ސްކައި ނިއުސްއިން މި ވާހަކަތައް ގެނެސްދީފައިވާއިރު ސްކައި ނިއުސްގެ ނޫސްވެރިން ވަނީ އަބްދުއްލަތީފާއި ބެހޭ އެތައް މައުލޫމާތަކާއި އޭނާގެ އެދުވަހުގެ ބައެއް ހަރަކާތްތަކުގެ ފޮޓޯވެސް ހޯދާފައެވެ.
އެގޮތުން ރިޕޯޓްކޮށްފައިވާގޮތުގައި އުމުރުން 36 އަހަރުގެ އަބްދުއްލަތީފް ޖަމީލް އެދުވަހު އުޅުނީ ތާޖް ހޮޓެލްގައި ބޮން ގޮއްވާލުމަށެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އެ ބޮން ގޮވާގޮތެއް ނުވިއެވެ. ދެން އޭނާ އުޅުނީ އެ ބޮން (ބެކްޕެކް) އެތާނގައި ބާއްވާފައި ދާށެވެ. ނަމަވެސް އެ ހޮޓަލުގެ ވޭޓަރަކު އޭނާއާ އެ ބެކްޕެކް އަލުން ހަވާލުކުރިއެވެ.
ބޭސްބޯލް ތޮތްޕެއް އަޅައިގެން ކަޅާއި ހުދު ރޮނގުދެމި ޓީޝާޓެއް ލައިގެން އެދުވަހު އުޅުނު އަބްދުއްލަތީފް ޖަމީލު އެ ބެކްޕެކް ހިފައިގެން ކުރޮޅިއެއްގައި ދިޔައީ ދެހިވަލައިގާ ހުންނަ ކުޑަ ގެސްޓްހައުސް އަށެވެ. އަދި އެތަނަށް ގޮސް، ތަޅުލެވޭ ކޮޓަރިއެއް ދިނުމަށް އެ ގެސްޓްހައުސްގެ ވެރިޔާ ކުރެން އަހައި އެ ކޮޓަރިއަށް ބެކްޕެކް ލުމަށްފަހު މިސްކިތައް ދިޔަކަމަށް ބުނެފައިވެއެވެ.
އަބްދުއްލަތީފް ޖަމީލް މިސްކިތައް ގޮސްފައިވަނީ ހެދުން ބަދަލުކޮށްގެންނެވެ. މިސްކިތުގެ ސީސީޓީވީ ފުޓޭޖްގެ ސްކްރީން ގްރެބެއް ސްކައި ނިއުސްއިން ހޯދާފައިވާއިރު މިސްކިތުގައި އަބްދުއްލަތީފް ހުރީ ހުދުކުލައިގެ ގަމީހެއް ލައިގެންނެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި އަބްދުއްލަތީފް ޖަމީލް އޭނާގެ ނަފްސު ގޮއްވާލީ މިސްކިތުން އަނބުރާ އެ ކޮޓަރިއަށް ދިއުމަށްފަހުގައެވެ. އަދި އެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގައި ތިބި ދެމަފިރިއަކު އެ ހަމަލާގައި މަރުވެފައވެއެވެ.
އަބްދުއްލަތީފް ޖަމީލް ކުރިން ދުނިޔޭގެ އެކި ގައުމުތަކަށް ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލުތަކާއި އޭނާގެ ތައުލީމީ ބެކްގްރައުންޑްވެސް ސްކައި ނިއުސް އިން ހޯދާފައިވެއެވެ.
އެގޮތުން އެކެއް ޖަނަވަރީ 2006ގައި އެރޯނޯޓިކަލް އިންޖިނޭރިން ކިޔަވަން އޭނާ އިނގިރޭސިވިލާތައް ދިޔަކަމަށާއި އަދި ހަމ އެއަހަރުގެ ސެޕްޓެމްބަރުގައި ރާއްޖެ މަގުން އެނބުރި ލަންކާއަށް ދިޔަކަމަށް ބުނެފައިވެއެވެ. އަދި 2008ގައި އޭނާ އެނބުރި އިނގިރޭސިވިލާތައް ދިޔައިރު ހައްދު ފަހަނައަޅާފައިވާ މީހުންނާއި އޭނާއާއި ގުޅުމެއް އޮންނަ ކަމުގެ ތުހުމަތު ކުރެވޭތީ އޭނާގެ ހަރަކާތްތައް މޮނީޓަރ ކުރަން ފަށާފައިވާކަމަށްވެސް ބުނެފައިވެއެވެ.
އަދި 2008 އިން ފެށިގެން ހަތަރު އަހަރުވާންދެން އެކި ފަހަރު މަތިން ސިންގަޕޫރު، މެލޭޝިޔާ އަދި ލަންކާގައި އުޅުނު ކަމަށާއި މެލޭޝިޔާގައި އައިއެސްގެ ބަޔަކު އުޅޭކަމަށްވެސް ސްކައި ނިއުސް އިން ބުނެފައިވެއެވެ. އދި އޭނާ އޮސްޓްރޭލިއާއިން ޕޯސްޓް ގްރެޖުއޭޓް ޑިގްރީއެއް ހާސިލުކުރި ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އަބްދުއްލަތީފް ޖަމީލަކީ މީހަކާ އިނދެގެން އުޅޭ އަދި ދަރިންވެސް ތިބި މީހެއް ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
[contentcards url="https://dhuvas.mv/85493"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް