މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަ މިނިވަން މުއްސަސާ އަކުން ތަހުގީގެ ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރު ހުށަހެޅި އެ މައްސަލާގައި ވަނީ، ޔާމިން ރަޝީދަށް މަރުގެ އިންޒާރު ތަކުރާރުކޮށް ދެމުންދާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާއިރު އެކަމާ ގުޅިގެން ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން އެކަމުގައި ފުލުހުންގެ އިހުމާލެއްވާކަން ގަބޫލުކުރުމުގެ ފުރުސަތު އޮތްކަމަށެވެ.
ޔާމީންގެ މަރުގެ މައްސަލާއިގެ އިތުރުން ޑރ. އަފްރާޝީމް އަލީ ޝަހީދުކޮށްލި މައްސަލައާއި އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލުވާން އަބްދުﷲ ގެއްލުނު މައްސަލާގައި އެންމެ ފުރިހަމަ ތަހުގީގެއްކޮށްފައި ނުވާކަމަށް ބުނެ އެ މައްސަލަވެސް ވަނީ ހުށަހަޅާފަައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިތާ ފަސް އަހަރާއި ގާތްވެފައިވާއިރުވެސް އެ ތަހުގީގު އެންމެ ފުރިހަމައަށް ކުރެވިފައި ނުވާ ކަމަށް އަލީ ނިޒާރު ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ރިލްވާން އަބްދުﷲ "ވަގަށް ނެގިތާ" ތިން އަހަރު ހަމަވާން ގާތްވެފައިވާއިރު އެކަން ކުރި ބަޔަކާއި އެކަން ހިނގާދިޔަ ގޮތް ފުލުހުންނަށް ހޯދިފައި ނުވާ ކަމަށްވެސް އެ މައްސަލާގައި ބަޔާންކޮށްފައިވެއެވެ.
އެ ގަރާރުގައި ވަނީ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު މިނިވަން ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ގޮވާލައި މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ކުއްލި މައްސަލަ ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް