އެމެރިކާއިން ހުށަހެޅި 15 ޝަރުތައް ބަލައިވެސްނުލާ އީރާނުން ހުށަހެޅީ ވަރުގަދަ ފަސް ޝަރުތެއް - މައި މެދުވެރިޔަކީ ޕާކިސްތާނު

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި 15 ނުކުތާގެ ސީޒްފަޔާ ޕްލޭނަށް އީރާނުން މުތުލަގަށް ދެކޮޅު ހަދައި، ބަދަލުގައި ފަސް ޝަރުތ...

26 Mar 2026 | 00:19
އެމެރިކާ، އީރާނު އަދި ޕާކިސްތާނުގެ ވެރިން -

އެމެރިކާ، އީރާނު އަދި ޕާކިސްތާނުގެ ވެރިން -

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި 15 ނުކުތާގެ

ސީޒްފަޔާ ޕްލޭނަށް އީރާނުން މުތުލަގަށް ދެކޮޅު ހަދައި، ބަދަލުގައި ފަސް ޝަރުތެއް

ހުށަހަޅައިފިއެވެ.

ޕާކިސްތާން މެދުވެރިކޮށް އީރާނަށް ފޮނުވި މި ޕްލޭން

އީރާނާ ހަވާލުކޮށްފައިވާ ކަން ކަށަވަރުކޮށްދިނީ އީރާނުގެ ނަން ހާމަނުކުރާ ސީނިއާ

އޮފިޝަލެއް، ރޮއިޓާސް ނޫސް އެޖެންސީއަށް ބުދަ ދުވަހުއެވެ. އެސޯސިއޭޓެޑް ޕްރެސް

(އޭޕީ) ރިޕޯޓް ކުރި ގޮތުގައި ޕާކިސްތާނުގެ އިންޓަމީޑިއަރީޒް މެދުވެރިކޮށް ޕްލޭން

ފޮނުވީ އަންގާރަ ދުވަހު (މާޗް 24) އެވެ. ނަމަވެސް ޕްލޭން ސީދާ ހަވާލުކުރި ވަގުތެއް

އެއްވެސް މަސްދަރަކުން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ 15 ޕޮއިންޓަށް ބަލައިލާއިރު

އެކި މަސްދަރުތަކުން ލިބޭ މަޢުލޫމާތުތައް

އަޅާކިޔާލާއިރު އެމެރިކާއިން ހުށަހަޅާ ޕްލޭންގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ

އެއްބަސްވުމަކަށް އާދެވެންދެން 30 ދުވަހަށް ހަމަލަތައް މެދުކަނޑައިލުމަށާއި

ނަތަންޒް، އިސްފަހާން އަދި ފޯޑޯ، ނިއުކްލިއާ ފެސިލިޓީތައް ރޫޅާލުން، ނިއުކްލިއާ ހަތިޔާރު

ދުވަހަކުވެސް ނުއުފެއްދުމަށް ދާއިމީ ވައުދެއްވުން، ފައްކާ ކޮށްފައިވާ ޔޫރޭނިއަމް އިންޓަނޭޝަނަލް

އެޓޮމިކް އޭޖަންސީ (އައިއޭއީއޭ) އާ ހަވާލުކުރުން، އީރާނުގައި ޔޫރޭނިއަމް އެންރިޗް

ކުރުން ހުއްޓާލުން، މިސައިލްތަކުގެ ރޭންޖާއި އަދަދު ލިމިޓް ކުރުން، ސަރަހައްދީ

ޕްރޮކްސީ ގްރޫޕްތަކަށް (ހިޒްބުﷲ ފަދަ ގްރޫޕުތަކަށް) ތާއީދު ހުއްޓާލުން، ހަކަތައިގެ

ފެސިލިޓީތަކަށް ހަމަލާ ދިނުން ހުއްޓާލުން، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުން

ފަދަ ކަންކަމެވެ.

އީރާނުގެ ރަސްމީ ފަސް ޝަރުތަށް ބަލައިލާއިރު

އީރާނުގެ ދައުލަތުގެ ޕްރެސް ޓީވީން ނަން ހާމަނުކުރާ

ސީނިއާ އޮފިޝަލަކާ ހަވާލާދީ ރިޕޯޓް ކުރި ގޮތުގައި، އީރާނުގެ ފަސް ޝަރުތަކީ:

އެމެރިކާ އާއި އިޒްރޭލުން ޓާގެޓެޑް ހަމަލާ ދިނުމާއި އޮފިޝަލުން މެރުން ހުއްޓާލުމާއި،

ދެވަނަ ހަނގުރާމައެއް ނުފެށޭނެ ކަމުގެ މެކޭނިޒަމް ގާއިމްކުރުމާއި، ހަނގުރާމައިގެ

ބަދަލު ދެއްކުމާއި، ލުބުނާނުގައި ހިޒްބުﷲ އާއި އިރާގުގައި ޕްރޯ-އީރާން

ގްރޫޕްތަކަށް ހަމަލާ ދިނުން ހުއްޓާލުމާއި އަދި ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް

އީރާނުގެ ސިޔާދަތު ބައިނަލްއަގުވާމީ ގޮތުން ބަލައިގަތުމެވެ.

އެ އޮފިޝަލް ބުނި ގޮތުގައި "ހަނގުރާމަ ނިމޭނީ

އީރާނުން ބޭނުންވީމައި، އީރާނުގެ ޝަރުތުތައް ފުރިހަމަ ވީމައި" ކަމަށެވެ.

ރަސްމީ ފަހެއްގެ އިތުރުން

ވޯލް ސްޓްރީޓް ޖާނަލް އިން "އެކި މަސްދަރުތަކާ"

ހަވާލާދީ ރިޕޯޓް ކުރި ގޮތުގައި، ރަސްމީ ފަސް ޝަރުތުގެ އިތުރުން ވެސް ޝަރުތުތަކެއް

ހުށަހެޅިއެވެ. އޭގެ ތެރޭގައި ގަލްފުގައި ހުރި ހުރިހާ އެމެރިކާ އަސްކަރީ ބޭސްއެއް

ބަންދުކުރުމާއި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ސުއޭޒް ކެނަލް

އުސޫލުން ފީ ނެގޭ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ. މި ޝަރުތުތައް ކުރިއަށް

ނެރެނީ އީރާނުގެ ރެވޮލިއުޝަނަރީ ގާޑު (އައިއާރުޖީސީ) ކަމަށް އެ ރިޕޯޓުގައި

ފާހަގަކޮށްފައިވެއެވެ.

ދެ ފަރާތުގެ ހުށަހެޅުންތަކަށް ދެ ފަރާތުގެ ރައްދު

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ރައްދު ދިނީ

ވަރަށް ހަރުކަށިކޮށެވެ. އީރާނުގެ އަސްކަރީ ތަރުޖަމާނު އިބްރާހީމް ޒުލްފަޤާރީ

ދައުލަތުގެ ޓީވީގައި ބުނީ "އެމީހުން (އެމެރިކާ) ނެގޯޝިއޭޓް ކުރަނީ އަމިއްލަ

ނަފުސާ" ކަމަށެވެ. ޚާރިޖީ ވަޒީރު އައްބާސް އަރާޣްޗީ ދައުލަތުގެ ޓީވީގައި ބުނީ

"ވާހަކަ ދެއްކުމެއް ނެތް، ވާހަކަ ދައްކާކަށް ޕްލޭނެއް ވެސް ނެތް"

ކަމަށެވެ.

ބަދަލުގައި، އީރާނުގެ ފަސް ޝަރުތަށް އެމެރިކާގެ އޮފިޝަލެއް

ވޯލް ސްޓްރީޓް ޖާނަލް އަށް ބުނީ އެއީ "ރިޑިކިއުލަސް އެންޑް

އަންރިއަލިސްޓިކް" — ހަގީގީ ނޫން އަދި ހެއްވާ ޝަރުތުތަކެއް ކަމަށެވެ. ވައިޓް

ހައުސްގެ ޕްރެސް ސެކެޓަރީ ކެރޮލީން ލެވިޓް ބުނީ "ވާހަކަ ކާމިޔާބު ނުވެއްޖެ

ނަމަ ކުރިން ނުދެކޭ ފަދަ ވަރުގަދަ ހަމަލާ" ދޭނެ ކަމަށެވެ.

ސުލްހައިގެ މަޝްވަރާތަކުގެ މެދުވެރި މިވަނީ ކޮން ބައެއް ؟

މައި މެދުވެރިޔަކީ ޕާކިސްތާނެވެ. 15 ޕޮއިންޓް

ޕްލޭން ސީދާ އީރާނަށް ރައްދުކޮށްދިނީ ޕާކިސްތާނުންނެވެ. ނަމަވެސް ޕާކިސްތާނުގެ

އިތުރުން މިސްރާއި ތުރުކީ ވެސް މެދުވެރިންގެ ރޯލެއް އަދާކުރެއެވެ. އަލްޖަޒީރާ

ރިޕޯޓް ކުރި ގޮތުގައި ތިން ގައުމުން ވެސް ދަނީ ޕީސް މީޓިންގ އެއް ބޭއްވޭތޯ ބާރު

އަޅަމުންނެވެ. ތުރުކީގެ ވެރިކަން ކުރާ ޕާޓީގެ އޮފިޝަލެއް ކަމަށްވާ ހާރޫން އާމަޣާން

ރޮއިޓާސް އަށް ބުނީ "ދެ ފަރާތުގެ ދެމެދުގައި މެސެޖު ފޯރުކޮށްދިނުމުގައި"

ތުރުކީ ބައިވެރިވާ ކަމަށެވެ.

ޕާކިސްތާނު މައި މެދުވެރިއަކަށް ޚާއްސަ ވީ ގިނަ

ސަބަބުތަކާ ހެދިއެވެ. ޕާކިސްތާނަކީ އެމެރިކާ އާއި އީރާނާ ދެ ފަރާތާ ވެސް ގާތް

ގުޅުން އޮންނަ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ޕާކިސްތާނުގެ އާމީ ޗީފް

ފީލްޑް މާޝަލް އާސިމް މުނީރު އާއި ޓްރަމްޕާ ސީދާ ގާތް ގުޅުމެއް އެބައޮތެވެ.

ވޮޝިންގްޓަނުގައި އީރާނުގެ ޑިޕްލޮމެޓިކް އިންޓެރެސްޓް ތަމްސީލް ކުރަނީ ވެސް

ޕާކިސްތާނުންނެވެ. އީރާނަށް ފަހު ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ޝީއީ އާބާދީ

އޮތީ ޕާކިސްތާނުގައެވެ. އަދި 2024 ގައި ސައޫދީ އަރަބިއްޔާ އާ އެކު ޑިފެންސް

ޕެކްޓެއް ސޮއިކޮށް، ރިޔާޒު އާއި ވޮޝިންގްޓަން ދެ ފަރާތުގައި ވެސް އިތުބާރު

ހޯދާފައިވެއެވެ.

މަގުޗާޓެއް އެބަ އޮތްތަ ؟

ވާހަކަތައް ބާއްވާނެ ތަނެއްގެ ގޮތުގައި ވިސްނެނީ

ޕާކިސްތާނުގެ ވެރިރަށް އިސްލާމާބާދު ނުވަތަ ތުރުކީއެވެ. އަލްޖަޒީރާ ރިޕޯޓް ކުރި

ގޮތުގައި ތިން މެދުވެރިން ދަނީ ބުރާސްފަތި ދުވަހުގެ ކުރިން ބައްދަލުވުމެއް

ބޭއްވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އީރާނުން ދަނީ ވާހަކަ ދެއްކުމެއް ނެތް

ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ޓްރަމްޕް ވަނީ އީރާނުގެ ހަކަތައިގެ

އިންފްރާސްޓްރަކްޗާ އަށް ދޭން ރޭވި ހަމަލާތައް ފަސް ދުވަހަށް ފަސްކޮށް، އެ ފަސް

ދުވަހުގެ ތެރޭ ނަތީޖާ ފެނޭތޯ ބަލާނެ ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް