ބޮލީވުޑްގައި 2016 ވަނަ އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު އެކްޓަރުގެ ނޭޝަނަލް އެވޯޑް އަކްޝޭ ކުމާރަށް ލިބުމުން އޭނާ އާ ދިމާލަށް ދަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން ނެވެ.
ފާޑުކިޔުންތެރިން ބުނާގޮތުގައި އަކްޝޭއަށް މި އެވޯޑް ލިބިފައި ވަނީ އެވޯޑް ދިނުމަށް ނަގާފައިވާ ޖޫރީގެ ބޮޑުމީހާ ޕްރިޔަދަރްޝަން ގެ ސަބަބުންނެވެ. ޕްރިޔަ ދަރްޝަން އާއި އަކްޝޭއާއެކު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރުމުން އޭނާއަށް އެ އެވޯޑް ދިނީކަމަށް ބުނެ ނެވެ.
ބޮލީވުޑްގެ ސްޓަންޓްމެން އަކަށް އިންޝޫރެންސް ގައި އެހީވާން ގޮސް ހުރި އަކްޝޭ މީޑިޔާގެ ސުވާލަށް ޖަވާބު ދެމުން ވަނީ އޭނާ މި ދާއިރާގައި އުޅޭތާ ގިނަދުވަސްތަކެއް ވެފައިވާއިރު ކޮންމެ ފަހަރަކުވެސް މީހަކަށް އެވޯޑެއް ލިބުމުން އެއަށް ފާޑުކިޔާ މީހުން ވަރަށް ގިނަވާނެކަމަށް ބުނެފަ އެވެ.
އޭނާއަށް ފާޑު ކިޔާ މީހުންނަށް ޖަވާބު ދެމުން އަކްޝޭވަނީ އޭނާ މި ދާއިރާގައި މަސައްކަތްކުރާތާ 26 އަހަރުފަހުން ލިބުނު އެވޯޑަކީ ހައްގު އެއްޗެއް ގޮތުގައި ނުދެކޭ ނަމަ އެ އެވޯޑް އައިސް ނަގައިގެން ގެންދިއުމަށް ބުނެފަ އެވެ.
އަކްޝޭއަށް އެންމެ މޮޅު ބަތަލްގެ އެވޯޑް ލިބިފައިވަނީ 2016ގައި އޭނާ ކުޅުނު "ރުސްތަމް" އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް