އިޓަލީއާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފަށަނީ

އިޓަލީ އާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް އެ ގައުމުގެ ގައުމީ އެއާލައިން އަލްއިޓާލިއަން އިން ތައްޔާރުވެއްޖެ އެވެ. މި އަހަރުގެ އޮކްޓޯބަރު މަހުގެ 31 ން ފެށިގެން އެ އެއާލައިން އިން މާލެއާއި އ...

26 Apr 2017 | 06:37

އިޓަލީ އާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް އެ ގައުމުގެ ގައުމީ އެއާލައިން އަލްއިޓާލިއަން އިން ތައްޔާރުވެއްޖެ އެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ 31 ން ފެށިގެން އެ އެއާލައިން އިން މާލެއާއި އިޓަލީގެ ވެރިރަށް ރޯމް އާއި ދެމެދު ސީދާ ދަތުރުތައް ކުރަން ފަށާނެ ކަމަށް ވައިގެ ދަތުރުފަތުރުތަކުގެ ހަބަރުތައް ގެނެސްދޭ އޭވިއޭޝަން ޓްރައިބިއުންގައި ބުނެފައިވެއެވެ.

އަލްއިޓާލިއާ އެއާލައިންގެ ސީއީއޯ ކްރޭމާ ބޯލް ވިދާޅުވެފައިވަނީ ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށެވެ. އަދި ހާއްސަކޮށް ފިނި މޫސުމުގައި  އިޓަލީ އިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާކަމަށްވެސް ކްރޭމާ ބޯލް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އިޓަލީ އަކީ ހަތަރު ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުކަމުން، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމުން އިޓަލީ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރާކަމަށްވެސް ކްރޭމާ ބޯލް ވިދާޅުވެފައިވެއެވެ.

މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ހަފްތާއަކު ތިން ދަތުރެވެ. އެގޮތުން އަލްއިޓާލިއާ އިން ރާއްޖެއަށް ދަތުރު ކުރާނީ އަންގާރަ، ހުކުރު އަދި ހޮނިހިރުގައެވެ. ރާއްޖެއިން އިޓަލީ އަށް ދަތުރުތައް އޮންނާނީ ބުދަ، ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ. އަދި މި ދަތުރުތައް ކުރަން ނިންމާފައިވަނީ 2018 ވަނަ އަހަރުގެ މާޗް 24 އާއި ހަމައަށެވެ.

މި ދަތުރުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ  250 މީހުންގެ ޖާގައިގެ އެއާބަސް 330 ގެ ބޯޓެއްކަމަށް އަލްއިޓާލިއާ އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް