ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑުން ފަހަތުން އަރާ ބަޔާން މިޔުނިކް ބަލިކޮށްފިއެވެ. ބަޔާން މިޔުނިކްގެ ދަނޑުގައި ކުޅެވުނު މި މެޗު ނިމުނީ 2-1 ގެ ނަތީޖާއިންނެވެ.
ރެއާލްއިން ބަޔާންގެ ދަނޑުގައި ފަހަތުން އަރާ މޮޅުވިއިރު، މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ވެސް ރެއާލްއިން ވަނީ ބަޔާންގެ ދަނޑުގައި ފަހަތުން އަރާ 2-1 ގެ ނަތީޖާއިން އެ ޓީމު ބަލިކޮށްފައެވެ.
ރަށުން ބޭރުގައި ޖެހި ދެ ލަނޑާއެކު ރެއާލް މޮޅުވުމުން، މިއީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ކުޅޭ ދެ ވަނަ ލެގަށް އެ ޓީމު ނުކުންނައިރު އެޑްވާންޓޭޖަކަށް ވާނެއެވެ. އަނެއްކޮޅުން މި މޮޅާއެކު ރެއާލް މެޑްރިޑް ވެފައިވަނީ ޗެމްޕިއަންސް ލީގުގައި 150 މޮޅު ހަމަކުރި ހަމައެކަނި ކްލަބަށެވެ. ހަމައެހެންމެ، ރޭގެ މޮޅާއެކު ރެއާލްގެ ކުރީގެ ގޯލް ކީޕަރ އީކާ ކަސިއަސްގެ މައްޗަށް ކުރިހޯދާ، 96 މޮޅާއެކު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މޮޅު ހޯދި ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައެވެ.
ރޭގެ މެޗު ފެށިގޮތަށް ބަޔާންއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ލެވަންޑޯސްކީ އަރިމަތިން އޭރިއާތެރެއަށް ވަދެގަނެ ނަގައިދިން ހުރަސް މުލާއަށް ކޮންޓްރޯލް ކޮށްލެވޭގޮތެއް ނުވިއެވެ. އެއަށްފަހު ވެސް ބަޔާންއިން ރަނގަޅަށް ކުޅެމުންދިޔައިރު، އެ ޓީމަށް ގޮންޖެހުމެއް ކުރިމަތިވީ މެޗުގެ ކުރީކޮޅުގައި އަޔާން ރޮބެންއަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ.
މެޗުގައި ފުރަތަމަ ހުސް ފުރުސަތެއް ލިބުނީ ރެއާލް އަށެވެ. އެހެނަސް، ކަވަހާލް ވަޒްކުއޭޒްއަށް ޖައްސާލި ބޯޅަ ބަޔާންގެ ޑިފެންޑަރެއްގެ ފައިގައި ޖެހި އަލުން ލިބުމުން ކަވަހާލް ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް އަމާޒުވީ ސީދާ ކީޕަރަށެވެ.
ބަޔާންއަށް މެޗުގެ 28 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ފުލްބެކަށް ކުޅޭ ޖޯޝުއާ ކިމިޗެވެ. ބަޔާން އިން އުފެއްދި އަވަސް ކައުންޓަރ އެޓޭކެއްގައި ކިމިޗް ކުރިއަށް ދެމިގަނެ، ހަނި އޭންގަލްއިން ބޯޅަ ގޯލަށް ވައްދާލިއިރު، މިއީ ރެއާލްގެ ކީޕަރު ނާވަސްގެ މަސައްކަތާމެދު ސުވާލު އުފެދޭފަދަ ލަނޑެކެވެ.
ބަޔާންގެ ލަނޑަށްފަހު އެ ޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ވަރަށް ރަނގަޅަށް ކުޅުނު ވަގުތުކޮޅެއް ދިޔައެވެ. އެހެންނަމަވެސް، އެ ޓީމަށް އިތުރު ލަނޑެއް ނުޖެހުނުއިރު، މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ރެއާލްގެ ފުލްބެކް މާސެލޯ ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ރެއާލްގެ މެދުތެރެއަށް ކުޅެމުންދިޔަ އިސްކޯގެ ކޮނޑު ހުޅަށް އަނިޔާވެ ދެ ވަނަ ހާފު ފަށަން އޭނާގެ ބަދަލުގައި ކުޅެން ނުކުތް އެސެންސިއޯ ވަނީ ނަތީޖާ ބަދަލުކޮށްލާފައެވެ. ބަޔާންގެ ފަހަތުން ރަފީނާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެސެންސިއޯ ބޯޅަ ހޯދުމަށްފަހު ވަޒްކުއޭޒްއަށް ޖައްސާލިއިރު، އޭނާ ވަނީ ކުރިއަށް ދުވެ ހުސްވަމުން ދިޔަ އެސެންސިއޯއަށް އަލުން ބޯޅަ ދީފައެވެ. އެސެންސިއޯ ހަމަޖެހިލާފައި ބޯޅަ ގޯލަށް ވައްދާލާ ނަތީޖާ ވަނީ ރެއާލް ކޮޅަށް އަނބުރާލާފައެވެ.
ރެއާލްއިން ލީޑު ނެގުމަށްފަހު ވެސް ބަޔާންއިން ވަނީ ރެއާލްގެ ގޯލަށް ތަކުރާރުކޮށް ނުރައްކާ ކޮށްފައެވެ. ރެއާލްގެ ޑިފެންސް އެންމެ ރަނގަޅު ފޯމުގައި ނުފެނުނު ނަމަވެސް، ނާވަސް ވަނީ ދެ ވަނަ ހާފުގައި ވަރަށް ރަނގަޅު ސޭވްތަކެއްކޮށް، ބަޔާންއިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް