ބުރުސޫރަ - ހަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ.... ކުއްލިއަކަށް ޝަމީމާ ފެނުމުން ޒިއަންވެސް ކުޑަކޮށް ޖެހިލުންވިއެވެ. ރާނީ އޭރުވެސް ހުރީ ހަދާނެ ގޮތް ނޭންގިފައި ޝަމީމާގެ މޫނަށް ބަލާށެވެ. "މީ ދޯ ކަލޭ މިހާރު ގަންނަ ގަނޑަކީ.." ރާނީގެ ...

26 Mar 2019 | 11:45

ކުރީގެ އަދަދާ ގުޅޭ....

ކުއްލިއަކަށް ޝަމީމާ ފެނުމުން ޒިއަންވެސް ކުޑަކޮށް ޖެހިލުންވިއެވެ. ރާނީ އޭރުވެސް ހުރީ ހަދާނެ ގޮތް ނޭންގިފައި ޝަމީމާގެ މޫނަށް ބަލާށެވެ.

"މީ ދޯ ކަލޭ މިހާރު ގަންނަ ގަނޑަކީ.." ރާނީގެ ކުރިމައްޗަށް އެރުމަށްފަހު ޝަމީމާ ވަރަށް ބާރަށް ބުނެލިއެވެ. އެ އަޑު ޖެހުމުން ރާނީ ސިހުނު މަންޒަރު ޒިއަންއަށް ވަރަށް ރީއްޗަށް ފެނުނެވެ.

"ކަލޭގެ ހުރި ހަޔާތްކުޑަކަން ބަލާލަބަލަ ހިލޭ ފިރިހެނުން ވައްދައިގެން. ހަމަ އަމާ ތެޅުން ވައްތަރަށް ތެޅޭ އެއްޗެއް މީ.." ޝަމީމާ އައި ގޮތަށް އައިސް ހިފީ ރާނީގެ އިސްތަށިގަނޑުގައެވެ. ޒިއަން އަކަށް އެމަންޒަރު ބަލާކަށް ކެތެއް ނުވިއެވެ.

"ދޫކޮށްލާ.." ދެލޯ ބޮޑު ކޮށްލުމަށްފަހު ޒިއަން ބުނެލިއެވެ. ރާނީގެ އިތުރުން ޝަމީމާ ވެސް ދިޔައީ ސިއްސައިގެންނެވެ. ޝަމީމާ ދެލޯ ބޮޑުކޮށްލިއެވެ. ޝަމީމާ ރާނީގެ ބޮލުން ދޫކޮށްލުމަށްފަހު ރާނީގެ މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުގައި ހިފާ ހިއްލައިލިއެވެ.

"މީ ޖިންނިއެއް... މީނަ ފަހަތުން މާބުރެއް ވެސް ނުދުވާނެ... ރަގަޅު ވާނީ ޒިއަންވެސް ދުރުވިއްޔާ... ފެނެއެއްނު އެބަ... މާ ރީތި އިސްތަށިގަނޑެއް އޮތީމަ މީހާގެ ހުތުރުކަން ފޮރުވަން ވަރަށް މަސައްކަތް ކުރާނެ..."ޒިއަންއަށް ރާނީގެ މޫނު ދައްކަމުން ޝަމީމާ ވާހަކަ ދެއްކިއެވެ. ރާނީ އަށް ރޮވިއްޖެއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން އޭނާ ބަލަމުން ދިޔައީ ޒިއަންގެ މޫނަށެވެ.

"އަހަންނަށް ހެޔޮޮ ކޮންމެ އެއްޗަކަސް... އަހަރެން މިއުޅެނީ ވަރަށް އަވަހަށް ރާނީ އާ ކައިވެނި ކުރަން... އެންމެ ފަހަރަކު ދެން އޭނަ ގައިގަ އަތްލިޔަސް އަހަރެން ޕޮލިހަށް އަންގާނަށް..." ރާނީގެ އިސްތަށިކޮޅުގައި ހިފަހައްޓައިގެން ހުރި ޝަމީމާގެ އަތް ފޮޅުވައިލަމުން ޒިއަން ބުނެލިއެވެ. އައި ރުޅިން ޝަމީމާ އެތަނުން ހިނގައްޖެއެވެ. ރާނީއަށް އަޑުން އަޑުނަގާ ރޮވެންފެށުނެވެ.

"ޒިއަން... ދޭ.. އަހަރެން... އަހަރެން ބުނީމެއް..." ޒިއަން ރާނީގެ އަނގަމަތީގައި ޝަހާދަތް އިނގިލި ޖައްސައިލިއެވެ. އަދި ރާނީގެ ގައިގައި ބައްދައިލިއެވެ.

"އަހަރެން އަންނާނަން ވަރަށް އަވަހަށް... އާދީއްތަ ދުވަހު ކިޔެވުންވެސް ފެށޭނެ... އެކަމަކުވެސް އަންނާނަން މަންމަ މެންނާ ވާހަކަ ދައްކާލާފަ ރާނީ ބަލާ.... ރާނީ ޖެހޭނެ ވަރަށް ކެތްކުރާން އިނގޭ..." ރާނީގެ ބޮލުގައި ފިރުމައިލަމުން ޒިއަން ބުނެލިއެވެ. ރާނީ ބޯ ޖަހައިލިއެވެ.

"އެމީހުން ކޮންމެ އެއްޗެއް ކިޔަސް އަޅާ ނުލައްޗޭ... އަހަރެން ކޮންމެ ދުވަހަކު ގުޅާނަން އިނގޭ" ރާނީ ގަޔާއި ދުރުކޮށްލަމުން ޒިއަން ބުނެލިއެވެ.

"ވަރަށް ހަނދާންވާނެ" ނޭފަތް ދަމައިލަމުން ރާނީ ބުނެލިއެވެ. ޒިއަން ރާނީގެ މޫނުގައިވި ކަރުނަތައް ފުހެލަދިނެވެ. އަދި ރާނީގެ ނިތުގައި ތުންފަތް ޖައްސައިލިއެވެ.

"އަހަރެންނަކަށް ނުދޭނަންތަ؟" ރާނީގެ ތުންފަތުގައި ބޮޑުވައި އިނގިލި ކާއްތައިލަމުން ޒިއަން ބުނެލީ ވަރަށް މަސްތީ ގޮތަކަށެވެ. ވަގުތުން ރާނީގެ މޫނުމަތި ރަތްވެގެން ދިޔައެވެ. އަދި ލަދުން އިސްޖަހައިލެވުނެވެ.

"ޕްލީސް ރާނީ..." ރާނީގެ ދަތްދޮޅީގައި ހިފައި އުފުއްލާލަމުން ޒިއަން އަނެއްކާވެސް ބުނެލިއެވެ. ރާނީ މަޑުމަޑުން ޒިއަންގެ ތުންފަތުގައި ތުންފަތް ޖައްސައިލިއެވެ. ދެވަނަ ސިކުންތުގައި އަނެއް ފަރާތައް އެނބުރުނެވެ. ޒިއަން ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. ޒިއަން ފަހަތުން ރާނީގެ ގައިގައި ބައްދައިލިއެވެ. ޒިއަން ފޯނު ނަގައި ދެމިހުންގެ ފޮޓޯއެއް ނެގިއެވެ.

"އަހަރެންގެ މޫނު އެއްކޮށް އަރުވަބަލަ.." ރާނީގެ އިސްތަށިކޮޅު ކަންފަތް ދޮށަށް ލައްވައިލަމުން ބުނެލިއެވެ.

"ޔެސް މައި ކުއީން.." ޒިއަން އަނެއްކާވެސް ފޮޓޯއެއް ނެގިއެވެ. އެއަށްފަހު ވަދާއީ ސަލާމް ކުރުމަށްފަހު ދާން ހިނގައިގަތެވެ.

ފުރަން ފާލަން ކައިރީ ހުއްޓައި ޒިއަންގެ ލޮލުގައި އަޅައިގަތީ ދުރުގައި ހުރި ގަހެއްގެ ފުރަގަހުގައި ބަލަން ހުރި ރާނީއެވެ. ޒިއަން ކުޑަކޮށް އަތް ހޫރާލިއެވެ. ރާނީވެސް އަތް ހޫރާލިއެވެ.

"އޭނަ ބަލަނީވެސް ޖިންނި އެއްހެންނޭ ހަމަ... ޝީ އިޒް އެވިލް.. ސީ... މޫނުގެ އެއްފަޅި ދައްކައިގެން އަދި ބަލާ އެ އިސްތަށިގަނޑު ދިގުކަން..." މާޒިންއަށް ރާނީ ފެނިގެން އީމާން އަށް ދެއްކިއެވެ. ޒިއަންއަށް މި އަޑު އިވުނެވެ.

"ކައެ ޖިންނި މޮޔަ ކޮށްލަން އެ މަންޖެ ގެންނަންތަ މިތަނަށް؟" ލޯންޗަށް އަހަރަން ހިނގައިގަންނަމުން ޒިއަން ބުނެލިއެވެ. މާޒިންގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.

"އަނގައޭ ކިޔާބަލަ..." މިހެން ބުނުމަށްފަހު ޒިއަންއަށް ވުރެ ކުރިން މާޒިން ލޯންޗަށް ފުންމައިލައިފިއެވެ. ޒިއަން ކައިރިޔަށް ހިނިއައެވެ. އީމާން އަދިވެސް ބަލަން ހުރީ ރާނީއަށެވެ. އޭނާ ވިސްނަމުން ދިޔައީ ކޮންކަމެއް ކަމެއް އެކަކަށް ވެސް ނޭންގެއެވެ.

***

ހަ ގަޑިއިރުގެ ދަތުރަކަށްފަހު ޒިއަން މެންނަށް މާލެ ދެވުންއިރު ރޭގަނޑު 9 ޖަހަނީއެވެ. ވަރުބަލި ވެފައިވާ ހާލު، ތިން މީހުންވެސް ވަކިވީ ފަހުން ދިމާވާނެ ކަމަށް ބުނެފައެވެ. ޒިއަން ބަލާ ކާރުގައި އައިސް އިނީ އޭނާގެ ދައްތައެވެ.

"ހައު ވޯޒް ދި ޓްރިޕް؟" ކާރު ދުއްވާލަމުން ޒައިނާ އަހައިލިއެވެ. ޒިއަން ބޯ ކަހައިލުމަށްފަހު ހީލިއެވެ. ޒައިނާ ޒިއަންއަށް ބަލައިލުމަށްފަހު ބުމަ އަރުވައިލިއެވެ.

"ދެން އެބަހުރި ވަރަށް ވާހަކަ... ގެއަށް ގޮސް ހަމަޖެހިލައިގެން ދޯ؟" ފޯނާ ކުޅެލަމުން ޒިއަން ބުނެލިއެވެ. ޒައިނާ އަކީ ކޮއްކޮ ދެކެ ވަރަށް ލޯބިވާ ދައްތައެކެވެ. ޒިއަންއާއި ޒައިނާއާއި ދެމެދުގައި ވަނީ އެންމެ ގާތް އެކުވެރިކަމުގެ ގުޅުމެވެ. ދެމީހުންނަށް ދެމީހުންގެ ހުރިހާ ވާހަކައެއް އެނގެއެވެ. ޒިއަންއަށް ޒައިނާ ކައިރީ ނުބުނެ އެއްވެސް ކަމެއް ނުކުރެވެއެވެ. ނުބުނަން ހުންނަ ވާހަކަތައްވެސް އޮޓޯ އިން ބުނެވެއެވެ. ދެމީހުންގެ ގުޅުން އެހާވެސް ވަރުގަދައެވެ.

"އޭނަ ގެއަށް އައިކަން އިނގޭތަ؟" ހިމޭން ވަގުތުކޮޅަކަށްފަހު ޒައިނާ އަހައިލިއެވެ. ޒިއަން ބަލައިލުމަށްފަހު ބޯ ހޫރައިލިއެވެ.

"ޒިއަން ދެން ކޮންމެވެސް ގޮތަކަށް ނިންމަބަލަ..." ޒިއަންގެ އަތުގައި ހިފައިލަމުން ޒައިނާ ބުނެލިއެވެ.

"ދެން ކުޑޫ ނިމިއްޖެއޭ... އެކަން ނިމިއްޖެއޭ.. އޭނައޭ އުޅެނީ..." ޒިއަން މިހެން ބުނިއިރު ކާރު ގޭ ގަރާޖު ތެރެއަށް ވަންނަނީއެވެ. އޭރު ޒާހިދާ ދޮރުމަތީގައި ހުއްޓެވެ.

"ހާދަ ކަޅު ވެއްޖެއޭ ދަރިފުޅު.." ޒިއަންގެ ބޮލުގައި ފިރުމައިލަމުން ޒާހިދާ ބުނެލިއެވެ. ދުވަސްކޮޅެއް ފަހުން ދަރިފުޅު ފެނުމުން އައިސްފައިވާ ބަދަލުތައް ވަގުތުން ޒާހިދާ ދެނެގަތެވެ.

"ދެން އަވީގަ އުޅެންޏާ ކަޅުވެސް ވާނެއެއްނު... އެއީ ކަޅުވުމެއް ނޫނޭ.. މިހިރީ ޓޭން ވެފަ ދޯ ޒިއަން..." ގޭތެރެއަށް ވަންނަމުން ޒައިނާ ބުނެލިއެވެ.

"ދެން ހިނގާ ކާން" ޒިއަންގެ އަތުގައި ހިފައިލަމުން ޒާހިދާ ބުނެލިއެވެ. ނަމަވެސް މިވަގުތު އޭނަ ބޭނުންވަނީ ފާހާނާ ކޮށްލާށެވެ. ފާހާނާ ކޮށްލައިގެން ނިކުމެ ފުރަތަމަވެސް ޒިއަން އަވަސްވެގަތީ ރާނީ އަށް ގުޅައިލާށެވެ. ދެފަހަރަކު ރިންގުވާއިރަށް ރާނީ ފޯނު ނަގައިފިއެވެ.

"ވަރަށް ހަނދާންވޭ" އެންމެ ފުރަތަމަ ވެސް ރާނީ ބުނެލީ މިހެންނެވެ. ދެމީހުން ފޯނުގައި ތިއްބައި ޒާހިދާ އަނެއްކާ އައިސް ޒިއަންއަށް ކާން ގޮވުމުން ޒިއަންއަށް ޖެހުނީ ފޯނު ބާއްވާށެވެ.

އީމާން އަށް ހޭލެވުނީ މީހަކު ދޮރުގައި ތަޅާ އަޑަށެވެ. ކަންނެތް ގޮތަކަށް ހިނގާލައިފައި ގޮސް ދޮރުހުޅުވިއިރު ފެނުން ސޫރައިން ނިދި ފިލައިގެން ދިޔަ ކަހަލައެވެ.

"މަންހާ؟" ދެލޯ ބޮޑުކޮށްލަމުން އީމާން އަށް ބުނެލެވުނެވެ.

"އާނ މަންހާ.. އަހަރެން ނަމްބަރު ބްލޮކް ކޮށްލައިގެން އުޅެވިއްޖެ އެއްނު ލައްކަ ދުވަހު... މެސެޖެއް ކުރިޔަސް ޖަވާބު ދެނީ އެއް ނޫން" ކޮޓަރި ތެރެއަށް ދެމިގަންނަމުން މަންހާ ވާހަކަ ދެއްކިއެވެ. އޭނާ ހުރީ ވަރަށް ރުޅި އައިސްފައެވެ.

"އަހަންނަށް އިނގެޔޭ ޒިއަން ބުނެގެންކަން އީމް އެހެން ތި ހަދަނީ... ބަޓް އައިމް ޔޯ ބެސްޓް ފްރެންޑް... އެންމެ ކުޑަމިނުން މެސެޖަކަށް ރިޕްލައި ކޮށްލިނަމަ..." މަންހާގެ ލޯ ފެންކަޅިވިއެވެ. އީމާން ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ. ބުނާނެ އެއްޗެއް ނޭންގުމުން އީމާން ބަހެއް ނުކިޔައި ހުރީއެވެ.

"އީމް ޕްލީޒް ޒިއަން ކައިރީ ބުނެބަލަ އަހަންނާ އެއްފަހަރު ވާހަކަ ދައްކާށޭ ޕްލީޒް... ހަމަ އެންމެ ފަހަރަކު ޕްލީޒް އީމް..." އީމާންގެ އަތުގައި ހިފައި ދަމަމުން މަންހާ އާދޭސް ކުރަމުންދިޔައެވެ.

"އަހަރެން ކިހާ މަސައްކަތެއް ކޮށްދިނިން... މަންހާ އަމިއްލަޔަށް ކޮންމެވެސް ކަމެއް ކޮށްގެން ތި އުޅެނީ... އަހަރެން ކައިރީ ވީ ކަމެއް ބުނީ އެއްވެސް ނޫން.. އެހެންވީމަ ދެން އަހަންނަކަށް އެއްވެސް ކަމެއް ނުކޮށްދެވޭނެ" މަންހާގެ އަތް ފޮޅުވައިލަމުން އީމާން ބުނެލިއެވެ. ޒިއަން އާއި މަންހާގެ ގުޅުން ހީނަރުވީ ކީއްވެކަން ނޭންގިހުރެވެސް، އީމާން އެދެމެދުގައިވި ދުރުކަން ކަނޑުވަން ވަރަށް މަސައްކަތް ކޮށްދީފިއެވެ. ހަގީގަތުގައި ޒިއަންއާއި މަންހާގެ ގުޅުން ބަދަހިކުރަން އޭނާ މަސައްކަތް ކުރާވަރަކަށް ތަދުވަނީ އޭނާގެ ހިތަށެވެ. އެކަން މަންހާއަށް ނުވިސްނެނީ ހެއްޔެވެ. ކުރިންވެސް އެ ހުރިހާ މަސައްކަތެއް ހިތް ހަރުކޮށްގެން ކުރީ އީމާންއެވެ. ދެން އޭނާ އަކަށް ނުވާނެއެވެ. މިހާރު ހިތަށް ބާރު ފޯރުވޭ ވަރަށްވުރެ އޭނާ މާ ބަލިކަށްޓެވެ.

"ޕްލީޒް އީމް..." މަންހާއަށް ހަމަ ރީއްޗަށް ރޮވިއްޖެއެވެ. އީމާންގެ ހިތް މަޑުވެގެންދިޔައެވެ.

"އޯކޭ އައި ވިލް ޓޯކް... ދެން ހުއްޓާލާ..." މަންހާގެ ކަރުނަތައް ފޮހެލަމުން އީމާން ބުނެލިއެވެ. މަންހާ އުފަލުން އީމާންގެ ގައިގައި ބައްދައިލިއެވެ. މަންހާއަށް އެއީ އާދައިގެ ކަމަކަށްވިޔަސް އީމާންގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. އެކަން ހަމަ މަންހާއަށް އިހުސާސް ނުވަނީ ހެއްޔެވެ.

"ދެކުދިން ކާން ވީނު؟" ހަލީމާ އައިސް ގޮވައިލުމުން މަންހާ އީމާންގެ ގައިން ދޫކޮށްލިއެވެ.

"ކަމެއް ގޯސްވީތަ؟" ދެމީހުންގެ މޫނަށް ބަލައިލަމުން ހަލީމާ އަހައިލިއެވެ. ބޯ ހޫރާލުމަށްފަހު އީމާން ކޮޓަރިން ނިކުތުމުން، ފަހަތުން މަންހާވެސް ނިކުތެވެ.

****

މާޒިން އާއި އީމާން އިންތިޒާރުކުރަމުން ދިޔައީ ޒިއަން އަންނާނެ އިރަކަށެވެ. އާ ސެމިސްޓާގެ ފުރަތަމަ ދުވަހުގެ ކިއެވުން މިއަދު ފެށުންއިރު، ފުރަތަމަ ގަޑި ފެށިގެން ކުރިއަށް ދަނީއެވެ. ގަޑި ފެށުންތާ ފަނަރަ މިނިޓް ވަނީއެވެ. ފުރަތަމަ ދުވަހުވެސް ޒިއަން ގަޑި ޖެހުމުން މާޒިން އާއި އީމާން ތިބީ ހިތްހަމަ ނުޖެހިފައެވެ.

އެމީހުންގެ އިތުރުން އެންމެ ފަހަތު ގޮނޑިބަރީގައި އިން މަންހާ ވެސް އިންތިޒާރު ކުރަމުން ދިޔައީ އެއްމަސް ފަހުން ޒިއަން ފެންނާނެ އިރަކަށެވެ. އެންމެންގެ އިންތިޒާރަށް ނިމުމެއް އައީ ކްލާސް ދޮރުމަތިން މީހަކު ސަލާމް ގޮވައިލީމައެވެ.

ނޫ ކުލައިގެ ސްކިނީ ޖިންސަކާއި ކަޅު ކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެން ހުރިއިރު ޒިއަންގެ ރީތިކަން އިންތިހާއެވެ. ތެތް އިސްތަށިކޮޅު ރީތި ގޮތަކަށް އަތުން ފުނާއަޅާލައިފައިވާއިރު، އެ މޫނުމަތިން ފެންނަމުން ދިޔައީ ތާޒާކަމެވެ. ކުޑަކޮށް ދިގުވެފައިވާ ތުނބުޅިއާއި މަތިމަހުގެ ސަބަބުން އެ މޫނުގެ ފުރިހަމަކަން ދެގުނައެވެ. މަންހާއަށާއި އެ ކުލާހުގެ ދެން ތިބި އަންހެން ކުދިންނަށް ތިބެވުނީ ޒިއަންއަށް ބަލަހައްޓައިގެންނެވެ.

"ހެލޯ ޒިއަން... ނައިސް އެންޓްރީ ފުރަތަމަ ދުވަހު" ޒިއަން ކްލާހަށް ވަދުމުން ކިޔަވަދޭން ހުރި ޓީޗަރު މިހެން ބުނެލުމުން އެންމެންނަށް ހެވިއްޖެއެވެ. ޒިއަން ވަދެގެން އައިސް މާޒިން ކައިރީ ހުރި ހުސް ގޮނޑީގައި އިށީނުމުން އެންމެންވެސް ތިބީ އަޖައިބުވެގެން ބަލާށެވެ. ޒިއަން އެކަމަކާ އަޅައެއް ނުލައެވެ. އީމާން މަޑުމަޑުން ފަހަތް ބަލައިލިއިރު، މަންހާ އިނީ ފެންކަޅިވެފައި ޒިއަންއަށް ބަލާށެވެ. އީމާންގެ ހިތުގައި މީހަކު ވިކައިލިހެން ހީވުމުން އަވަހަކަށް ކުރިމައްޗަށް އެނބުރުނެވެ.

ފުރަތަމަ ގަޑި ނިމި، ލިބުން ބްރޭކް ގަޑީގައި ޒިއަން ބޭރަށް ނިކުތީ ފޯނެއް އައުމުންނެވެ. ހިނގަމުން ހިނގަމުން ޒިއަން އަށް މަޑުކޮށްލެވުނީ ފާހާނާތައް ކުރިމަތީއެވެ. ޒިއަން ސިއްސައިގެން ދިޔައީ މީހަކު އައިސް ޒިއަންގެ ފުރަގަހުން ބައްދައިލީމައެވެ. ޒިއަންއަށް އެއީ ކާކުކަން ހަމަ ރަގަޅަށް އެނގިއްޖެއެވެ. ޒިއަންގެ ބަނޑުގައި ވަށައިލައިފައިވާ އެ އަތް ނައްޓުވައިލިއެވެ. އަދި ފަހަތަށް އެނބުރި ބަލައިލިއެވެ.

"މަންހާ މޮޔަވީތަ؟" މިހެން ބުނުމަށްފަހު ޒިއަން ދާން ހިނގައިގަތެވެ. ނަމަވެސް ޒިއަން ހުއްޓުނީ ފަހަތުން މަންހާ އޭނާގެ އަތުގައި ހިފައި ހުއްޓުވީމައެވެ.

"ޕްލީޒް އެންމެ ފަހަރަކު އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ ޒިއަން.." ޒިއަން ކައިރިއަށް އައި ރުޅިން އެ އަތް ފޮޅުވައިލިއެވެ.

"ޒިއަން އައި ލަވް ޔޫ.. ޕްލީޒް އެންމެ ފަހަރަކު..." މަންހާ އަނެއްކާ ވެސް ޒިއަންގެ އަތުގައި ހިފައިލިއެވެ. މަންހާ އަށް ގިސްލެވެމުން ދިޔައެވެ. ޒިއަން މަންހާ އާއި ކުރިމަތިލިއެވެ.

"މަންހާ އަށް ނޭންގެނީތަ މި ބުނާ އެއްޗެއް؟ އިޓްސް އޯވާ... ދައްކާނެ ވާހަކައެއް ދެން ނެތް... އެންމެން ކުރިމަތީ ސީން އެއް ކްރިއޭޓް ކުރަން ނޫޅެއްޗޭ... އަހަރެން ނޫޅެން މަންހާގެ ތި ޑްރާމާ ބަލާކަށް..." ޒިއަން ކައިރިއަށް ހުރީ ވަރަށް ރުޅި އައިސްފައެވެ. އައި ރުޅިން އޭނާ އެތަނުން ދިޔައީ ވައިރޯޅިއެއް ހާ ބާރަށެވެ. މަންހާ އަށް ރީއްޗަށް ރޮވިއްޖެއެވެ.

"އޯނ.. ބޯއިފޮރެންޑް ރުޅިވީތަ؟ ސޭޑް މަންހާ... އެހާ ލޯބި ބިޓެއް ލިބުނީމަވެސް ކޫޑި ކަމުން އުޅޭކަށް ނޭންގުން ވިއްޔަ.... ހެހެހެހެ" ފާހާނާއިން ނިކުތް ޒޭބާ އަށް އެމީހުން ދެއްކި ހުރިހާ ވާހަކައެއް އިވުނެވެ. ޒޭބާ އަކީ މުޅި ކޮލެޖުންވެސް މަންހާ އެންމެ ރުޅިއަންނަ އެކަކެވެ. މަންހާ ކައިރިޔަށް އައި ރުޅި ހިފީ ބުރުގާ މަތިން ޒޭބާ ބޮލަށް ޖަހައިފައިވާ ހުޅީގައެވެ.

"ކަލޭ ނުފުއްޕައްޗޭ އިނގޭ... މަގޭ ޒިއަން އަކީ ހަމައެކަނި މަގޭ މީހެއް" ޒޭބާ ކޮއްޕައިލަމުން މަންހާ މިހެން ބުނުމަށްފަހު ދާން ހިނގައިގަތެވެ.

މިހުރިހާއިރު އެތާ ހިނގި ހުރިހާ ކަމެއް ބަލަން ދުރުގައި ހުރި އީމާންގެ ލޯވެސް ހުރީ ފެންކަޅިވެފައެވެ. އޭނާ ވިސްނަމުންދިޔައެވެ. މިއީ އޭނާ އަށް ހެވަކަށް ވާ ކަމެއްބާއެވެ. މަންހާގެ ހިތުން ގާތް ރަހުމަތްތެރިއެއްގެ ލޯބި ފިޔަވާ އިތުރު ލޯތްބެއް ލިބޭނެ ބާއެވެ. މަންހާ ލޯބިވަނީ ޒިއަން ދެކެއެވެ. އެއީ ލޯތްބެއް ނޫނެވެ. މަންހާ އެވަނީ މިހާރު ޒިއަން ދެކެ މޮޔަވެފައެވެ. އެ މޮޔަކަން ފިލުވައިލައި، މަންހާގެ ހިތުގައި އޭނާއަށްޓަކައި ލޯބި އުފައްދާނީ ކިހިނެއް ހެއްޔެވެ. އީމާންގެ ހިތް ވަނީ ކުދިކުދި ވެފައެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް