ފިލިޕިންސްގެ ކަލޫކަން ސިޓީގައި ދިރުއުޅޭ ރައްޔިތުންނަށް ސޯޓު އަދި ކުރު އެއްޗެހި ލައިގެން މަގުމައްޗަށް ނިކުތުން މަނާކޮށްފިއެވެ.
ފިލިޕިންސްގެ މީޑިއާއެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ސިޓީގައި ސޯޓު އަދި ކުރުއެއްޗެހި ލައިގެން މަގުމައްޗަށް ނިކުންނަ މީހުން ޖޫރިމަނާ ކުރާނެ ކަމަށް އެ ސިޓީގެ ސްޓޭޓް މިނިސްޓަރު ޖެސިކާ ސޯހޯ ވިދާޅުވެފައިވެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރާނީ 500 ޕޭސޯ (ފިލިޕިންސް ކަރަންސީ) އަށެވެ. ދެވަނަ ފަހަރު 1000 ޕޭސޯއަށް ޖޫރިމަނާ ކުރާނެކަމަށް ޖެސިކާ ވިދާޅުވިއެވެ. އަދި އެފައިސާ ނުދެއްކެއްޖެނަމަ ނުވަތަ ދެއްކެން ނެތްނަމަ، ސޯޓު ލައިގެން ހުއްޓައި ހައްޔަރުކުރި ސަރަހައްދު، ތިނެއް ނުވަތަ ހަތަރު ދުވަހު ސާފުކުރަން ޖެހޭނެކަމަށްވެސް ޖެސިކާ ވަނީ އަމުރުކުރައްވާފައެވެ.
މި ގަވާއިދު ކަލޫކަންގައި 2007 ވަނަ އަހަރުންފެށިގެން ވަނީ ހަދާފައެވެ. ނަމަވެސް އަދިވެސް މި ގަވާއިދާ އެއްގޮތަށް އަމަލު ކުރެވެން ފަށާފައި ނުވާކަމަށް މީޑިއާތަކުން ބުނެއެވެ. މިއަދުން ފެށިގެން މި ގަވާއިދާ އެއްގޮތަށް އަމަލުކުރަން ނިންމާފައިވާ ކަމަށް ޕިލިޕިންސްގެ ރިޕޯޓުތައް ބުނެއެވެ.
މިކަމާ ގުޅިގެން ޖެސިކާ އިތުރަށް ވިދާޅުވީ، ކުރު އެއްޗެހި ލައިގެން މަގުމައްޗަށް ނިކުތުން ރަގަޅު ނޫންކަމުގައެވެ. އަދި މިހާ މޮޑާން ޒަމާނެއްގައި، ހާއްސަކޮށް އަންހެން ކުދިން ކުރު ހެދުމާއި ސޯޓު ފަދަ ތަކެތި ލައިގެން މަގު މައްޗަށް ނިކުތުން އެހާ ރައްކާތެރި ނޫންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް