ކުރިއަށް އޮތް ހަ މަސް ދުވަހު ސްޓޫޑަންޓް ލޯނު ރީޕޭމަންޓް ދައްކާކަށް ނުޖެހޭނެ: ހަޔަރ އެޑިއުކޭޝަން

މިހިނގާ މާރިޗް މަހުން ފެށިގެން 6 މަސް ދުވަހަށް ލޯނު އަބުރާދެއްކުން ފަސްކުރުމަށް ސަރުކާރުން ނިންމަވާފައި ވާތީ މި 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސްޓޫޑަންޓް ލޯނު ރީޕޭމަންޓްގެ އެއްވެސް ފައިސާއެއް ދައ...

26 Mar 2020 | 12:59

މިހިނގާ މާރިޗް މަހުން ފެށިގެން 6 މަސް ދުވަހަށް ލޯނު އަބުރާދެއްކުން ފަސްކުރުމަށް ސަރުކާރުން ނިންމަވާފައި ވާތީ މި 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސްޓޫޑަންޓް ލޯނު ރީޕޭމަންޓްގެ އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 2020 މާރިޗް 25 ވީ ބުދަ ދުވަހު ޤައުމާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސްޓޫޑަންޓް ލޯނު ރީޕޭކުރަން ޖެހިފައިވާ ފަރާތްތަކުގެ ރީޕޭމަންޓް 6 މަސް ދުވަހަށް ފަސްކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައި ވާކަން ވަނީ އިއުލާނު ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވުމާއި ގުޅިގެން މިހާރު ސްޓޫޑަންޓް ލޯނު ދައްކަން ޖެހިފައިވާ 4000 އަށްވުރެން ގިނަ ދަރިވަރުންނަށް ކޮވިޑް19 އާއިގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށެވެ.

"ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ބީއެމްއެލް އާއި ބީއޯސީ މެދުވެރިކޮށް ދަރިވަރުން ނަގާފައިވާ ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމްގެ ލޯނުތަކާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ލޯނުތަކުގެ އިތުރުން މީރާއަށް ލޯނުރީޕޭކުރާގޮތައް ހަމަޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާ ފަރާތްތަކުން މިހިނގާ މާރިޗް މަހުން ފެށިގެން 6 މަސް ދުވަހަށް ލޯނު އަބުރާދެއްކުން ފަސްކުރުމަށް ސަރުކާރުން ނިންމަވާފައި ވާތީ މި 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސްޓޫޑަންޓް ލޯނު ރީޕޭމަންޓްގެ އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި ލޯނު ދައްކާ ހަލާސްކުރަން މިހާރު އެގްރީމަންޓް ކުރެވިފައިވާ މުއްދަތަށް އެގްރީމަންޓް ބަދަލުކުރުމަކާއިނުލާ 6 މަސްދުވަސް އިތުރު ވެގެން ދާނެއެވެ. އަދި މަހުންމަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެއެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ލޯނު ސްކީމްތަކުގެ ދަށުން ނަގާފައިވާ ލޯނުތައް ސީދާ މި މިނިސްޓްރީއަށް ފައިސާ ދައްކަމުން ގެންދާ ފަރާތްތަކުން ވެސް މި 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ލޯނު ރީޕޭކުރާކަށް ނުޖެހޭނެ ކަމަށާއި އަދި ކަމާގުޅޭ އިދާރާތަކާއިއެކު މިކަމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށެވެ. އެހެންކަމުން ސްޓޫޑެންޓްލޯނު ނަގާފައިވާ ފަރާތްތަކުން ލޯނުގެ ފައިސާ އަބުރާދައްކަމުންގެންދާ ބޭންކަށް، އެބޭންކަކުން އަންގާ ގޮތަކަށް އަމަލުކުރައްވަމުން ގެންދެވުން އެދޭކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް