މެޑަމް ފާތިމަތު އިބްރާހިމް ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކޮށްދިނުމަށް ތ. އަތޮޅަށް ވަޑައިގެންފި އެވެ.
އެކަމަނާގެ ދަތުރުފުޅުގައި މިއަދު ވަނީ ވިލުފުއްޓަށް ވަޑައިގެންފަ އެވެ. އެކަމަނާއަށް އެރަށުން މަރުަބާކީ ފިނިފެން މަލުގެ ފިޔައިންނެވެ. ގިނަ އަދަދެއްގެ ބަޔަކު އެކަމަނާއަށް މަރުހަބާ ކިޔުމަށް ބަނދަރަށް އެއްވެފައިވާއިރު މިއީ މީގެ ކުރިން އެރަށަށް ވަޑައިގެންނެވި ބޭފުޅަކަށް މަރުހަބާ ކިޔާފައިވާ ގޮތަށްވުރެ މާފުރިހަމަ ގޮތެއް ކަމަށް ޕީޕީއެމްއިން ބުނެ އެވެ.
އެކަމަނާގެ މި ދަތުރަކީ އެ އަތޮޅުގެ ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މެޑަމް ފާތުން މިއަދު އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މާދަމާ ރޭ ވޭމަންޑޫގައި ބާއްވާ ޕީޕީއެމްގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނަވާނެ އެވެ.
ފަސްޓް ލޭޑީ ފާތުންގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދާއި އެ ޕާޓީގެ އެހެން ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނަވަ އެވެ.
ފަސްޓް ލޭޑީ މީގެ ކުރިން ވެސް ވަނީ ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިނަށް ބައެއް ރަށްރަށަށް ވަޑައިގެންފަ އެވެ. އެގޮތުން މިދިޔަ މަހު ލ. އަތޮޅަށް ވަޑައިގެންފަ ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް